Support Us

ސޯފީއާއެކު އައިސްތު ޖަލީލް: "ލަވައިގެ ވޭރިއޭޝަން ގެންނަންވާ ގޮތް ވެސް ސޯފީ އަހަންނަށް ކިޔައިދީ ހެދި."

"ހޯދައިދެއްވި މިނިވަންވި ޖައްވެކޭ…"ގެ ރިމިކްސް 25 އަހަރު ފަހުން…

"ހޯދައިދެއްވި މިނިވަންވި ޖައްވެކޭ، ރޯޝަންކުރުވީ އުޖާލާ ފަތިހެކޭ،
މިނިވަންކަން ހޯދައިދެއްވާ، އަޅުވެތިކަން ނައްތާލައްވާ،
ދިވެހިންނަށް ފާގަތި ދުވަހެއް މެޔޭ."

އެއީ މީގެ 25 އަހަރު ކުރިއެވެ. އެ ލަވައަކީ އޭރު ސްރީލަންކާ ދިރިއުޅެމުންދިޔަ، މއ. އިރުމަތީގޭ އަލްމަރުހޫމު އަހުމަދު ޖަލީލްގެ ބޭފުޅުންގެ މިއުޒިކް ގްރޫޕު "އެމެޒެނަސް ޖޫނިއާސް" އިން 1994 ގައި ރެކޯޑްކޮށްފައިވާ ލަވައެކެވެ.

އެ ލަވަ ވިދާޅުވެފައި ވަނީ ޖަލީލްގެ ހަ ކައިވެންޏަށް ލިބިވަޑައިގެންނެވި 23 ބޭފުޅުންގެ ތެރެއިން 14 ވަނައަށް އުފަން އައިޝަތު ޖަލީލެވެ. އޭރު އައިސްތުގެ އުމުރުން އެންމެ 13 އަހަރެވެ.

އަލްމަރުހޫމު އަހުމަދު ޖަލީލް އާއި ދަރިކަނބަލުން އައިސްތު ޖަލީލް ލަންކާގައި

"އެމެޒެނަސް ޖޫނިއާސް"ގެ މި ލަވައިގައި ޖަލީލްގެ 13 ބޭފުޅުންނާއި ޖަލީލަށް ކާފަ ވިދާޅުވާ ދެ ބޭފުޅަކު ބައިވެރިވެފައިވެއެވެ. އެ ބޭފުޅުންގެ އުމުރަކީ ފަސް އަހަރާއި 17 އަހަރާ ދެމެދެވެ. މި ލަވަ އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދައިފައި ވަނީ 1996 ވަނަ ޓީވީއެމްގެ ހޭޔަމްބޯ ޕްރޮގްރާމްގައި ޖަލީލް ދެއްވި އިންޓަވިއުއެއްގައި، އެ ލަވައިގެ ވީޑިއޯ ރިލީޒްކުރެއްވުމުންނެވެ. (އެ ލަވައިގެ ލައިވް ވީޑިއޯ ޔޫޓިއުބަކު ނެތެވެ.)

"އެމެޒެނަސް ޖޫނިއާސް"ގެ ބައެއް މެމްބަރުން ލަންކާގައި

އޭގެ ފަހުން އެ ލަވަ ވެފައި ވަނީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ގައުމީ ލަވައަކަށެވެ. މޯލްޑިވިއަން އައިޑޮލް އާއި އެހެނިހެން ޝޯތަކުގައިވެސް އެކިއެކި ފަންނާނުން އެ ލަވަ ކިޔައިފައިވެއެވެ. އަދި ވަރަށް ގިނަ ބަޔަކު ތަފާތު ވީޑިއޯތަކާއެކު ވެސް އެ ލަވަ ޔޫޓިއުބަށް ލާފައިވެއެވެ.

ސިންގަޅަ ރާގަކަށް ކިޔައިފައިވާ އެ ލަވަޔަށް ދިވެހި ޅެން ހެއްދެވީ ވެސް ޖަލީލެވެ.

"އެމެޒެނަސް ޖޫނިއާސް"ގެ މެމްބަރުންނާއެކު މަޝްހޫރު މިއުޒީޝަން ޑަޑްލީ ޖަޔަވަރުދަނާ ލަންކާގައި

"އަޅުގަނޑުމެން އެއްރޭ ޕްރެކްޓިސް ކުރަން ތިއްބާ ބައްޕަ ވަޑައިގެން ދެއްވީ ޓޭޕެއް. އޭގައި އޮތީ މިއުޒިކެއް (ރާގެއް). އެއީ ސިންގަޅަ ލަވައެއް. ދެން އެތެރެއަށް ވަންނަވައިފައި 15 ވަރަކަށް މިނިޓްވެސް ނުވާނެ ވަޑައިގެން ދެއްވައިފި ޅެން،" "އެމެޒެނަސް ޖޫނިއާސް"ގެ ލީޑަރު އަޒުމީ ޖަލީލް ވިދާޅުވިއެވެ. އޭރު އަޒުމީގެ އުމުރަކީ 16 އަހަރެވެ. "ދެން ބޭންޑުގެ ލީޑް ވޯކަލިސްޓް އައިސްތު ޖަލީލް ލައްވާ އެ ލަވަ ކިއުއްވީ."

(ހޯދައިދެއްވި މިނިވަންވި ޖައްވެކޭ"ގެ އޮރިޖިނަލް ސިންގަޅަ ލަވަ އަށް ކިޔަނީ "ގެލަވަޓަ ބެންދާވު މުތު ޕޮތޭ" (މާނަ: ކަރުގައިވާ މުތުގެ ހާރު) އެވެ. ލަވަ ކިޔައިފައި ވަނީ ޕްރިޔާދަރުޝަ ސޫރިޔާސޭނާ ލިޔަނެގެ އާއި ނިރަންޖަލާ ސަރޯޖިނީ އެވެ.)

މިހާރު އުމުރުން 43 އަހަރުގެ އަޒުމީ ވިދާޅުވި ގޮތުގައި ހޭޔަންބޯ އިން އެ ލަވަ 1996 ގައި ދެއްކުމުގެ ކުރިން ވެސް ކޮލަމްބޯގައި އޮންނަ އެކިއެކި ހަފުލާތަކުގައި އެ ލަވަ ގެންދިޔައީ ކުޅެމުންނެވެ. ބައެއް ފަހަރު ދިވެހި އެމްބަސީގައި އޮންނަ ހަފުލާތަކާއި ލަންކާގައި އުޅޭ ރައްޓެހިންގެ އެކިއެކި ހަފުލާތަކުގައި ވެސް ބޭނުންޑުން އެ ލަވަ ކުޅެއެވެ.

"އެމެޒެނަސް ޖޫނިއާސް"ގެ ބައެއް މެމްބަރުން ލަންކާގައި

އެ ލަވަ ރެކޯޑްކޮށް، ވީޑިއޯ ހެދުމުގެ ޚިޔާލަކީ ލަންކާގައި އޭރު ހުންނެވި (ފަހުން ސަފީރުކަންވެސް ކުރެއްވި) ހުސެއިން ޝިހާބުގެ ޚިޔާލެކެވެ. (ހުސެއިން ޝިހާބަކީ ވެސް މިއުޒިކާއި ލަވައިގެ ފަންނާނެކެވެ.) އެ ލަވައިގެ ވީޑިއޯ ކޮށްފައި ވަނީ ޓީވީއެމްގެ މަޝްހޫރު ކެމެރާމަން އަލީ ވަހީދެވެ.

25 އަހަރަށްފަހު ރީމިކްސް ހެދުން

ގައުމީ އެކިއެކި މުނާސަބަތުތަކުގައި އަބަދުވެސް އަޑު އިވިއިވި ހުންނަ "ހޯދައިދެއްވި މިނިވަންވި ޖައްވެކޭ…" އަށް މިއަހަރު 25 އަހަރު ފުރުނުއިރު، ޖަލީލް ވަނީ 2006 ގައި އަވަހާރަވެފައެވެ. (މާތް ﷲ ޖަލީލުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އާމީން!)

ރީމިކްސް ރިލީޒްކުރުމުގެ ޝޯގައި "އެމެޒެނަސް ޖޫނިއާސް"ގެ ބައެއް މެމްބަރުން ޓީ.ވީއެމް ސްޓޫޑިއޯގައި (2021 ނޮވެމްބަރު 12 ގައި)

މިހާރު ޖަލީލުގެ ބޭފުޅުން ވެސް ވަނީ ކިޔަވައިވިދާޅުވެގެން ބޮޑުވެ، ވަޒީފާތަކަށް ނުކުންނަވައި ކައިވެނި ބައްލަވައިގަނެ، ބޭފުޅުންވެސް ލިބިވަޑައިގެންފައެވެ. އާއިލާގެ ގިނަ ބޭފުޅުން އުޅުއްވަނީ ރާއްޖޭގައި ކަމަށް ވީނަމަވެސް ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ.

"މި ލަވައިގެ ރީމިކްސްއެއް ހެދުމަށް އެންމެ އުނދަގޫވި ކަމަކީ އެއީ. އެކި މީހުން އެކި ތަނުގައި އުޅޭތީ. އެކަމަކު ޓެކްނޮލޮޖީގެ ޒަމާނެއްވީމާ، އެހާ އުނދަގޫ ކަމަކަށްނުވި ލަވަ ރެކޯޑްކޮށް ވީޑިއޯ ހަދާކަށް،" އަޔަރލެންޑުގައި ދިރިއުޅުއްވާ އައިސްތު ވިދާޅުވިއެވެ. "ލަވަ ރެކޯޑްކޮށް ވީޑިއޯ މިކްސިން ހަދައިފައި ވަނީ އަޒުމީ އާއި ލާނާ ޖަލީލް، ޓީ.ވީއެމްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި."

ރީމިކްސްގެ ބައެއް ފަންނާނުން ގައުމީ ހެދުމުގައި…

ރީމިކްސްގެ ވެސް ލީޑް ވޯކަލިސްޓަކީ މިހާރު އުމުރުން 38 އަހަރުގެ އައިސްތެވެ. ދެން އައިސްތުގެ އަށް އަހަރުގެ ދަރިކަނބަލުން ސޯފީ އަހުމަދު ޒާދީއެވެ. ސޯފީ ވަނީ ރީމިކްސްގައި އެއް ކަޑި ވިދާޅުވެފައެވެ. އައިސްތާއި ސޯފީގެ އިތުރުން، ލަވައިގެ ފަހު ބައިގެ ކޯރަސްއެއްގެ ގޮތުގައި، ޖަލީލްގެ ބޭފުޅުންނާއި ކާފަ ވިދާޅުވާ ޖުމްލަ 23 ބޭފުޅުންގެ އަޑު ހިމެނެއެވެ. އެ ބޭފުޅުންގެ އުމުރަކީ ފަސް އަހަރާއި 43 އަހަރާ ދެމެދެވެ.

މި ލަވައިގެ ރީމިކްސް، ނޮވެމްބަރު 12 ވަނަ ދުވަހުގެ ހޭޔަންބޯގައި ވަނީ ރިލީޒްކޮށްފައެވެ. ރީމިކްސްގައި މިއުޒިކް ކުޅޭ ތަނާއި ގައުމީ ދިދަ ހިފައިގެން ސަގާފީ ހެދުމުގައި އުޅޭތަން ވެސް ފެނެއެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ އެ ވީޑިއޯގައި މުޅިންވެސް ފެންނަނީ ޖަލީލްގެ ބޭފުޅުންނާއި ޖަލީލަށް ކާފަ ވިދާޅުވާ ބޭފުޅުން ކަމަށްވުމެވެ.

މި ލަވައިގެ ބައިވެރިންގެ ތެރެއިން އައިސްތު ފިޔަވައި ރާއްޖެއިން ބޭރުގައި އުޅުއްވަނީ އޮސްޓްރޭލިއާގައި އުޅުއްވާ ޝަފްރާޒް ޖަލީލާއި އަރީޝާ ޖަލީލާއި، ދެކުނު އެފްރިކާގައި ދިރިއުޅުއްވާ ފަޒްލާ ޖަލީލާއި ނެދަލޭންޑްސްގައި ދިރިއުޅުއްވާ އާޝިޔާ ޖަލީލާއި ބަހުރެއިންގައި ދިރިއުޅުއްވާ ރޭނާ ޝަހީދެވެ.

ސޯފީ: ރީމިކްސްއަށް ލަވަ ރެކޯޑްކުރައްވަނީ

ހޯދައިދެއްވި މިނިވަންވި ޖައްވެކޭ"ގެ ރީމިކްސް ރިލީޒް ކުރުމާއެކު އެ ލަވައަށް އާންމުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

"އަބަދުވެސް ހިތަށް އަރާ ސޯފީއާއެކު މި ލަވައިގެ ރީމިކްސްއެއް ހަދާނަމޭ. އެހެންވެ އެކަން ކުރުމުގެ އުންމީދު އަބަދުވެސް އޮވޭ،" އައިސްތު ވިދާޅުވިއެވެ. "އެންމެ އުފާވަނީ ސޯފީ އެހާ ޅަ އުމުރުގައި ވަރަށް މޮޅަށް މި ލަވަ ކިޔައިފައިވާތީ. އެއީ ސޯފީގެ ސިންގިން ޓީޗަރ މާތާ އަށާއި އަހަރުމެން ދެމަފިރިންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. ލަވައިގެ ވޭރިއޭޝަން ގެންނަންވާ ގޮތް ވެސް ސޯފީ އަހަންނަށް ކިޔައިދީ ހެދި."

އައިސްތު ވިދާޅުވި ގޮތުގައި މި ލަވައިގެ އެންމެ މުހިންމު ފަންނާނަކީ އަޒުމީއެވެ.

"މި ލަވަ މިހާ މޮޅަށް ތައްޔާރުކުރުމުގައި ތިއްތިބޭ (އަޒުމީ)ގެ މަސައްކަތް ވަރަށް ބޮޑު. އެއީ އެންމެންގެ ފަރާތުން ޚާއްސަކޮށް ފާހަގަކުރާ ކަމެއް."

ރީމިކްސް ރިލީޒްކުރުމުގެ ޝޯގައި އަޒުމީ އާއި އާއިލާ ޓީ.ވީއެމް ސްޓޫޑިއޯގައި (2021 ނޮވެމްބަރު 12 ގައި)

އައިސްތު ފަހުބަހެއްގެ ގޮތުގައި ވިދާޅުވިއެވެ.

"ރީމިކްސް ނުކުތްއިރު ބައްޕަ ދުނިޔޭގައި ހުންނެވި ނަމަ ވަރަށް އުފާވީސް. ހުރިހައި ކުޑަކުދިންތަކުގެ ހުނަރު ފެނިވަޑައިގަތީމާ ބައްޕަ އެންމެ އުފާވާނީ."

ހޯދައިދެއްވި މިނިވަންވި ޖައްވެކޭ..

ޅެން: އަލްމަރުހޫމް އަހުމަދު ޖަލީލު، މއ. އިރުމަތީގެ (1994 ގައި)

ހޯދައިދެއްވި މިނިވަންވި ޖައްވެކޭ، ރޯޝަންކުރުވީ އުޖާލާ ފަތިހެކޭ،
މިނިވަންކަން ހޯދައިދެއްވާ، އަޅުވެތިކަން ނައްތާލައްވާ،
ދިވެހިންނަށް ފާގަތި ދުވަހެއް މެޔޭ.

ވޭނޭ ހިތްދަތި ކުރުވީ ނިކަމެތި އޭރު ހިތާމަކުރީމޭ
ބޭރުގެ ބަޔަކަށް އަޅުވެތި ވެވިގެން އޭރު ޖިޒީ ދިނީމޭ

ވިހުރޭ މިނިވަން ދިވެހި މި ދިދަޔަށް ފެހި ރަތް ހުދު މި ފަޒާގާ
ޝުކުރޭ ކުރަނީ ލޯބިން ފުރިހަމަ މިނިވަން ބަޔަކަށް ވީތީ

ޚާއްސަ ނޯޓެއް

ލަންކާއަށް އަޅުގަނޑު ކުރި ދަތުރެއްގައި "އެމެޒެނަސް ޖޫނިއާސް" އާއި އައިސްތު ޖަލީލުގެ ޚާއްސަ އިންޓަވިއުއެއް ނަގައި 2001 ޖޫން 1ގައި ނުކުތް "ހުވާސް މަޖައްލާ"ގައި ޝާއިއުކޮށްފައިވާނެއެވެ. އަޅުގަނޑު މިއަދު އެންމެ ހައިރާންވީ، "އެމެޒެނަސް ޖޫނިއާސް"ގެ އެންމެ މުހިންމު ފޮޓޯތައް ފޮނުވައިދޭން އެދުމުން، 20 އަހަރުވެފައިވާ އެ އިންޓަވިއުގެ ފޮޓޯތައްވެސް އަޒުމީ ފޮނުއްވީމައެވެ. ޝައުގުވެރިވާ ބޭފުޅުން ވިދާޅުވެލެއްވުމަށްޓަކައި އެ އިންޓަވިއުތައް ތިރީގައި މި ހިމަނާލީއެވެ. އަޒުމީ އަށް ޝުކުރު ދަންނަވަމުންނެވެ.