އަފްޣާނިސްތާނުގެ ޠާލިބާނުންގެ ސަރުކާރުން އަވަހަށް ނަމަވެސް ފަހުން ނަމަވެސް ޤަބޫލުކުރަން އެމެރިކާއަށް މަޖްބޫރުވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އާރް ޓީ ވަރލްޑް އަށް ޢިމްރާން ޚާން އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޕާކިސްތާނު އެކަނި ޠާލިބާން ސަރުކާރު ޤަބޫލުކޮށްގެން އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެންމެ ފުރަތަމަ އެ ސަރުކާރު ޤަބޫލު ކުރަން ޖެހޭނީ އެމެރިކާއާއި ޔޫރަޕާއި ޗައިނާއާއި ރަޝިޔާއިންނެވެ." އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އަފްޣާނިސްތާނު ސަރުކާރު ޤަބޫލުކުރަން އެމެރިކާއަށް މަޖްބޫރުވެގެން ދާނެއެވެ.
ޚާނުގެ މި ބަސްދީގަތުމުގައި އަފްޣާނިސްތާނަށް އެހީވުމަށް ދުނިޔެއަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އަފްޣާން ސަރުކާރަކީ ބޭރުގެ އެހީއަށް މުޅިން ކަހަލަ ގޮތަކަށް ބަރޯސާވެފައިވާ ޤައުމެކެވެ.
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ މުޖްތަމަޢުން އަފްޣާނިސްތާނަށް އެހީ ނުވެއްޖެނަމަ އެ ޤައުމުގައި އިންސާނީ ބޮޑު ބަލާވެރިކަމެއް އުފެދިދާނެއެވެ." އޭނާ އިޝާރާތް ކުރެއްވިގޮތުގައި ދުނިޔޭގެ އަރާރުންތައް ޢަސްކަރީ ބާރުން ޙައްލު ނުކުރެވޭނެކަން އަފްޣަނިސްތާނުން އެނގިއްޖެއެވެ.
އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން ގެނައީ ޕާކިސްތާނުން ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ޙަޤީޤަތެއްނެތް ބާޠިލު ވާހަކަތަކެކެވެ.
އެމެރިކާއިން ޕާކިސްތާނަށް ކުރާ ތުހްމަތުތައް
އެމެރިކާގެ ކޮންގްރެސްގެ މެންބަރުންތަކެއް އަފްޣާނިސްތާނުގައި ޕާކިސްތާނުން ކުޅެފައިވާ ދައުރު ތަޙްޤީޤު ކުރުމަށް ގޮވައިލާ ބިލެއް ވަނީ ކޮންގްރެސްއަށް ހުށައަޅުއްވައިފިއެވެ. މިކަން ކުށްވެރި ކުރައްވާ ޢިމްރާން ޚާން ވިދާޅުވިއެވެ. "މިއީ އެއްވެސް ބަހަނާއެއް އޮތް ކަމެއްނޫނެވެ. މިއީ ޕާކިސްތާނާ އެމެރިކާއާ ދެމެދުގައިވާ އެއްބާރުލުމުގެ ރޫޙާ ތަޢާރުޟުވާ ކަމެކެވެ."
ޕާކިސްތާނުގެ ޚާރިޖިއްޔާއިން މި ދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއް ބުނާގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް އެމެރިކާއާއި ޕާކިސްތާނާ ދެމެދުގައި އޮތް ސަލާމަތީ އެއްބާރުލުމަކީ މި ސަރަޙައްދަށް ވަރަށް މުހިއްމު އެއްބަސްވުމެކެވެ. ޕާކިސްތާނުގެ ބަޔާން ބުނިގޮތުގައި ކޮންގްރެސްއަށް ހުށައެޅިފައިވާ ބިލަކީ "ބޭނުމެއް ނެތް އަދި ގެއްލުން ހުރި" ބިލެކެވެ.
ސެޕްޓެންބަރު 27 ގައި ޢިމްރާން ޚާން ވޮޝިންގްޓަން ޕޯސްޓްގައި ލިޔުއްވި މަޒްމޫނެއްގައި ވިދާޅުވެފައިވާގޮތުގައި ކޮންގްރެސްއަށް މި ފަދަ ބިލެއް ހުށައެޅުމުން އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގަތެވެ. އަފްޣާނިސްތާނުގައި އެމެރިކާއެކު 20 އަހަރުވަންދެން ވެފައިވާ ޤުރްބާނީތަކަށް މި ބިލުގައި އިޝާރަތެއް ކޮށްފައެއް ނުވެއެވެ. މި ޤުރްބާނީތަކުގެ އަގު ވަޒަން ނުކުރީތީ ހިތާމަކުރައްވާކަމަށް ވެސް ޢިމްރާން ޚާން ވިދާޅުވެފައި ވެއެވެ. އަފްޣާނިސްތާނުގައި އެމެރިކާއަށް ލިބުނު ގެއްލުންތައް ޕާކިސްތާނަށް ތަޙައްމުލު ކުރަން ޖެހުނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
އަފްޣާނިސްތާނުގެ މަސްއަލަ ތަޙްޤީޤު ކުރުމަށް ގޮވައިލާ މި ބިލް ކޮންގްރެސްއަށް ހުށައެޅުއްވީ ކޮންގްރެސްގެ 20 މެންބަރުން ވެގެންނެވެ. މި ބިލުގައި ޠަލިބާނުންނަށް އަފްޣާނިސްތާނުގެ ވެރިކަން ލިބުމުގައި ޕާކިސްތާނުގެ ދައުރު ބެލުމަށް ގޮވައިލައިފާ ވެއެވެ.
ޠާލިބާނުންގެ ސަރުކާރު ދުނިޔެއިން ބަލައިގަނެގެން މެނުވީ ގަނޑުކޮށްފައިވާ އެ ޤައުމުގެ އުޞޫލުތަކާއި އދ ގައި ހުރި އަފްޣާން ގޮނޑިއާއި އެ ޤައުމުން ބޭރަށް ދަތުރު ކުރައްވާ ޠާލިބާނުންގެ މަސްއޫލުވެރީންނަށް ސިޔާސީ ޙިމާޔަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ.



advertisment