Support Us

އިތިޔޯޕިއާގެ ހަނގުރާމަ އަވަހަށް ހުއްޓުމަށް އެމެރިކާއިން އަމުރުކޮށްފި

އިތިޔޯޕިއާގައި ހިނގަމުންދާ ހަނގުރާމައިގެ ބައިވެރީން މި ހަނގުރާމަ ހުއްޓުވުމަށް ޓަކައި އެއްބަސްވުމަކާ ހަމައަށް އަވަހަށް އައުމަށާއި ހަނގުރާމަ ކުރިއަށް ގެންދާނަމަ އެ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ. މި ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކަކީ އިތިޔޯޕިއާ އާއި އެރީތްރިޔާއާއި ޓީގްރޭ ސަރަޙައްދު މިނިވަންކުރުމަށް މަސައްކަތްކުރާ ޙަރަކާތެވެ.

އަނެއްކޮޅުން ބަލާއިރު އިތިޔޯޕިއާގެ ދާޚިލީ ކަންތައްތަކާ ބެހިވަޑައިގަންނަވަމުން ދާތީ އެ ޤައުމުގައި ތިއްބެވި އދ ގެ މަސްއޫލުވެރީންގެ ތެރެއިން ހަތް ބޭފުޅަކު އެ ޤައުމު ދޫކުރައްވާ ވަޑައިގަތުމަށް އެޑިސްއަބާބާއިން ވަނީ އަމުރުކޮށްފައެވެ. އެކަމާމެދު އދ ކަންބޮޑުވާކަން ވަނީ ހާމަކޮށްފައެވެ.

ވައިޓްހައުސްގެ ތަރްޖަމާނު ޖޭން ސާކީ ހާމަކުރެއްވި ގޮތުގައި އިތިޔޯޕިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ފާހަގަކުރެވޭ ފަދަ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ވޯޝިންގްޓަނުން އެ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ވޮޝިންގްޓަނުން މި ފަރާތްތަކަށް ވާނީ މި ކަން އަންގައިފައެވެ. ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އެ ފަރާތްތަކުން ހަނގުރާމަ ހުއްޓައި އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ޓަކައި އެ ފަރާތްތަކުން ދޮރުތައް ހުޅަވައިދޭން ޖެހޭނެއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުތައް ފަހިކޮށް ނުދީފިނަމަ ނުވަތަ ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާނަމަ އެ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަށް ރައީސް ބައިޑްން ވަނީ ތަންފީޒީ ވަރުގަދަ އަމުރެއް ނެރުއްވައިފައެވެ.

އަނެއްކޮޅުން ބަލާއިރު އިތިޔޯޕިއާގައި ތިއްބެވި އދގެ ހަތް މަސްއޫލުވެރިއަކު އެ ޤައުމުން ފުރާވަޑައިގަތުމަށް އެޑިސްއަބާބާއިން އެންގިއެންގުން އެމެރިކާ ޚާރިޖީ ވަޒީރު ބްލިންކެން ކުށްވެރި ކުރައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި މިކަމުގެ ސަބަބުން އިތިޔޯޕިއާގައި މަދަނީން ރައްކައުތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްތަކެއް އެޅިގެން ދާނެއެވެ. ބްލިންކެން ވިދާޅުވިގޮތުގައި އިތިޔޯޕިއާގައި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ޓަކައި ކުރެވޭ މަސައްކަތަށް ހުރަސްއަޅާ މީހުންނާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

ވައިޓްހައުސްގެ ތަރްޖަމާނު ނޫސްވެރީންނާ ބައްދަލު ކުރައްވަމުން އެޑިސްއަބާބާގެ މި "ނުބައި" ޢަމަލު ޤަބޫލު ނުކުރެވޭނެކަން އެންގުމަށް ސަލާމަތީ މަޖިލީހަށް ގޮވައިލެއްވިއެވެ.

އެޑިސްއަބާބާގައި ތިއްބަވާ އދގެ ހަތް މަސްއޫލުވެރިއަކު އެ ޤައުމުން ފޮނުވައިލުމަށް އިތިޔޯޕިއާ ސަރުކާރުން އއްޔެ ނިންމީ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް އެޑިސްއަބާބާއިން ހުރަސްއެޅުމުގެ ސަބަބުން ޓިގްރީ ސަރަޙައްދުގައި އެތައް ހާސް ބަޔަކު ބަނޑަށް ޖެހެމުންދާ ކަމަށް ވިދާޅުވުމުންނެވެ. އިތިޔޯޕިއާގެ ޚާރިޖިއްޔާއިން ބުނިގޮތުގައު މިއީ އެ ޤައުމުގެ ދާޚިލީ މަސްއަލައަކާ ބެހުމެވެ. އެ ބޭފުޅުން 72 ގަޑިއިރުގެތެރޭގައި އިތިޔޯޕިއާއިން ބޭރަށް  ވަޑައިގަންނަވާން ޖެހޭނެ ކަމަށް އެޑިސްއަބާބާއިން ބުންޏެވެ. މި ހަތް ބޭފުޅުންގެ ތެރޭގައި ޔުނިސެފާއި ޓިގްރޭ ސަރަޙައްދާ ބެހޭ އދގެ އޮފީހުގެ ވިލަރެސް ވެރީން ހިމެނިވަޑައިގަންނަވައެވެ.

ޓިގްރޭގައި މި ހުސްވި ނޮވެންބަރު ފެށުނު ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި ޓިގްރޭ ސަރަޙައްދުން ދެ މިލިޔަނެއްހާ މީހުން ވަނީ އެ ސަރަޙައްދު ދޫކޮށް ފައިބައިފައެވެ. މި ހުސްވި ޖުލައި މަހު މި ހަނގުރާމަ ވަނީ ސޫދާނުގެ ސަރަޙައްދާ ހަމައަށް ފުޅައުވެފައެވެ.

އދގެ މަސްއޫލުވެރީންތަކެއް ފައްސައިލުމުގެ ކުރިން އިތިޔޯޕިއާއިން ވަނީ "ސަރަޙައްދެއް ނެތް ޑަކްޓަރުންގެ ޖަމްޢިއްޔާ"ގެ މަސައްކަތްތަކާއި "ރެފިޔުޖީންނާ ބެހޭ ނޯވޭ މަޖިލިސް"ގެ މަސައްކަތްތައް ހުއްޓައިލުމަށް އަމުރުކޮށްފައެވެ. އެޑިސްއަބާބާ ތުހްމަތު ކުރާގޮތުގައި މި ދެ ފަރާތުން ވެސް ފަތުރަމުންދަނީ "ދޮގު" ވާހަކަތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް