Support Us

މީ ހިޔާލު ތަފާތުވުންތަކާއި އާއިލީ މަސްލަހަތު ދޫކޮށްލައި ގައުމު އިސްކުރަންޖެހޭ ވަގުތު: ރައީސް

"އެންމެ ފުރަތަމަ ގައުމު" އެއީ ބުނެލާ އިބާރާތަކަށްވުރެ ބޮޑަށް އަމަލީ ގޮތުން ތަންފީޒު ކުރާ ކަމަކަށް ހަދަންޖެހޭ

"އެންމެ ފުރަތަމަ ގައުމު" އެއީ ރީއްޗަކަށް ބުނެލާ އިބާރާތަކަށްވުރެ ބޮޑަށް އަމަލީ ގޮތުން ތަންފީޒުކުރާ ކަމަކަށް ހަދައި، ހިޔާލު ތަފާތުވުންތަކާއި އާއިލީ މަސްލަހަތު ދޫކޮށްލައި މި ވަގުތަކީ ގައުމު އިސްކުރަން ޖެހޭ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިންގައި ފުވައްމުލަކު ސިޓީ ދާއިރާތަކުގެ ކެނޑިޑޭޓުންގެ ޖަލްސާގައި، އެ ސިޓީގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ފަހުރުވެރިކަމާ އެކު މިނިވަންކަން އިހުސާސްވާން ބޭނުންވާ ބައެއް ކަމަށާއި ގައުމުގެ ކަންކަމުގައި އަބަދުވެސް އަމިއްލަވަންތަކަން އިހުސާސް ކުރަން ބޭނުންވާ ބައެއް ކަމަށެވެ. އަދި އެ ކަންކަން އެގޮތުގައި ދެމިއޮންނާނީ މިފަހަރުގެ މަޖިލީސް އިންތިހާބުގައި ދޭ ވޯޓަކީ ތަރައްގީއާއި މިނިވަންކަމާއި ރައްކާތެރިކަމަށް ދޭ ވޯޓަކަށް ހަދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަންކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ތެރޭގައި ހުރި ހިޔާލުތަފާތުވުންތަކާއި އާއިލީ މަސްލަހަތު ދޫކޮށްލަންޖެހޭ ކަމަށެވެ.

"މިސާލަކަށް ހުރެދާނެ އަޅުގަނޑުމެންގެ ކެނޑިޑޭޓު ހުއްޓަސް އާއިލާގެ ތެރެއިން އަނެއް ޕާޓީގެ މީހަކު ނިކުމެފައި. ދޫކޮށްލައްވާ. އާއިލާއެއް ނޫން މިވަގުތު އެކަހަލަ ހާލަތްތަކުގައި އިސްކުރަން ޖެހޭނީ. އާއިލާ އިސްކަންޖެހޭ ކަންކަން ވެސް ހުންނާނެ. އެކަމަކު އެއަށްވުރެ ބޮޑަށް އިސްކުރަންޖެހޭ އަޅުގަނޑުމެންގެ ގައުމުގެ ހައްގުގައި ނިންމަންޖެހޭ ނިންމުމުގެ ޒިންމާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިގައުމު ނުބައި މިސްރާބަކަށް ގޮސްގޮސް އޮއްވައި ރައްޔިތުންގެ ގިނަ ބަޔަކު ނިކުމެ ރިޔާސީ އިންތިހާބުގައި ގައުމު ރަނގަޅު މިސްރާބަށް އަނބުރާ ގެނެސްދީފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ގައުމު" އެއީ ރީއްޗަކަށް ބުނެލާ އިބާރާތަކަށް ވެގެން ނުވާނެ. އެއީ ވަރަށް ފުން މާނައެއް ހިމެނޭ ވާހަކައެއް. އެއީ އަމަލީ ގޮތުން ތަންފީޒުކުރަންޖެހޭ އެއްޗެއް. މިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ގިނަ ރައްޔިތުން އެކަން ތަންފީޒު ކުރެއްވެވީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމު ރަނގަޅު މިސްރާބަކަށް އާދެވިފައި އޮއްވާ އަދި ގައުމުގެ ތަރައްގީއަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، އަނެއްކާ ވެސް އިންތިހާބެއް އަންނަ އިރަށް އާއިލީ މަސްލަހަތާއި ރައްޓެހިކަމުގެ މަސްލަތު އަދި ގާތް މީހުންގެ މަސްލަހަތަށް އިސްކަން ދޭންވާނީ އެކަމުގައި ގައުމުގެ މަސްލަހަތު ހިމެނޭ ކަމަށްވަންޏާ ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެނޑިޑޭޓުން ހޮވަން ޖެހެނީ އެ ކެނޑިޑޭޓުންނަކީ ގައުމުގެ ވިސްނުމުގައި މަސައްކަތް ކުރާނެ ކެނޑިޑޭޓުންނަށްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކެނޑިޑޭޓުން ހޮވައިދީފި ނަމަ މިގައުމުގައި ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަމާއި އެމަނިކުފާނު ޔަގީންކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެން އެކަތިގަނޑަކަށްވެފައި ގައުމު އިސްކުރަން ޖެހޭ ކަމަށާއި އިދިކޮޅު ފަރާތްތަކަށް މިސަރުކާރު ކަމުނުދަނީ ފަހުރުވެރި މުސްލިމް ގައުމެއް ބިނާކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާތީ ކަމަށެވެ.

"އެބޭފުޅުންގެ ކިބައިން ފެންނަނީ ވަރަށް ބިރުން އުޅޭތަން. އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރެއިން މި ފެންނަނީ އަޅުގަނޑުމެން އިސްލާމުންނަށް ވީތީ މިއީ މުސްލިމް، ފަހުރުވެރި އިސްލާމީ ގައުމެއްގެ ގޮތުގައި ބިނާކުރަމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް. އެއެއް އެ ބޭފުޅުންނަށް ކަމަކުނުދޭ،" ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ކަމަކަށް ވިސްނައިފައި ހިޔާލުތަފާތުވުންތައް ދުކޮށްލަންޖެހޭ ކަމަށާއި އާދީއްތަ ދުވަހުގެ ވޯޓަކީ ގައުމީ ކަމެއް ކަމަށާއި ސިޔާސީ ވޯޓެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަގީގީ މާނައިގައި ވެސް މިއީ ގައުމީ ވޯޓެއް. ސިޔާސީ ވޯޓެއް ނޫން. ގައުމީ މަސައްކަތެއް ކުރަން ނިކުމެ މިތިބީ."

ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ބޭނުންވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ބޭނުންވާތީ ކަމަށާއި އިދިކޮޅު ކެނޑިޑޭޓުން މަޖިލީހަށް ހޮވިއްޖެ ނަމަ އެ އެއްބާރުލުން ނުދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިދިކޮޅުގެ ވިސްނުން ހުރީ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން މިސަރުކާރު ބަދަލުކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްގައި ހިމެނޭ 93 ގޮނޑިއަށް މި ސަރުކާރުގެ ކެނޑިޑޭޓުން ހޮވައިދިނީމާ ދާއިރާގެ ހައްގުގައި މަޖިލީހުގައި ކުރަންޖެހޭ ކަންތައްތައް އެ ބޭފުޅުން ކުރައްވާނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރާ ކަންކަމުގައި އެއްބާރުލުން ވެސް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ކުރީގަ ޖަވާބުދާރީކުރުމުގެ ވާހަކަތައް ދެއްކެވިޔަސް ފަހުން އެ ވާހަކަތައް އަސްލު އެބޭފުޅުންގެ ހިތުގައި އޮތް ގޮތަށް މިހާރު ވާހަކަދައްކަވަނީ. ސަރުކާރު ބަދަލުކުރަން، ބަގާވަތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފްޒުތައް. އެހެންވެ މިއީ ޑިމޮކްރަސީގެ ހަމައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މި ހަމަނުޖެހުމުގެ ތެރެއަށް މިގައުމު ދޫކޮށްލަން ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށާއި މި ގައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށް ރައީސް ވިދާޅުވި އެވެެ.

ރައީސް ވިދާޅުވީ ފުވައްމުލަކު ސިޓީއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ވަރަށް ވަރުގަދަ އަޒުމެއްގައި ހުންނެވި ކަމަށާއި އެކަންތައް ކޮށްދެއްވޭނީ މަޖިލީސް އިންތިހާބުގައި ސަރުކާރުގެ ކެނޑިޑޭޓުން ހޮވައިދީގެން ކަމަށެވެ. އަދި ފުވައްމުލަކު ސިޓީގެ ހައްގުގައި ސަރުކާރުގެ ތިން ކެނޑިޑޭޓުން ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވައިދިނުމަށް ރޭގެ ޖަލްސާގައި ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް އެދިވަޑައިގަތީ އިންތިހާބުގެ ވޯޓަށް ކުރިއަށް އޮތް ދެ ދުވަހު ތެރޭގައި އަމިއްލަ މަސްލަހަތު ދޫކޮށްލައިފައި މުޅި ގައުމާއި އަމިއްލަ ދަރިންގެ މުސްތަގުބަލަށްޓަކައި ސަރުކާރަށް އެއްބާރުލުން ދިނުމުގެ ވިސްނުން ރައްޔިތުން އިސްކުރުމަށެވެ. އަދި ތަރައްގީއަށްޓަަކައި ސަރުކާރުން ފަށައިފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ.

މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓައެވެ. އެއީ ރާއްޖޭގައި 599 ފޮއްޓާއި ރާއްޖެެއިން ބޭރުގައި ތިން ފޮއްޓެވެ. ރާއްޖެެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 އަންހެނުންނާއި 139،361 ފިރިހެނުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *