Support Us

އީރާނު- ސުޢޫދީ ވާހަކަދެއްކުންތައް ކުރިއަށް ދަނީ ކިހިނެއް

ޢިރާޤުގެ ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުން ބަޣްދާދުގައި ބޭއްވެމުންދާ އީރާން- ސުޢޫދީ ވާހަކަދެއްކުންތައް ވަރަށް އުންމީދީ ގޮތަކަށް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ރިޕޯޓްތައް ބުނާގޮތުގައި އެ ދެ ޤައުމުގެ އެންބެސީތައް ހުޅުވުމަށް ޓަކައި ތައްޔާރީތަކެއް ވަމުން އެބަދެއެވެ.

މި ރިޕޯޓުތައް ބުނާގޮތުގައި ސޫރިޔާގެ އިދިކޮޅު ޖަމާޢަތަށް ސުޢޫދީ ޢަރަބިއްޔާއިން ވާގިވެރިވުން ހުއްޓައިލުމަށާއި ސޫރިޔާއާއި ޢިރާޤުގައި ސުޢޫދީ ޢަރަބިއްޔާގެ ވުނަކުރުންތައް ފެށުމަށް ވަނީ އެއްބަސްވެފައެވެ. މީގެއިތުރަށް އީރާނުގެ މަޝްހަދު ސަހަރާއި ޢިރާޤުގެ ކަރްބަލާ ސަހަރާއި މާތްވެގެންވާ މައްކާ ގުޅުވައިދޭ މަގެއް ބިނާކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ހާމަކުރެއްވިގޮތުގައި މި ހުސްވި ސެޕްޓެންބަރުމަހުގެ 21ވަނަ ދުވަހު އީރާނާއެކު ހަތަރުވަނަ ބައްދަލުވުން ވަނީ ބޭއްވިފައެވެ. އޭނާ ވިދާޅުވިގޮތުގައި ވާހަކަދެއްކުންތައް އަދިވެސް އޮތީ "ހޯދައިބެލުމުގެ" ފިޔަވަހީގައެވެ. ސުޢޫދީ ޚާރިޖީ ވަޒީރު މި ކަން ހާމަކުރެއްވީ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ މަންދޫބު ޖޯޒިޕް ބޮރެލާއާ ބައްދަލުކުރެއްވުމަށްފަހު ބޭއްވެވި ނޫސް ބައްދަލުވުމުގައެވެ.

ބައްދަލުވުންތަކުގެ ތަފްޞީލު

  ޢިރާޤުގެ ޑިޕްލޮމެޓަކު ހާމަކުރެއްވިގޮތުގައި އީރާނުގެ މަސްއޫލުވެރީންނާއި ސުޢޫދީ މަސްއޫލުވެރީންގެ އެންމެފަހު ބައްދަލުވުން ބޭއްވިފައި ވަނީ ބަޣްދާދުގެ ވައިގެ ބަނދަރުގައެވެ. އޭނާ ސިފަކުރެއްވިގޮތުގައި މި ބައްދަލުވުމަކީ "ވަރަށް އީޖާބީ" ބައްދަލުވުމެކެވެ. ޠަހަރާނުގެ ސިޔާސީ މަސްރަޙަށް އައި ބަދަލާވިދިގެން މި ވާހަކަދެއްކުންތައް ހުއްޓިދާނެކަމުގެ ބިރު ވަރަށް  ބޮޑުވިއެވެ. އެންމެފަހުގެ ބައްދަލުވުމަށް އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެމަތީ މަޖިލީހުގެ ރައީސް ޢަލީ ޝަމްޚާނީއާއި ސުޢޫދީ ޚާރިޖީ ވުޒާރާގެ ދައުލަތުގެ ވަޒީރު ޢާދިލުލް ޖުބައިރު ބައިވެރިވެ ވަޑައިގަތުމުން ދެ ފަރާތުން ވެސް މި ވާހަކަދެއްކުންތައް އަމާޒުފަތްގަނޑާހަމައަށް ގެންދިޔުމަށް  އެދޭ ކަން ހާމަވެގެން ހިނގައްޖެއެވެ.

މިއީ އީރާނުގެ ރައީސްކަމަށް އިބްރާހީމު ރައީސީ އިސްވެވަޑައިގަތުމަށްފަހު ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. އީރާނުގެ ސަލާމަތީ މަޞްދަރުތައް ބުނާގޮތުގައި އީރާން- ސުޢޫދީ ފައިލް މިހާރުވަނީ އީރާނުގެ ޚާރިޖިއްޔާގެ ވަތްގަނޑުން ނަގައި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހާ ޙަވާލު ކުރެވިފައެވެ. މި މަޖިލީހުގެ ރައީސަކީ ޖެނެރަލް ޢަލީ ޝަމްޚާނީއެވެ.

އެންބެސީ ހުޅުވުމަށް ތައްޔާރު ވަނީ

އީރާނުގެ ސަލާމަތީ މަޞްދަރުތައް ބުނާގޮތުގައި ޠަހަރާނުގައި ހުންނަ ސުޢޫދީ އެންބެސީ މަރާމާތު ކުރުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާގެ ސަލާމަތީ ޚާއްޞަ ޓީމެއް އީރާނަށް އަތުވެއްޖެއެވެ. ސުޢޫދީން މަސައްކަތް ފަށާފައި ވަނީ ޠަހަރާނުގައި ހުންނަ އެންބެސީއާއި މަޝްހަދުގައި  ހުންނަ ކޮންސްލޭޓް ހުޅުވުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. ސުޢޫދީ ޝީޢީ ޒަޢީމެއްކަމުގައިވާ ނަމިރުއް ނަމިރުގެ މައްޗަށް 2016ވަނަ އަހަރު ރިޔާޟުން މަރުގެ އަދަބު ތަންފީޒު ކުރުމާ ވިދިގެން އީރާނުގައި އެކަން ކުށްވެރިކޮށް ބޭއްވި މުޒާހަރާތަކުގެތެރޭގައި މަޝްހަދުގައި ހުންނަ ސުޢޫދީ ކޮންސްލޭޓްގައި ވަނީ ރޯކޮށްލައި އަންދާލައިފައެވެ. އީރާނުގެ މި މަޞްދަރު ބުނާގޮތުގައި ސުޢޫދީ ސަލާމަތީ ވަފްދުގެ މަސައްކަތަކަށް ވާނީ ސުޢޫދީ އެންބެސީއާއި ކޮންސްލޭޓްގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް ޒަމާނީ ކުރުމެވެ. އެ ދެ ތަން ހުޅުވުމުގެ ކުރިން އެއިން ތަނަކަށް ޙަމަލާއެއް ދީފާނެތީ އެފަދަ ކަންތައްތައް ހުއްޓުވުމެވެ.

އަނެއްކޮޅުން ބަލާއިރު އީރާނުގެ ސަލާމަތީ ވަފްދެއް ވެސް ސުޢޫދިޔާއަށް ގޮސް ރިޔާޟުގައި ހުންނަ އީރާނުގެ އެންބެސީއާއި ޖިއްދާގައި ހުންނަ އީރާނުގެ ކޮންސްލޭޓް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އީރާނުގެ ޚާރިޖިއްޔާއާ ވަރަށް ގުޅުން ބޮޑު ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޤައިސް ޤުރަޝީ ވިދާޅުވާގޮތުގައި އެ ދެ ޤައުމުގެ އެންބެސީ ހުޅުވުމަށް އެއްބަސްވުމުން އެ ދެ ޤައުމުގެ ނިޔަތް ރަނގަޅުކަން ހާމަވެއްޖެއެވެ. މި ކަމުގެ ސަބަބުން ފައިލުގައި ހުރި އެހެން މަސްއަލަތައް ޙައްލުކުރަން ފަހި މަގެއް ތަނަވަސްވެގެން ދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުން އިސްކަންދެނީ ކޮންމެ ފައިލެއް ވަކިން ނަގައި އެ ފައިލަކާމެދު ބަޙުސް ކުރުމަށެވެ. އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ކުރިން އެންބެސީ ހުޅުވުމަށް ޠަހަރާނުން އިސްކަން ދެއެވެ.

ޤުރަޝީ ވިދާޅުވިގޮތުގައި އެންބެސީ ހުޅުވުމަށްފަހު ވާހަކަދެއްކުންތައް ބޭއްވެމުންދާނީ ފާޅުކޮށް ހާމަކޮށްނެވެ.

މަޝްހަދު – މައްކާ މަގު

ޢިރާޤުގެ ބޮޑު ވަޒީރު މުޞްޠަފަލް ކާޡިމީގެ އަރިސްބޭފުޅަކު ހާމަކުރެއްވިގޮތުގައި އީރާނުގެ މަޝްހަދާއި މާތްވެގެންވާ މައްކާ ގުޅުވައިދޭ ބައިނަލްއަޤްވާމީ މަގެއް ހުޅުވުމަށް ބޮޑުވަޒީރު ކާޡިމީ ހުށައެޅުއްވިއެވެ. މި މަގު ދަތުރު ކުރާނީ ޢިރާޤުގެ ކަރްބަލާތެރެއިންނެވެ. މި މަގު ވެގެންދާނީ "ގުޅުންތަކުގެ ފުންކަން" ދޭހަކޮށްދޭ ރަމްޒަކަށެވެ. މަޝްހަދަކީ ޝީޢީންގެ ގާތުގައި އެންމެ މުޤައްދަސް ސަހަރެވެ. އެ ސަހަރުގައި ޝީޢީންގެ ޤަދަރު ލިބިފައިވާ އެތައް ޒިޔާރަތްތަކެއް ވެއެވެ. އެއީ ޢިރާޤުގެ ކަރްބަލާފަދަ ދީނީ ސަހަރެކެވެ.

އީރާނުން ބުނާގޮތުގައި ކާޡިމީގެ މި ޚިޔާލުފުޅަކި ވަރަށް ރަނގަޅު އަދި މަޤްބޫލު ޚިޔާލެކެވެ. ޠަހަރާނުގެ އިސްވާރުންނާއި ޒަޢާމަތުން މިކަމަށް މަރްޙަބާ ކިޔައެވެ. ސުޢޫދީން ވެސް މި ޚިޔާލާ ދެކޮޅު ނަހަދާކަމަށް ޢިރާޤުން ބުންޏެވެ.

އީރާނާއި ޢިރާޤުގެ މަސްއޫލުވެރީން ސުޢޫދީ ޢަރަބިއްޔާގެ ކިބައިން އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ސުޢޫދީ ޝީޢީންނަށް ދަތިނުކުރުމާއި އެމީހުންނަށް ޙައްޖުވުމަށް ޓަކައި މަޝްހަދަށް ދިޔުމުގެ ހުއްދަ ދިނުން ވެއެވެ.

ހަތިޔާރުއެޅި އިދިކޮޅު ޖަމާޢަތްތަކަށް އެހީވުން ހުއްޓައިލުން

ޚާއްޞަ ރިޕޯޓްތައް ބުނާގޮތުގައި އެންމެފަހުގެ ވާހަކަދެއްކުންތަކުގައި އީރާނުން ބުނިގޮތުގައި އެންބެސީ ހުޅުވުމުގެ ކުރިން އީރާނުގެ އިދިކޮޅު ޖަމާއަތްތަކަށާއި ޙަރަކާތްތަކަށް  ސުޢޫދީ ޢަރަބިއްޔާއިން ވަމުންދާ  ސިޔާސީ، މާލީ، އަދި މީޑިއާ އެހީތައް ހުއްޓައިލަން ޖެހޭނެއެވެ. ސުޢޫދީން އެހީވެދީ ވާގިވެރިވާ އީރަނުގެ އިދިކޮޅު ޖަމާޢަތްތަކުގެތެރޭގައި "ޖައިޝުލް ޢަދްލު" ވެއެވެ. މި ޖަމާޢަތުގެ މައިމަރްކަޒު ހުންނަނީ ދެކުނު އިރުމަތީ އީރާނުގެ ބުލޫޝިސްތާނު ގައެވެ. މިއީ އެ ސަރަޙައްދުގެ ސުންނީ މުސްލިމުން ތަމްސީލު ކުރާ ޖަމާޢާތެކެވެ. ސުޢޫދީން އެހީވާ ކަމަށް އީރާނުން ބުނާ ދެވަނަ ޖަމާޢާތަކީ "މުޖާހިދީ ޚަލްޤު" ޖަމާޢަތެވެ. ތިންވަނަ ޖަމާޢާތަކީ އަޙްވާޒުގެ އިދިކޮޅު ޖަމާޢަތެވެ.

މީޑިއާއިން ގައު އުކުން ހުއްޓައިލުން

ޢިރާޤުގެ ޑިޕްލޮމެޓުން ވިދާޅުވާގޮތުގައި އެންމެފަހު ބައްދަލުވުމުގައި ބަހުސްކުރެވުނު މަސްއަލަތަކުގެތެރޭގައި އެއްފަރާތުން އަނެއް ފަރާތަށް ދެމުންގެންދާ މީޑިއާ ޙަމަލާތައް ހުއްޓައިލުން ވެއެވެ. ޢަރަބީ ޕޯސްޓް ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާއިން ފާރިސީބަހުން ހިންގާ ޓީވީ ޗެނެލްތަކާއި ރޭޑިއޯ ސްޓޭޝަންތައް ހުއްޓައިލުމަށް ސުޢޫދީ ޢަރަބިއްޔާގެ ކިބައިން އީރާނު އެދުނެވެ. މީގެތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ޗެނެލަކީ  އީރާން އިންޓަރނޭޝްނަލް ޗެނެލެވެ. މި ޗެނެލަކީ އީރާނުގެ ސިޔާސަތުތަކާ ދެކޮޅަށް ފާޑު ކިޔާ ޗެނެލެކެވެ. ހަމައެފަދައިން އިދިކޮޅު އަޙްވާޒު ޖަމާޢަތުގެ ނޫސްވެރީންނަށް ފަންޑު ކުރުމާއި ތަމްރީނުދިނުންފަދަ ޢަމަލުތައް ހުއްޓައިލުމަށް ވެސް އީރާނުން އެދުނެވެ.

އީރާނުގެ ވަފްދު ހާމަކުރިގޮތުގައި އީރާނާ އިދިކޮޅު މީޑިއާ ޙަމަލާތައް ހުއްޓައިލެވިގެން މެނުވި އީރާން- ސުޢޫދީ ގުޅުންތައް "އީޖާބީ ވެށްޓަކަށް" ނުނުކުންނާނެއެވެ.

ޔަމަނާ ބެހޭ ފައިލް… މަގުޗާޓެއްގެ މަތީގައި

ޠަހަރާން- ރިޔާޟު މެޒުދޮށުގައި އެންމެ އިސްކަން ދެވުނު މައުޟޫޢަކީ ޔަމަނުގެ މަސްއަލައެވެ. އީރާނުގެ ވަފްދު ހާމަކުރިގޮތުގައި ޔަމަނުގެ ފައިލް ލައްޕައިލުމަށް އީރާނުން ވާގިވެރިވާނެއެވެ. އެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި އީރާނާއި ސުޢޫދީ ޢަރަބިއްޔާގެ ބެލުމުގެ ދަށުން ޔަމަނު ސަރުކާރާއި މި ސަރުކާރާ ދެކޮޅަށް ހަނގުރަމަ ކުރާ އަންޞާރުﷲ ޖަމާޢަތާ ދެމެދުގައި ވާހަކަ ދެއްކުންތައް ބޭއްވިދާނެއެވެ.

ޢިރާޤުގެ ޑިޕްލޮމެޓަކު ހާމަކުރެއްވިގޮތުގައި މި ބައްދަލުވުމުގައި އެންމެ އިސްކަންދެވިފައި ވަނީ ޔަމަނުގެ ހަނގުރާމަ ހުއްޓާނެ ގޮތަކާ ބެހޭގޮތުންނާއި ޔަމަނުގައި ވެރިކަން ޙިއްޞަކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރުމަށެވެ.

އީރާނުގެ އަމްނާބެހޭ ދާއިރާތަކުން ބުނާގޮތުގައި އީރާނު ވަފްދުގެ ރައީސް ޢާލީ ޝަމްޚާނީ ރިޔާޟުން ހަނގުރާމަ ހުއްޓަން އެދޭކަން ޙޫޘީންނަށް އެންގެވިއެވެ. ކުރިއަށް އޮތް ވާހަކަދެއްކުންތަކުގައި ޙޫޘީން ބައިވެރިކުރެވިދާނެ ކަމަށް ލަފާކުރެވެއެވެ. މިކަމާ ބެހޭ ތަފްޞީލީ މަޝްވަރާތައް އޮންނާނީ ވާހަކަދެއްކުމުގެ ދެން އަންނަ ބުރެއްގައި ކަމަށް ޢިރާޤުން ބުންޏެވެ.

ޢިރާޤުގެގެ ޑިޕްލޮމެޓަކު ހާމަކުރެއްވިގޮތުގައި ޔަމަނުގެ މަސްއަލަ ޙައްލުކުރުމަށް ޓަކައި މަގުޗާޓަކަށް އެއްބަސްވެވުނެވެ. މި މަގު ޗާޓާބެހޭ ތަފްޞީލުތައް ހާމަވެގެންދާނީ ކުރިއަށް އޮތް ބުރުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް