Support Us

މޯލްޑިވިއަނަށް ދެ ޑީ.އެޗް.ސީ-6 ޓްވިން އޮޓާ ކްލެސިކް 300-ޖީ މަތިންދާބޯޓު ގެންނަނީ

ދެ ޑީ.އެޗްސީ-6 ޓްވިން އޮޓާ ކްލެސިކް 300-ޖީ މަތިންދާބޯޓު ގަންނަން ޑަ ހަވިލަންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑާއެކު ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ލެޓާ އޮފް އިންޓެންޓެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ޓްވިން އޮޓާ ކްލެސިކް 300-ޖީ އޮޕަރޭޓްކުރަން ފުރަތަމަ ފަހަރަށްވި އެއްބަސްވުމެވެ. ރާއްޖެއަކީ ދުނިޔޭގައި ޓްވިން އޮޓާ އޮޕަރޭޓްކުރާ އެންމެ ބޮޑު މާކެޓެވެ.

ޓްވިން އޮޓާއަކީ އެތައް ދަހަރެއް ވަންދެން ރާއްޖޭގެ ޓޫރިޒަމްގެ މައިބަދައެވެ. އެ މަތިންދާބޯޓުތަކުން މާލެއިން ރިސޯޓުތަކަށާއި އެހެން ރަށްތަކަށް މެހެމާނުން ގެންގޮސްދެއެވެ. ކްލެސިކް 300-ޖީއިން ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ވަރުގަދަކޮށްދޭނެއެވެ. އެއްގަމުގައި ރަންވޭ ނެތް މަންޒިލުތަކަށް ދަތުރުވެރިން ސީދާ ގެންގޮސްދޭނެއެވެ.

"ޓްވިން އޮޓާ ކްލެސިކް 300-ޖީ ތައާރަފުކުރާ ފުރަތަމަ އެއާލައިނަކަށް މޯލްޑިވިއަންވުމުން ފަހުރުވެރިވަން،" މޯލްޑިވިއަންގެ މެނެޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް އިއްޔެ ވިދާޅުވިއެވެ.

"ސީޕްލޭން ޓްރާންސްފާއަކީ ރާއްޖޭގެ ޗުއްޓީ ފެށޭ ހިސާބު. މި މަތިންދާބޯޓަށް ކޮންމެ ދުވަހަކު އަހަރެމެންގެ އޮޕަރޭޝަން ބަރޯސާކުރޭ. އަހަރެމެންގެ މެހެމާނުންނާއި ރިސޯޓު ބައިވެރިން އަހަރެމެން ފޯރުކޮށްދޭ އިތުބާރު ހިފޭ ހިދުމަތަށްކުރާ އިތުބާރު ކުރިއަށްގެންދިއުމަށް މި އާ ޖީލުގެ މަތިންދާބޯޓުން މަގުފަހިކޮށްދޭނެ. މި މަތިންދާބޯޓުގައި އެކުލެވިގެންވާ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އޮޕަރޭޓްކުރުމުގެ ވަސީލަތްތަކުން ފައިދާކުރާނެ،" އޭނާ ވިދާޅުވިއެވެ.

"މިއީ އަހަރެމެންނަށް އިތުބާރުކުރާ މެހެމާނުން ކުރާ ތަޖުރިބާއަށާއި އަހަރެމެން ހިދުމަތް ދޭ ރިސޯޓުތަކާއި ރަށްތަކުގެ ކޮމިއުނިޓީތަކަށް ކޮށްދެވޭ އިންވެސްޓްމެންޓެއް. މި ކަމުން އަހަރެމެންގެ ގާބިލުކަން ވަރުގަދަކޮށްދޭނެ. ފްލައިޓްގައި އަރާމުކަން ލިބޭނެ. އަދި ރައްކާތެރިކަމާއި އިތުބާރާއެކު ރާއްޖޭގެ އެތެރޭގެ ގުޅުންތައް ގާއިމުކުރަން އަހަރެމެން ދޭ ޔަގީންކަން ވަރުގަދަކޮށްދޭނެ،" އިޔާސް އިތުރަށް ވިދާޅުވިއެވެ.

ރާއްޖެއިން ބަރޯސާވާ ކުރު ރަންވޭތަކުން އުދުއްސައިލުމާއި އެ ރަންވޭތަކަށް ޖެއްސުމަކީ ކްލެސިކް 300-ޖީ މަތިންދާބޯޓަށް ވެސް ކުރެވޭނެ ކަމެކެވެ. އެއީ ޒަމާނީ އެވިއޮނިކްސް (ވައިގެ ދަތުރުފަތުރުގައި އިލެކްޓްރޯނިކް ޓެކްނޮލޮޖީ ބޭނުންކުރުން) ތައާރަފުކުރުމާއި ފަސިންޖަރުންނަށް އަރާމުކަން ފޯރުކޮށްދިނުމާއި މެއިންޓެނަންސް އިތުރަށް ރަނގަޅުކުރުމާ އެކުއެކީއެވެ. މަތިންދާބޯޓު ލުއިވުމުން ފަސިންޖަރުންގެ އަދަދާއި ލަގެޖް އިތުރުކުރުމަށް އިތުރު ޖާގަ ލިބޭނެއެވެ. މިހެންވެ، މޯލްޑިވިއަންގެ ފްލައިޓްތައް އޮޕަރޭޓްކުރުމުގައި އިގުތިސާދުކުރެވޭނެއެވެ.

ޓްވިން އޮޓާގެ 1،000 އަށްވުރެ ގިނަ މަތިންދާބޯޓު ދުނިޔޭގައިވެއެވެ. އަދި އެތައް މިލިއަން ގަޑިއިރު އުދުހުމުގެ ތަޖުރިބާ ލިބިފައިވެއެވެ. މިހެންވެ ޓްވިން އޮޓާ ވެފައިވަނީ ދުނިޔޭގެ ޕްރިމިއަ ޔުޓިލިޓީ ވައިގެ އުޅަނދަށެވެ. މާނައަކީ ކޮންމެ ތަނަކަށް ކޮންމެ ހާލަތަކަށް އެކަށީގެންވާ ވައިގެ އުޅަނދެކެވެ. ދުނިޔޭގެ އުތުރު ބިތުގައި އޮންނަ ފިނި އާކްޓިކް ސަރަހައްދުން ހޫނު ޖަޒީރާ މަންޒިލްތަކަށް ވެސް ދަތުރުކުރެއެވެ. ޓްވިން އޮޓާގެ އެންމެ ބޮޑު ނަތީޖާއެއް ފެނިފައިވަނީ ރާއްޖެއިންނެވެ. އެއީ ރައްކާތެރި އަދި ބަރޯސާކުރެވޭ ގޮތަކަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށްދޭތީއެވެ.