Support Us

"އިސްޓޮރިއާ ދެ އުން އަމޯރް": ގެއްލުނު ލޯތްބެއްގެ ވާހަކައެއް

މިއީ 'އިސްޓޮރިއާ ދެ އުން އަމޯރް' (ލޯބީގެ ވާހަކައެއް) މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައަކީ ޕެނަމާގެ ކާރްލޯސް އެލީޓާ އަލްމަރާން އޭ ކިއުނު މީހަކު އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން އެ ލޯބިވެރިޔާ މަރުވުމުން، އޭނާގެ ހަނދާނުގައި ހަދައިފައިވާ ލަވައެކެވެ. ބުނެވޭ ގޮތުގައި މި ލަވައަކީ އިސްޕޭނުބަހުގެ އެންމެ މަޝްހޫރު، އަދި އެތައް ފަންނާނުންނެއް ކިޔައިފައިވާ ލަވަތަކުގެތެރޭގައި ގުނާލެވޭ ލަވައެކެވެ. މި ހުށަހަޅާލުމަކީ މެކްސިކޯގެ އެނާ ގެބްރިލްގެ ކިއުމެވެ.

ލަވަ ބިނާވެފައިވަނީ މަރުވެދިޔަ ލޯބިވެރިޔާއާއި މުޚާތަބުކޮށް، އޭނާއަށް ކިއައިދޭ ވާހަކަތަކެއްގެ ސިފައިގައެވެ. ލަވަ ފެށެނީ އޭނާއާ މުޚާތަބުކޮށް، ލޯބިވެރިޔާއަކީ ރާވީގެ (ނެރޭޓަރުގެ) 'ހިތް' (ކޮރަޒޯން) ކަމުގައި ބުނެ، އޭނާ ނެތްކަން ފާހަގަކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ރާވީއަށްކޮށްފައިވާ އަސަރު ބަޔާންކޮށްދެމުންނެވެ. އޭނާގެ 'ހިތް' މިއަދު ދުނިޔޭގައި ނެތުމުން ރާވީ ވަނީ މުޅިން އެކަނިވެރިވެފައެވެ. އޭނާގެ ދުނިޔެއޮތީ އަނދިރިވެފައެވެ. އޭނާގެ ލޯބިވެރިޔާއާ އެހާ އަވަހަށް ވަކިވާން ޖެހުން، ތަގުދީރުގައި ލިޔެވިފައި އޮތްކަމަށް ވާއިރު، ރާވީގެ ހިތުގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ލޯބިޖެހެން އިރާދަކުރެއްވީ ކީއްވެގެން ބާވައޭ، ރާވީ އޭނާގެ ހިތާ ސުއާލުކުރެއެވެ. އޭނާއަށް އިތުރު ވޭން ލިބިދިޔުމަށްޓަކައިބާވައެވެ؟ އެ ސުއާލަށް ޖަވާބު ދެމުން ރާވީ މިހެން ބުނެއެވެ. އާދެ، މިކަމުން، ހާމަވެގެންދަނީ ރާވީގެ ލޯބިވެރިޔާ މަރުވެދިޔުމުން، އޭނާއަށް ކޮށްފައިވާ ފުން އަސަރެވެ. އޭނާ ބަރުދާސްތުކުރަމުންދާ ހިތި ހިތާމައެވެ.

ލޯބިވެރިޔާއާ ދައްކަމުންދާ ވާހަކަތައް ކުރިއަށް ގެންދަމުން، ރާވީ ދެން ފާހަގަކޮށް ބުނެދެނީ، ރާވީގެ ހަޔާތުގައި އޭނާގެ ލޯބިވެރިޔާއަށް ދެވިފައިވާ ޚާއްސަ މަގާމެވެ. ރާވީ ބަޔާންކުރާ ގޮތުގައި، އޭނާ ދިރިހުރުމުގެ ސަބަބަކީ އޭނާގެ ލޯބިވެރިޔާއެވެ. އޭނާއަކީ ރާވީއަށް އެހާވެސް މުހިއްމު މީހެކެވެ. އަދި ރާވީ، އޭނާގެ ލޯބިވެރިޔާ ދެކެ އިންތިހާ ދަރަޖައަށް، އާދެ، އަޅުކަންކުރާހާ ވަރަށްވެސް، ލޯބިވާކަން ބުނެ އިއްވައެވެ. އެހެން ނުވާނީވެސް ކީއްވެތޯއެވެ؟ އެ ލޯތްބަކީ އޭނާގެ ހިތުގެ ޖަޒުބާތުތައް ހިލުވާލައި، އޭނާއަށް ދިރުންދޭ ވަރުގަދަ ބާރެވެ. އެއީ އެފަދަ ދެވަނަ މިސާލެއް ނުވާ، ސާފު ތާހިރު ލޯތްބެކެވެ. އުފަލާއި ހިތާމައަކީ ކޮބައިކަން އޭނާއަށް ދަސްކޮށްދިން ލޯތްބެވެ. އެ ލޯބި ހާސިލުވުމުން އޭނާއަށް އުފަލާއި އަރާމު ލިބުނެވެ. އެ ހަމަޖެހުމާއި ބާއްޖަވެރިކަން އޭނާގެ ހަޔާތަށް ގެނެސްދިނެވެ. އެ ލޯބިން މަހުރޫމުވުމުން، އޭނާގެ ދުނިޔެ އަނދިރިވެ، އޭނާއަށް ހިތާމަތައް މެދުވެރިވިއެވެ. އޭނާގެ ހަޔާތުގެ ހަމަޖެހުން ގެއްލި، އޭނާގެ ހަޔާތް އަބާއްޖަވެރިވެގެން ދިޔައެވެ. އޭނާގެ ލޯބިވެރިޔާގެ މަރުވިރޭ ސިފަކޮށްދީފައިވާ ގޮތުގެ މައްޗަށް ބަލާލުމުން މިކަން ދޭހަވެގެން ދެއެވެ. އާދެ، އޭނާ ބަޔާންކުރާގޮތުގައި، އެ ރެއަކީ، އޭނާގެ ހަޔާތުގެ މަގުތައް އަލިކޮށްދީ، އޭނާއަށް މަގުދައްކައިދޭ، އަލިގަދަ ދަންމަރު ނިވިގެން ދިޔަ ރެއެވެ. އޭނާގެ ދުނިޔަވީ ހަޔާތުގެ އުޑުގައި ބޯ، ކަޅު ވިލާތައް ނަގައި، އޭނާގެ ދުނިޔެ މުޅިން އަނދިރިކޮށްލި ރެއެވެ. އަދި، އެހެންވެ، ދުނިޔޭގައި އޭނާއަށް ދިރިހުރުން އުނދަގޫވެގެން ދިޔަ ރޭ ވެސް މެއެވެ.

މިލަވަ، ދިވެހި ތަރުޖަމާއާއެކު އަޑުއައްސަވައިލައްވަން ބޭނުންފުޅުނަމަ ތިރީގައިވާ ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.