...

Support Us

ވަހީދާއި ޔޫސޭ (ވ) އަދިވެސް އަށް އިންޓަވިއު ދެނީ... -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ޔޫސޭއާއެކު މިއީ ކާކު؟ އޭނާގެ ދިރިއުޅުމަކީ މިއީބާ؟

ދުވަހަކުވެސް މޯބައިލް ފޯނެއް ނުގެންގުޅޭ މީހަކާ ރާއްޖެއިން ދިމާވިހެއްޔެވެ؟ އެއީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ވަރަށް ނާދިރުކަމެއްކަން ކަށަވަރެވެ. ރާއްޖޭގެ އާބާދީގައި 555،000 އަށްވުރެ ގިނަ މީހުން ތިބި އިރު، 763،800 އަށްވުރެ ގިނަ މޯބައިލް ކަނެކްޝަން ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެކަމަކު ބައްތި ފޯނެއްހާ ހިސާބުވެސް ދުވަހަކުވެސް ނުގެންގުޅޭ މީހަކާ އަޅުގަނޑާ އަލަށް ދިމާވެއްޖެއެވެ. ނުވަތަ ދިމާކޮށްފީމެވެ. ފޯނެއް ނުގެންގުޅޭތީ އޭނާ ފެނުނީ ވެސް ކުޑަ މަސައްކަތެއް ކޮށްލައިގެންނެވެ.

އޭނާ ހޯދަން، މަޝްހޫރު ކޮމޭޑިއަން ޔޫސުފު ރަފީއުއާއެކު، އައި.ޖީ.އެމް.އެޗު ކައިރީން ސައިކަލްގައި އަޅުގަނޑުމެން ނައްޓާލީ ރޭ އަށްގަޑި ބައިވިތަނާއެވެ. ފޯނެއް ގެންގުޅުނަސް، ޔޫސޭއަކީ ވެސް އަތުލައިގަންނަން އެހާ އުނދަގޫ މީހެކެވެ.

ވަހީދު ފެނޭތޯ އަޅުގަނޑުމެން ފުރަތަމަ ދިޔައީ ޓީވީ މޯލްޑިވްސްގެ އިރުން، އަމީނީމަގު ކަންމައްޗަށެވެ. އެ ހިސާބަކު ނެތެވެ. ދެން ދިޔައީ ޕީޓްރަލް ސަރަހައްދަށެވެ. އެތަނަކުންވެސް ނުފެނުނެވެ. ދެން ދިޔައީ (ލޮޓަސް ބައިކް ޝޮޕް ކައިރީ) ނިކަގަސްމަގުގެ އުތުރުކޮޅުގައި ހުރި ހޮޓަލެއް ކައިރިއަށެވެ. އެ ހިސާބަކުވެސް ނެތެވެ. މިރޭ އޭނާ ފެނުމުގެ އުންމީދު މުޅިން ގެއްލުނީ ކަމަށް ނިންމައި، އެންމެފަހު ތަނެއްގެ ގޮތުން ބަލައިލަން ނިންމީ ނިކަގަސްމަގުން ދެކުނަށް ގޮސް، އަމީނީމަގަށް ނުކުތުމުގެ ކުރިން ހުންނަ، (ފިހުނު ކުކުޅު ވިއްކާ) "މުސަންމާ ކެފޭ" ހިސާބެވެ. އެ ތަނާ ކައިރިވީތަނާ، އެތާ ކުޑަދޮރެއްގައި އަތް އަޅުވާލައިގެން، ކެފޭތެރެއިން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ހުއްޓައި އޭނާ ފެނިއްޖެއެވެ. ޔޫސޭ އަވަސްއަވަހަށް ސައިކަލުން ފައިބައިގެން އޭނާ ކައިރިޔަށް ހިނގައްޖެއެވެ.

ދުވަސްތަކަކަށްފަހު ޔޫސޭ އާއި ވަހީދު (ވ) ބައްދަލުވީ ވަގުތު… -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"މިއީ އަޅުގަނޑުގެ އުސްތާޒު އިނގޭތޯ. މިއީ ޔޫސޭ، ޔޫސޭއަކަށް ހެދި ބޭފުޅަކީ. އެހެންނު. މިއީ މަގޭ ޑައިރެކްޓަރު، ޕްރޮޑިއުސަރު، ހުރިހާ އެއްޗެއް. މަމީ އެކްޓަރު. މިހާރު އަދި (އަހަންނަކީ) ކޮންމެ ޑައިރެކްޓަރެކޭ ކިޔަސް. މިއީ އަސްލު ޑައިރެކްޓަރު،" އޭނާގެ ކޮނޑަށް އަތްލައިގެން ހުރެ، ޔޫސޭ ވާހަކަ ދައްކަމުންދިޔައެވެ. ދެން ކޮފީއެއް ބޯލައި، ވާހަކަ ދައްކާލަން، ތިން މީހުން އެކުގައި އެ ކެފޭއަށް ވަނުމުގެ ކުރިން، ހަނދާނަކަށް ސެލްފީއެއް ނެގީމެވެ.

ޔޫސޭ އާއި ވަހީދާއެކު "އަދިވެސް"ގެ އެޑިޓަރު މުހައްމަދު ޝަހީބު ސެލްފީއެއް ނަގަނީ… -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

އެއީ އަހުމަދު ވަހީދު އަލީއެވެ. ރާއްޖޭގައި އުފެދުނު މޮޅެތި ލިޔުންތެރީންގެ ތެރޭގައި ހިމެނުނު މީހެކެވެ. ރާއްޖޭގެ މަޝްހޫރު ލިއުންތެރިޔާ މަޑުލު މުހައްމަދު ވަހީދުގެ ކޮއްކޮ، އަހުމަދު ވަހީދަކީ ވެސް ގައުމީ އަދި އިޖުތިމާއީ އަދި ސިޔާސީ ތަފާތު މައްސަލަތަކަށް ލިޔުނު މީހެކެވެ. ޚިޔާލުފާޅުކުރުމާއި ލިއުންތެރިކަމުގެ މިނިވަންކަން ރާއްޖޭގައި ނެތް، ނުވަދިހައިގެ ކުރީކޮޅުގައި ވަހީދުގެ ގަލަމުން ގިނަ ލިއުންތަކެއް ލިޔުނެވެ. އޭނާގެ ލިއުންތައް އެންމެ ފަހުން ފެނުނީ "ހުކުރު" ހަފުތާ މަޖައްލާއިންނެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން "ތޮށިގަނޑު ފަޅާލައިފައި" ނުކުންނަން ސަރުކާރުން ގޮވާލި ދުވަސްވަރެވެ.

ވަހީދުގެ ލިއުންތެރިކަމުގެ ވާހަކަ އަދި އިހަށް ބާއްވާށެވެ. ސަބަބަކީ އޭނާއަކީ ހަމައެކަނި ލިއުންތެރިއެއް ނޫނެވެ. ހއ. ހޯރަފުއްޓަށް އުފަން ވަހީދަކީ ޓީވީ މޯލްޑިވްސް އުފެދިގެން އައިއިރު އެތަނުގައި މަސައްކަތްކުރި، މޮޅު ޕްރޮޑިއުސަރެކެވެ. ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މަގުބޫލް ކޮމެޑީ ޑްރާމާ ސިލްސިލާ "ދިރިއުޅުމަކީ މިއީބާ؟" އުފަންކޮށް، އެ ޑްރާމާގެ ސްކްރިޕްޓް ލިޔެ، ޑައިރެކްޓްކުރީވެސް އޭނާއެވެ. މިއީ މަދު ބަޔަކަށް ނޫނީ ފަހަރުގައި އެނގިފައި ނެތް ހަގީގަތަކަށް ވެސް ވެދާނެއެވެ.

"ދިރިއުޅުމަކީ މިއީބާ؟" އަކީ ޓީވީއެމްގައި ވަހީދު އުފެއްދި ފުރަތަމަ ޑްރާމާއެއް ނޫނެވެ. އޭގެ ކުރިން އޭނާ އެހެން ޑްރާމާ ސިލްސިލާއެއް ވެސް އުފެއްދިއެވެ. އެއީ "ހައްހާ ހިއްހީ ހުއްހޫ" އެވެ. އެއީ ވެސް އިޖުތިމާއީ ތަފާތު މައްސަލަތައް، ކޮމެޑީ ސިފައެއްގައި ގެނެސްދިން ޑްރާމާތަކެކެވެ. އޭގެވެސް ބަތޮލަކަށް އުޅެނީ ޔޫސޭއެވެ. (އެ ޑްރާމާތައް ކޮންމެވެސް ބަޔަކު ވަނީ ޓީވީއެމް އާކައިވުން ފޮހެލާފައި ކަމަށް ވެއެވެ.) ވަހީދާއެކު ޓީވީއެމްގެ ޕްރޮޑިއުސަރަކަށް މަސައްކަތްކުރި ޔޫސޭގެ ފިލްމީ ކެރިއަރުގެ ފެށުމަކީވެސް "ހައްހާ ހިއްހީ ހުއްހޫ" އެވެ. (މާޗު 29، 1978ގައި އުފަންވި ޓީވީއެމަށް ޔޫސޭ ވަނީ ވަހީދަށްވުރެ ފަހުން، 1979ގައި، ޔޫސޭގެ އުމުރުން 16 އަހަރުގައެވެ.)

"ޓީވީއެމްގައި އުޅެނިކޮށް ލިބުނީ ސިންގަޕޫރުން ކޯހެއް. އޭރު އަހަރުމެން އައީ "ހައްހާ ހިއްހީ ހުއްހޫ" ޑްރާމާ ހަދަމުން. ކޯހަށް ގޮސްފައި އެތަނުން ދިމާވި ދެ ލެކްޗަރަރުން. އެއީ މައިކް ކެތަރވުޑްސް އާއި ހެރިސް ވޮޓްސް. އެ މީހުންނަކީ ވަރަށް މޮޅެތި ޕްރޮޑިއުސަރުން. އޭރު ހެރިސް ވޮޓްސް ހަދާނެ "ވަޓް އިސް ލައިފް؟" ނަމަކަށް ކިޔާ ޑްރާމާއެއް. އެ ޑްރާމާއަކީ ވެސް އިޖުތިމާއީ ތަފާތު މައްސަލަތައް ގެނެސްދޭ ޑްރާމާއެއް. އެހެންވެ މާލެ އައިސް "ވަޓް އިސް ލައިފް؟" މި ނަން ދިވެހިބަހަށް ތަރުޖަމާކޮށްގެން، "ދިރިއުޅުމަކީ މިއީބާ؟" ހަދަންފެށީ،" މީޑިއާއަކަށް ދިން ފުރަތަމަ އިންޓަވިއު "އަދިވެސް" އަށް ދެމުން ވަހީދު، 70، ރޭ ކިޔައިދިނެވެ.

"ދިރިއުޅުމަކީ މިއީބާ؟"ގެ އެކްޓަރަކަށް ވެސް ވަހީދު ހަމަޖެއްސީ ޔޫސޭއެވެ.

ވަހީދު ބުނި ގޮތުގައި "ދިރިއުޅުމަކީ މިއީބާ؟"ގެ ފުރަތަމަ އެޕިސޯޑް ހަދައިފައި އޮންނާނީ ބާޒާރުމަތީގައި ދިމާވާ ހާދިސާއެއްގެ މައްޗަށެވެ.

ޔޫސޭ ބުނި ގޮތުގައި "ދިރިއުޅުމަކީ މިއީބާ؟"ގެ ހަތްދިހަ އަށްވުރެ ގިނަ އެޕިސޯޑް ވަހީދު އުފެއްދިއެވެ. ވަހީދު ޓީވީން ވަކިވުމުން، "ދިރިއުޅުމަކީ މިއީބާ؟" ދެން އުފައްދަމުންދިޔައީ ޔޫސޭގެ ޑައިރެކްޓަރުކަމުގެ ދަށުން އޭނާއެވެ. ޔޫސޭ ޓީވީއެމުން ވަކިވި ފަހުން ވެސް، އޭނާ އަންނަނީ މެދުނުކެނޑި ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް "ދިރިއުޅުމަކީ މިއީބާ؟" އުފައްދަމުންނެވެ. ދައްކަމުން އަންނަނީ އަމިއްލަ ޓީވީ ޗެނަލްތަކުންނާއި އޮންލައިން ނޫސްތަކުގެ ޔޫޓީއުބް/ އެފް.ބީ ޕޭޖުތަކުންނެވެ. "ދިރިއުޅުމަކީ މިއީބާ؟" އުފައްދާތާ މިހާރު ސާޅީސް އަހަރަށްވުރެ ގިނަދުވަސް ވެއްޖެކަން ޔޫސޭ އުފަލާއެކު ފާހަގަކުރެއެވެ.

"ދިރިއުޅުމަކީ މިއީބާ؟" އަކީ ކިތަންމެ ކޮމެޑީ ޑްރާމާއެއް ނަމަވެސް، އެންމެ ކުރިއްސުރެ ވެސް އޭގައި، ސަރުކާރަށާއި ވެރިންނަށް އެކި ގޮތްގޮތުން ގާބުރިބުރި އެއްލައި، ޖޯކު ޖަހައި، ފަޑުކިޔައިފައި ހުރެއެވެ. އެހެންކަމުން ޓީވީއެމުން އެ ދައްކަމުންދިޔައީ ސީދާ އެންމެ މަތިން ސެންސަރުވެސް ކޮށްގެން ކަމަށް ޔޫސޭ ބުންޏެވެ.

ވަހީދާއި ޔޫސޭ (ވ) އަދިވެސް އަށް އިންޓަވިއު ދެނީ… -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ނިންމާލި ހިސާބުން، ވަހީދުގެ ލިއުންތެރިކަމުގެ ވާހަކަ އަލުން ފަށަމާ ހިނގާށެވެ.

އިޖުތިމާއީ ތަފާތު މައްސަލަތަކަށް ވަހީދު ލިޔަމުން ދަނިކޮށް، އޭނާގެ ގަލަމުގައި ދޯރި ޖަހަން ޖެހުނީ "ހުކުރު"ގައި ވަހީދު ލިއުނު ލިއުމަކާ ގުޅިގެން، އޭނާ ހައްޔަރުކޮށް، ޖަލަށްލުމުންނެވެ. "ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް އަންނާނީ ކޮން ފާޑެއްގެ އިސްލާހެއްބާ؟" މި މައިގަނޑު ސުރުޚީގެ ދަށުން އަދި ސަބް ހެޑިންގެ ގޮތުގައި "*ތިން ހަތަރު މަގާމުގައި ފުރުއްވާ ބޭފުޅުންނާއި ބޭކާރު އޮފީސްތައް *ބޭނުމެއް ނެތް ބޭކާރު މުވައްޒަފުންނާއި ބޭރުން ގެނެސްފައިވާ މުވައްޒަފުން *ކޮންމެ ކޮންމެ ވެރިޔަކަށް ހެޔޮ އިސްލާހެއް ނުގެންނެވޭނެ" ކަމަށް ބުނެ 25 މެއި 1990ގެ "ހުކުރު"ގައި ވަހީދު ލިޔުނު ލިއުމާއެކު އޭނާ ދޫނިދޫ ޖަލުގައި ހައްޔަރުކުރިއެވެ. ޖަލުގައި 30 ދުވަހު ބާއްވާފައި މާލެ ގެނެސް، ހުކުމްކޮށް ހަމަސް ދުވަހު ގޭބަންދުކުރި ކަމަށް ވަހީދު ބުނެއެވެ.

"އެކަމަކު ދެ އަހަރު ގޭގައި ބެހެއްޓި،" އެ ދުވަހުގެ ހަނދާންތައް އާކުރަމުން ވަހީދު ބުންޏެވެ. "ކޯޓުން ހުކުމް ކުރީ އިސްލާމް ދީނާ ޚިލާފު ވާހަކަ ދައްކައިގެން ކަމަށް ބުނެ."

25 މެއި 1990ގެ "ހުކުރު"ގައި ވަހީދު ލިޔުނު ލިއުން. (މި ލިއުން ލިބިފައި ވަނީ ހަސަން ޝާކިރު މުހައްމަދުގެ ލައިބްރަރީން)

"ހުކުރު"ގައި ލިއުމުގެ އިތުރުން ވަހީދުގެ މަސްއޫލުވެރިކަމުގައި "ޒުވާނުންގެ އަޑު"ގެ ނަމުގައި އެ ދުވަސްވަރު މަޖައްލާއެއް ވެސް ނެރެމުން އަޔެވެ. ނަމަވެސް، "ހުކުރު"ގައި ވަހީދު ލިއުނު ލިއުމުގެ މައްސަލަ ސަރުކާރުން ބަލަން ފެށުމާ އެކު "ޒުވާނުންގެ އަޑު" ވެސް އުވާލީ އެވެ. އެކަމަކު އެއީ "ޒުވާނުންގެ އަޑު"ގައި އެއްޗެއް ލިޔެގެނެއް ނޫނެވެ. އަދި ކިޔެއްތަ، އޭގެ މަސްއޫލުވެރިޔަކީ ވަހީދު ކަމަށްވާތީއެވެ.

ބަންދުން މިނިވަންވި ފަހުން، ވަހީދުގެ ލިއުމެއް އެއްގޮތަކަށް ވެސް ނުފެނެއެވެ. ގެއިން ބޭރަށް ނުކުމެ އުޅުނު ނަމަވެސް، މީހުންނާ ވާހަކަ ދައްކައިވެސް އޭނާ ނޫޅެއެވެ. އޭނާ އެންމެ ގިނައިން ފެނުނީ މައްޗަންގޮޅި ސަހަރާ ކައިރީގައި ހުރި "ޕީޓްރަލް" ސައި ހޮޓާ ސަރަހައްދުންނެވެ. އެ ހޮޓަލަށް ސައިބޯން ވެސް ވަންނާނެއެވެ. ޕީޓްރަލް ޕާކުގައި ހުންނަ ބޮޑުބިޔަ ނިކަގަހުގެ ބުޑުގައި ހުންނަ އަށިމަތީގައި ނިދައިފައިވެސް އޮވެއެވެ. ބައެއް އެހެން މައިޒާންތަކުގައިވެސް ނިދައިފައި އޮވެއެވެ. މިސްކިތުގައިވެސް ނިދައެވެ. މިސްކިތަށް ނަމާދަށް ވެސް އަރައެވެ. ބަންދުން މިނިވަންވުމުން އޭނާ ދުވަސްތައް ހޭދަކުރަމުން އައީ، އަދި މިހާރު ވެސް ހޭދަކުރަމުން އަންނަނީވެސް، ހުޅުވާލެވިފައިވާ ހާމަ ތަންތަނުގައެވެ. އެއްވެސް މީހަކަށް އުނދަގުލެއް ކުރުމެއް ނެތިއެވެ؛ ހަމަހިމޭންކަމާއެކުގައެވެ. 

"ޒުވާނުންގެ އަޑު" މަޖައްލާއަށް 1990 ފެބްރުއަރީގައި ވަހީދު ލިއުއްވައިފައިވާ އާޅެމެއް -ފޮޓޯ: މުހައްމަދު ވަޖީހު/ އެފްބީ

ޖަލުން ނެރެ އަދި ގޭބަންދުން ދޫކޮށްލި ފަހުން މިހާ ބޮޑު ބަދަލެއް އޭނާއަށް އައި ގޮތެއް ބުނެދޭކަށް ވަހީދަކަށް ނޭނގެއެވެ. ވަހީދު ބުނިގޮތުގައި ޖަލުގައި އޭނާއަކަށް އަނިޔާއެއް ނުކުރެއެވެ. ކާންދީ ބޯންދީ ހެދީ ރަނގަޅަށެވެ.

ވަހީދު ބުނީ އޭނާ މިހާރު ވެސް އާންމު ގޮތެއްގައި ކައިބޮއެ ހަދަނީ ހޮޓާހޮޓަލުން ކަމަށެވެ.

"ހެނދުނު ހައެއް ޖަހާއިރު ހޭލަން. ހޭލާ ގޮތަށް ބޭރަށް ދަނީ. އާންމުކޮށް ހޮޓާހޮޓަލުން ކަނީ. ލާރި ހުންނާނެ އަތުގައި. މީހުން ސައިވެސް ދޭނެ. ގެއިން ވެސް ކަން. ރޭގަނޑު ނިދަންވީމާ ގެއަށް ވަންނަނީ. ނިދަނީ 11 ޖަހާކަންހާއިރު،" ތިން ކުދިންގެ ބައްޕަ ބުންޏެވެ.

ޕީޓްރަލް ޕާކު އަށިމަތީގައި ނިދައިފައި އޮންނަ މީހަކު، މީގެ އަހަރުތަކެއް ކުރިން ފެންނަން ފެށުމުން އެއީ ކާކުތޯ އަޅުގަނޑު އޭރުވެސް ބެލީމެވެ. އެއީ ރާއްޖޭގައި އުފެދުނު މޮޅު ލިއުންތެރިއެއްކަން އެނގުނު ހިސާބުން އޭނާއާ ވާހަކަ ދައްކާލައި، އިންޓަވިއުކޮށްލަން އަޅުގަނޑު ވަރަށް މަސައްކަތްކުރީމެވެ. ކުރީކޮޅު، އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދެއެވެ. ކިތަންމެ ސުވާލެއް ކުރިއަސް ކަހާތަން ހިރުވާވެސް ނުލައެވެ. އެކަމަކު އަބަދު ފެނިފެނި، ކުޑަކޮށް ރައްޓެހިވުމުން، އަދި އެކަނި ބައްދަލުވުމުން ކުޑަކޮށް ޖަވާބުދީ ހަދަން ފެށިއެވެ.

"މިއޮއް ދަނީ މީޑިއާ ކައުންސިލް،" ވަހީދު އެއް ދުވަހަކު ބުންޏެވެ. އެއާއެކު އޭނާއަށް އަޅުގަނޑު މިއީ ކާކުކަން ވެސް ކޮންމެވެސް ވަރަކަށް އެނގޭކަން އެނގިއްޖެއެވެ. (މީޑިއާ ކައުންސިލޭ އެ ބުނަނީ ބްރޯޑްކާސްޓިން ކޮމިޝަނޭ ބުނަންވެގެންކަން ވެސް އެނގުނެވެ. އޭރު (2013 ހިސާބުގައި) އަޅުގަނޑު ހުރީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ.)

ޕީޓްރަލް ހޮޓަލަކީ، ބައެއް ރައްޓެހިންނާއެކު އަޅުގަނޑު އޭރު (ކޮވިޑާއެކު އެތަން ބަންދުކުރަންދެން) ވަރަށް ގިނައިން ވަދެ އުޅޭ ތަނަކަށް ވާތީ ވަހީދާ ވަރަށް ގިނައިން އެ ހިސާބުން ބައްދަލުވެއެވެ. ޕީޓްރަލް ޕާކުތެރޭގައި ރާޒުވާ ކުޅެންވެސް އޭނާ އިނދެއެވެ. ހޮޓަލަށް ވަނަސް، އަޅުގަނޑުމެން ބުނިއްޔާ ނޫނީ އެ މޭޒަކު އޭނާ ނީށިންނާނެއެވެ. އަދި ސައިތައްޓެއް ދޭށޭ އޭނާ އިސްވެ، ދުވަހަކުވެސް ނުބުނާނެއެވެ. ރަނގަޅަށް ސައި ބޯލާށޭ ބުންޏަސް އޭނާ ނަގާނީ ކަޅުސަޔަކާއި ކުދި ބިސްކޯދު ޕެކެޓެއް އެކަންޏެވެ. ދެތިންފޮތި ފޯއް އަނގަޔަށް ލާފާނެއެވެ. ބައެއް ފަހަރު ސިނގިރޭޓް ބޯން ހުއްޓާ ވެސް ފެނެއެވެ. އެއް ދުވަސްކޮޅެއްގައި ރަށުބިޑި ވެސް ބުޔެވެ.

އަޅުގަނޑު އެންމެ އަޖައިބުވަނީ ކިތަންމެ ހެނދުނަކާ ފެނުނަސް، އަދި ކިތަންމެ ލަހުން ފެނުނަސް، ވަހީދު އަބަދުވެސް ހުންނާނީ ވަރަށް ސްމާޓުކޮށް، ބެގީކޮށްފައި ކަމަށް ވާތީއެވެ. އޭނާ ބެގީކޮށް، ބެލްޓް އަޅައިފައި ނެތް އިރަކު ދުވަހަކު ވެސް ދިމަލެއް ނުވެއެވެ. އޭނާ މުޅިންވެސް ލާނީ ޓީޝާޓާއި ކަޅު ފަޓުލޫނެވެ.

ވަހީދާ ރައްޓެހިވެ، ގުޅުން ބަދަހިވުމުން އަނެއްކާވެސް ލިޔަން ފަށަންވީ ނޫންތޯ އެއް ދުވަހަކު އަޅުގަނޑު އަހައިލީމެވެ. އޭނާ ބުނީ "ދުވަހަކު ވެސް ދެން ނުލިޔާނަން" ކަމަށެވެ. ސަބަބެއް ނުބުންޏެވެ.

"ވަހީދުގެ ބޯ ހަމަ ބަރާބަރު. މީހުންނަށް ހީވަނީ އޭނާ ބޯ ގޯހޭ. އޭނާ މިހާރު ބޭނުންނުވަނީ މީހުންނާ ވާހަކަ ދައްކަން. އަބަދުވެސް އަހަންނާ ވާހަކަ ދައްކާ ހަދާނެ،" ޔޫސޭ ބުންޏެވެ. "ވަރަށް ދުވަސްވެފައި ވަހީދާ މިގޮތަށް އެއް މޭޒުން މި ބައްދަލުވީ."

ވަހީދު އާންމުކޮށް ފެންނާނީ ކޮންމެވެސް ހޮޓަލެއް ކައިރިންނެވެ. އޭނާ އާންމުކޮށް ފެންނަ ދެތިން ހޮޓަލެއް ހުރެއެވެ.

ނުފެނި ދެތިން ދުވަހެއްވެފައި ވަހީދާ އަޅުގަނޑާ ބައްދަލުވީ ޓީވީއެމް ކަންމަތީ ހުންނަ "ރަށްދެބައި ކެފޭ" ކައިރިން އިއްޔެ މެންދުރުކޮޅު އެވެ. ދެ މީހުން ކޮފީ ބޯން ތިބިއިރު، އޭނާގެ ބައެއް ވާހަކަތައް ވަހީދު ކިޔައިދިނެވެ. އަދި "ދިރިއުޅުމަކީ މިއީބާ؟" އުފެދިގެން އައި ގޮތާއި އެއާ ބެހޭ ހުރިހައި ވާހަކައެއް ކިޔައިދިނެވެ. އެހެންވެ އަޅުގަނޑު ދެން ބޭނުންވީ ޔޫސޭ ވެސް އިނދެގެން އެ ވާހަކަ ދައްކާލައި، ކޮފީއެއް ބޯލައި، ފޮޓޯއާއި ވީޑިއޯ ނަގާށެވެ.

ޔޫސޭ ހޯދަން އެ ވަގުތުން ފެށިގެން ކުރި މަސައްކަތުން، އޭނާ އަތުލައިގަނެވުނީ ރޭ އަށްގަޑި ބައިވިތަނާއެވެ. ދެން ވަހީދު ހޯދަން ޔޫސޭއާއެކު، އޭނާ ދާނެހެން ހީވާ އެކި ތަންތަނަށް ދުއްވަންޖެހުނެވެ. ސަބަބަކީ ވަހީދުގެ ފޯން ނަންބަރު ނޭނގޭތީއެވެ.

"ވަހީދުގެ ފޯނު ކޮބާ؟" އިއްޔެ މެންދުރުގެ ކޮފީ ގަޑީގައި އަޅުގަނޑު ސުވާލުކޮށްލީމެވެ.

"ނެތް،" ވަހީދު ޖަވާބު ދިނެވެ.

"ކީއްވެ؟"

"ފޯނު ހެދި ކުންފުނިން އަހަންނަށް ފޯނެއް ނުދޭ."

"ސަޅި ފޯނެއް ދެންތަ؟"

"ބޭނުމެއް ނޫން. އަހަރެން ބޭނުމެއް ނޫން މޯބައިލް ފޯނެއް. ދުވަހަކުވެސް އަހަރެން ނުގެންގުޅެން މޯބައިލް ފޯނެއް. އަހަރެން ހޯދާކަށް މީހަކު ނޫޅޭނެ. ދެން ކީއްކުރާ ފޯނެއް؟"

އަދިވެސް ވަހީދު ބުނެލިއެވެ.

"ރާނީ މަރުވެގެން އެބައުޅޭ. އެތަނަކަށް ނުދަންތަ ހަބަރު ނަގާކަށް؟"

އެކަމަށް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތޭ ބުނީމެވެ. ވަހީދުގެ ވާހަކައިން އަޅުގަނޑަށް އެނގުނީ ކޮންމެ ތާކު އޭނާ އުޅުނަސް، އަދުގެ ދުނިޔޭގެ ހަބަރުތަކަށް ވެސް އޭނާ އަދާހަމަކަމެވެ.

ވަހީދާ އަޅުގަނޑު ވަކިވީ ޔޫސޭ ހޯދައިގެން ތިން މީހަކު އެކުގައި ކޮފީއެއް ބޯން ރާވައިފައެވެ.

"މުސަންމާ ކެފޭ" އިން ކޮފީ ނިންމާލައިފައި ނުކުތްތަނުން، "ހެންވޭރަށް ދަންޏާ އަހަރެން ގެންދައްޗޭ" ވަހީދު ބުނެފިއެވެ. އެހެންވެއްޖެ ނަމަ، އަޅުގަނޑަށް ފުރަތަމަ ޖެހޭނީ އައި.ޖީ.އެމް.އެޗް ކައިރިޔަށް ޔޫސޭ ވައްޓާލަން ދާށެވެ. ނަމަވެސް ޔޫސޭ ބުނީ ސައިކަލް ނަގަން އޭނާ ކޮންމެވެސް ގޮތަކުން އެތަނަށް ހިނގައިދާނެ ކަމަށެވެ. އެހެންވެ ވަހީދު ގޮވައިގެން އަޅުގަނޑު ދިއުމަށް ޔޫސޭ އެދުނެވެ. އެއާއެކު އެހެން ދިޔަ މީހަކު ހުއްޓުވައި، އެ މީހާގެ ސައިކަލް ފަހަތަށް އަރައިގެން ޔޫސޭ ނައްޓާލިއެވެ.

"އޭނާ އަދިވެސް އެ ކުޅެނީ "ދިރިއުޅުމަކީ މިއީ،" ދޯ؟" ޔޫސޭ ދިޔަތަން ބަލަން ހުރެފައި ހެމުންހެމުން ވަހީދު ބުނެލިއެވެ.

އާނއެކެވެ. ތެދެކެވެ. ޔޫސޭގެ ދިރިއުޅުމަކީ އެއީއެވެ. އެކަމަކު ވަހީދުގެ ދިރިއުޅުމަށް މިވީ ކިހިނެއްހެއްޔެވެ؟ އޭނާގެ ދިރިއުޅުމަކީ މިއީބާއެވެ؟

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އަހަރެން ހަނދާންވޭ 2007 ވަނަ އަހަރުން ފެށިގެން ވަހީދު ޕީޓްރަލް ޕާކް ކައިރީ ހުންނަތަން ދެކެން. ޢާއްމުކޮށް ޕީޓްރަލްގޭ ޖޯލީގަ އޮންނާނީ. ދުވަހަކުވެސް މީހަކު އޭނައާ ދިމާލަށް ބާރަށް އެއްވެސް އެއްޗެއް ބުނިތަން އަދި މީހަކާ ވާހަކަ ދެއްކި ތަނެއްވެސް ނުދެކެން. އެކަމު މިއަދު މަށަަށް އަސްލު އެއީ ކާކުކަން އިނގުނީ. ރެސްޕެކްޓް ❤️

  2. Waheed ah ehen dhimaavee keevve heyyeve?
    Javaabakee eyna jalah lumun eynage anhenunge family emeehunge viyafaariah gelluvedhaanethee eyna aailaain beyrukoh anbimeehaa aa vaki kuruvee eve. Vissi vihaalivee ehenvegeneve.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.