ޙަމާސްގެ އިސް ވަފްދަކާ މިޞްރުގެ ޖާސޫސީ އިދާރާގެ ވެރީންނާ ދެމެދުގައި ޤާހިރާގައި ބޭއްވުނު ވާހަކަދެއްކުންތަކުގެ ސަބަބުން ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ އެއްބަސްވުން ހަރުދަނާވެގެންދާނެ ކަމަށް ޙަމާސުން މިއަދު ބުނެފިއެވެ.
މި ބައްދަލުވުމުގައި ޣައްޒާ އަލުން ބިނާކުރުމާ ބެހޭގޮތުންނާއި ޣައްޒާގެ ޙިޞާރަށް ލުއިކަން ގެނައުމާބެހޭގޮތުން ބަހުސްކުރެވުނެވެ. ޙަމާސުން ހާމަކުރިގޮތުގައި ޤާހިރާގައި 4 އޮކްޓޫބަރުގައި ބޭއްވުނު ބައްދަލުވުމަކީ ވަރަށް "ޝާމިލު އަދި ޞަރީޙަ" ބައްދަލުވުމެކެވެ. މި ވާހަދެއްކުންތަކުގައި ބައިވެރިވި ޙަމާސް ވަފްދުގެ ރައީސަކީ އިސްމާޢީލު ހަނިއްޔާއެވެ. މި ޞްރު ވަފްދުގެ ރައީސަކީ މިޞްރުގެ ޖާސޫސީ ވަޒީރު ޖެނެރަލް ޢައްބާސް ކާމިލެވެ. މި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ފަލަސްޠީނުގެ ޖަމާޢަތްތަކުން އެއްބަސްވިއެވެ.
ޣައްޒާ އަލުން ބިނާކުރުން
އިސްރާއީލުން މި ހުސްވި މޭމަހު ޣައްޒާއަށް ދިން ޢުދްވާނުގައި ޣައްޒާ ހަލާކުވެފައިވާތީ ޣައްޒާ އަލުން ބިނާކުރުމުގެ ފައިލާ ބެހޭގޮތުން ޤާހިރާގައި މަޝްވަރާކުރެވުނެވެ. ޣައްޒާގެ ފަޤީރު ޢާއިލާތަކަށާއި މުވައްޒަފުންނަށް ޤަޠަރުން ފޮނުވާ އެހީތައް ޣައްޒާއަށް އެތެރެކުރުމާ ބެހޭގޮތުން ވެސް ބަހުސް ކުރެވުނެވެ. މި މަސްއަލައަށް މިޞްރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް މިޞްރުން ބުންޏެވެ. ކުރިއަށް އޮތް މަރްޙަލާތަކުގައި މި މައިދާނުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ބަހުސް ކުރެވޭނެއެވެ. ޙަމާސުން ތުހްމަތުކުރާ ގޮތުގައި ޣައްޒާ އަލުން ބިނާކުރުމާއި ޣައްޒާއަށް ބޭރުން ލިބޭ އެހީތައް އެތެރެވުމަށް ހުރަސްއަޅަނީ އިސްރާއީލުންނެވެ.

ޤާހިރާ ބުނާގޮތުގައި ޣައްޒާގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށްދިނުމަށް ޓަކައި މިޞްރުން ފިޔަވަޅުތަކެއް އަޅާނެއެވެ. އޭގެތެރޭގައި މިޞްރާ ޣައްޒާ ގުޅުވައިދޭ ރަފަޙު މަގުން ލައިފައި ޣައްޒާއަށް އެއްޗެހި އެތެރެ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ވެއެވެ.
ޙަމާސުން ބުނާގޮތުގައި ޙަމާސް ވަފްދުގެ ބައެއް ބޭފުޅުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ޓަކައި ޤާހިރާގައި ދުވަސްކޮޅަކަށް މަޑު ކުރައްވާނެއެވެ.
މިޞްރު ބުނާގޮތުގައި މިޞްރުގެ އިޤްތިޞާދީ ވަފްދެއް މި ދިޔަ އާދީއްތަ ދުވަހު ވަނީ ޣައްޒާއަށް ގޮސް ވިޔަފާރިއާ ބެހޭ މަޝްވަރާތައް ފަށައިފައެވެ. މިޞްރުގެ މި ވަފްދަކީ ސަރުކާރުގެ ވަފްދެއްނޫނެވެ.
ފަލަސްޠީނުން ޞުލްޙަވުން
މިޞްރުން ބުނާގޮތުގައި ހަނިއްޔާ އާއި ކާމިލްގެ ބައްދަލުވުމުގައި "ވަޠަނީ މަސްއަލަތައް" އާމެދު ވެސް ބަޙުސް ކުރެވުނެވެ. އޭގެތެރޭގައި ޤުދްސުގެ މަސްއަލައާއި އެ ސަހަރު ޔަހޫދީ ކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާއި ފަލަސްޠީނުގެ ދާޚިލީ މަސްއަލަތައް ހިމެނެއެވެ.



advertisment