Support Us

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަން އެޗް.ޑީ.ސީން ހާއްސަ ހަރަކާތެއް

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަން ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ހާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖައްސައިފިއެވެ.

އެޗް.ޑީ.ސީން ބުނީ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 06:30 އިން 08:30 އަށް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ކަމަށާއި މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ ގްރޫޕްތަކުން ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު  ހުޅުވާލައިފައިވާ ކަމަށެވެ.

މި ހަރަކާތަކީ އެޗް.ޑީ.ސީއާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގާ ގުޅިގެން ހިންގާ ހަރަކާތަކެވެ. އެ ހަރަކާތުގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އަޅާ ގިނަ މައުލޫމާތުތަކެއް ދިނުމާއި އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝަރ ބަލައިލުން ފަދަ ހިދުމަތްތައް އެ ސަރަހައްދުން ލިބޭނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އޭގެ އިތުރުން މި އަހަރުގެ ތީމް ކަމުގައިވާ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް"އާ ގުޅުވައިގެން ދިރާގުގެ ފަރާތުންވެސް ގިނަ ހިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި މި ކަމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުވުމާއި މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާއެކު ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.