...

Support Us

ސުލްޙައިގެ ނޮބެލް އިނާމު ފުރަތަމަ ފަހަރަށް ދެ ނޫސްވެރިއަކަށް

މިއަހަރުގެ ނޮބެލް ސުލްޙައިގެ އިނާމު ދެ ނޫސްވެރިއަކަށް ލިބިއްޖެއެވެ. ނޮބެލްއާ ބެހޭ މަރްކަޒުން މިއަދު އިޢުލާން ކުރިގޮތުގައި މި އަހަރު މި އިނާމު ޙާޞިލުކުރެއްވީ ފިލިޕީންސްގެ ނޫސްވެރިއެއް ކަމުގައިވާ މާރިއާ ރޭސާ އާއި ރަޝިއާގެ ނޫސްވެރިއެއް ކަމުގައިވާ ޑިމިޓްރީ މަރަޓޯފެވެ. މި ދެ ނޫސްވެރީންނަށް ސުލްޙައިގެ ނޮބެލް އިނާމު އެރުވުނީ ނޫސްވެރިކަމުގެ މިނވަންކަމަށް ޓަކައި އެ ދެބޭފުޅުން ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ޓަކައެވެ.

މި އަހަރު މި އިނާމަށް އެންމެ ބޮޑަށް އިންތިޒާރު ކުރެއްވި އެއް ބޭފުޅަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭނާ އުންމީދުކުރައްވައިގެން ހުންނެވީ އިސްރާއީލާއެކު ޢަރަބީން ގުޅުންތައް ޠަބީޢީކުރުވުމަށް އޭނާ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އޭނާއަށް މި އަހަރު ސުލްޙައިގެ ނޮބެލް އިނާމު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ނޯވޭގެ ނޮބެލް އިނާމު ކޮމެޓީގެ ރައީސާ ރައިސް އެންޑަރސަން ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިގޮތުގައި މި ދެ ނޫސްވެރީންނަށް މި އިނާމު އެރުވުނީ "ފިލިޕީންސާއި ރަޝިޔާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޓަކައި ކުރެއްވި ހިތްވަރުގަދަ ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ."

ނޮބެލް ކޮމެޓީގެ ރައީސާ ވިދާޅުވިއެވެ. "މި ދެ ބޭފުޅުން ތަމްސީލު ކުރައްވަނީ ޑިމޮކްރަސީއަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ދަތިތައް އިތުރުވަމުންދާ ދުނިޔޭގައި މި އަގުތައް ދިފާޢު ކުރުމަށް މަސައްކަތް ކުރާ ހުރިހާ ނޫސްވެރީންނެވެ."

ނޮބެލް އިނާމުގެ 120 އަހަރުވީ ދިގު ތާރީޚުގައި މިނިވަން ނޫސްވެރިކަމަށް މި އިނާމު މީގެ ކުރީން ލިބފައެއް ނުވެއެވެ.

މި އިނާމުގައި ހިމެނެނީ ސެޓްފިކެޓަކާއި 980 ހާސް ޔޫރޯގެ ފައިސާގެ އިނާމެކެވެ. މި އިނާމު ދިނުމުގެ ޙަފްލާ ބޭއްވޭނީ ކޮންމެ އަހަރެއްގެ ވެސް 10 ޑިސެންބަރުގައެވެ. އެއީ މި އިނާމު ނިސްބަތްކުރެވޭ އަލްފްރެޑް ނޮބެލް (1833ން – 1896 ށް) އަވަހާރަވި ދުވަހެވެ.

ފިލިޕީންސްގެ ނޫސްވެރިޔާ

ފިލިޕީންސްގެ ނޫސްވެރިއާ މާރިޔާ ރެސާ މި ދިޔަ އަހަރު ވަނީ ހައްޔަރުކޮށް ޝަރީޢަތަށް ހުށައެޅިފައެވެ. މިނިވަން ނޫސްވެރީން ސިފަކުރާ ގޮތުގައި ރެސާ ޝަރީޢަތަށް ހުށައެޅުނީ ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓޭރޓޭގެ ސަރުކާރާ ދެކޮޅަށް ނޫސްވެރިކަން ކުރައްވާތީއެވެ. އޭނާ ޝަރީޢަތަށް ހުށައެޅުނީ 2012 ވަނައަހަރު ޝާއިޢު ކުރެއްވި ނޫސްވެރިކަމުގެ ތަޙްޤީޤަކާ ހެދިއެވެ. މިއީ ވެލްފްރެޑޯ ކިންގް ނަމަކަށް ކިޔާ މަހްޖަނަކު ވަގުފާރީގެ ވިޔަފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމާ ބެހޭގޮތުން ރެސާ ޝާއިޢު ކުރެއްވީ ނޫސް ތަޙްޤީޤީ ރިޕޯޓެކެވެ. ރެސާގެ މައްޗަށް ދަޢުވާ ކުރެވެނީ މި ރިޕޯޓުގައި މި ވިޔަފާރިވެރިއާގެ އަބުރާ ބެހިވަޑައިގެންފައިވާތީއެވެ. ފިލިޕީންސްގައި އަބުރާ ބެހުމުގެ ޤާނޫނު ފާސްކޮށް އެ ޤާނޫނަށް ޢަމަލު ކުރަން ފަށައިފައި ވަނީ މި ރިޕޯޓް ޝާއިޢު ކުރުމުގެ ދެ އަހަރު ފަހުންނެވެ.

އަބުރާބެހުމާއި ޓެކްހަށް ފިލައިގެން އުޅުމުގެ ތުހްމަތުތަކުގައި އެތައް ފަހަރަކު ރެސާ ހައްޔަރުކޮށްފައި ވެއެވެ. ފިލިޕީންސްގެ ނޫސްވެރިކަން މިނިވަން ކުރުމަށް ޓަކައި ރެސާ ވަނީ ޢަޒްމު ކަނޑައަޅުއްވައިފައެވެ. އޭނާ ސީއެންއެނަށް ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނުގައި ނޫސްވެރިއެއްގެ ގޮތުގައި ކުރީ ސަފުގައި ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވުރެ ނޫސްވެރިކަމުގެ މިނިވަންކަމަށް ޓަކައި މަސައްކަތް ކުރުން މާ ނުރައްކާތެރިއެވެ. އެއީ މި ޙާލަތުގައި ތިބާގެ ޢަދުއްވު ހުރީ ކޮން ތަނެއްގައިކަން ތިބާއަށް ނޭނގޭތީއެވެ." ރެސާ އިތުރަށް ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނުގައި ހުންނައިރު ޙަމަލާތައް އަންނާނީ ވަކި ދިމާއަކުންނެވެ. އޭރުން ތިބާއަށް ތިބާގެ ނަފްސު ޙިމާޔަތް ކުރަން އެނގޭނެއެވެ."

ޑިމިޓްރީ މުރަޓޯވް

މި އަހަރު ޞުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވި ދެވަނަ ނޫސްވެރިއަކީ ރަޝިޔާގެ ދުވަހު ނޫސް ނޮވާޔާ ގެޒެޓްގެ އެޑިޓަރ އިން ޗީފެވެ. މި ނޫހަކީ ރަޝިޔާގައި ޢާއްމުންގެ މަޤބޫލުކަން ލިބިފައިވާ އަދި ސަރުކާރަށް ފާޑު ކިޔާ އެންމެ ބޮޑު ނޫހެވެ. މުރަޓޯވް އުފަންވެ ވަޑައިގަތީ 30 އޮކްޓޯބަރ 1961 ގައެވެ. މުރަޓޯވަށް މި އިނާމު ލިބިވަޑައިގަތުމުން ވިދާޅުވިގޮތުގައި މި އިނާމު ރަޝިޔާގެ އިދިކޮޅު ޒަޢީމު ނަވަލްނީއަށް ލިބިވަޑައިގެންނެވިނަމަ "އަހުރެން މާ އުފާވީހެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.