Support Us

ބޮޑުއީދުގެ ކުޅިވަރުތައް ބަލައިލަންދާނެ ވަކި ރަށެއް ކަނޑަނާޅާ މީހުންނަށް އުފާވެރި ޚަބަރެއް މާއެނބޫދޫން

މި އަހަރުގެ ބޮޑު އީދުގައި އާއިލާއާއި ރައްޓެހިންނާއެކު ގޮސް ކުޅިވަރުތައް ބަލައިލައި ކުލަޖަހައި މަޖާކޮށްލަން ވަކި ރަށެއް ކަނޑައަޅަން ދަތިވެފައި ތިބި މީހުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެއެވެ؛ މަޝްހޫރު ދިވެހި ފަންނާނުންގެ ހަރަކާތްތަކާއި ސަގާފީ އެތައް ހަރަކާތަކާ އެކު ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ދ. މާއެނބޫދޫ އަންނަނީ ތައްޔާރުވަމުންނެވެ.

މާއެނބޫދޫ އީދު ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް އުޅޭ އޮފިޝަލަކު "އަދިވެސް" އަށް ބުނީ މުޅި ރާއްޖޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކުޅިވަރު ހަރަކާތްތަކެއް މި ފަހަރުގެ ބޮޑުއީދުގައި ކުރިޔަށް ގެންދަން، ދ. ކުޑަހުވަދޫ އެއާޕޯޓާ ޖެހިގެން އޮންނަ މާއެނބޫދޫ ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ފަހަރުގެ އީދު ފުރިހަމަ އީދަކަށް ހެދުމަށް ފަށައިފައިވާ މަސައްކަތުގައި ރަށުގެ ކުދިބޮޑު އެންމެން ޝާމިލުވެ އަމަލީ ގޮތުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ފަހަރުގެ ބޮޑު އީދުގައި މާއެނބޫދޫގައި ކުޅިވަރުތައް ކުޅެނީ ރަށު ކައުންސިލާއި ކުލަބު ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ކުޅިވަރުތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކައުންސިލުން ކަމަށް ވެސް އޭނާ ބުންޏެވެ.

ބޮޑުއީދުގައި މާއެނބޫދޫގައި ކުރިޔަށް ގެންދާ ބައެއް ހަރަކާތްތައް:

  • އީދު ވެދުމާ ދިއުން
  • މަސް ރޭސް
  • ފިރިހެނުންގެ ލަނގިރި/ ދަފި
  • ބޮޑުމަސް ބޭނުން
  • ފުޓްބޯޅަ މުބާރާތް ފިރިހެން
  • ވޮލީ މުބާރާތް އަންހެން/ ފިރިހެން
  • މިޔުޒިކް ދެ ޝޯ (މާލެއިން މާއެނބޫދޫއަށް ދާ ލަވަކިޔުންތެރީން)
  • ޖާދުﷲ ޑާންސް ގުރޫޕުގެ ޑާންސްތައް (މި ގުރޫޕުގައި ޓިކްޓޮކް ޝިފާ ފަދަ ތަރީން ހިމެނޭނެ)
  • ބަނޑިޔާޖެހުން
  • ރައްޔިތުންގެ އީދު ބޮޑު ސައި
  • ކުޑަކުދީންގެ ހަވީރު
  • އީދާއި ކުލަމަޖާ

މާއެނބޫދޫގައި މި ފަހަރު ސަގާފީ ކުޅިވަރުތައް ފެނިގެން ދާނީ އިހުގެ މީހުންނާއި މިހާރުގެ ޒުވާނުން ވެސް ހިމެނޭ ގޮތަށް ކަމަށާއި މި ކުޅިވަރުގެ ތަކުގެ ފަރިތަކުރުންތައްވެސް ވަރަށް ޖޯޝާއި ފޯރީގައި ކުރިޔަށް އެބަދާ ކަމަށް އޭނާ ބުންޏެވެ. އެ ގޮތުން މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް ގެންދާ އެކިއެކި ހަރަކާތްތަކުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިނުވާ އެއްވެސް ގެއެއް ރަށުގައި މިހާރު ނެތް ކަމަށް ވެސް ބުންޏެވެ.

ކުޑަހުވަދު އެއާޕޯޓަށް ފުލައިޓުގައި 40 މިނެޓުން ދެވެއެވެ. އަދި އެރަށުން މާއެނބޫދޫއަށް ދިހަވަރަކަށް މިނެޓުން ދެވެއެވެ. އަދި މާލެއިން ފެރީ ލޯންޗު ވެސް ސީދާ އެ ރަށަށް އޮވެއެވެ.