ސޫރިޔާގެ ޞުލްޙަ ގުޅިފައި ވަނީ ރަޝިޔާއާއި ތުރްކީގެ ގުޅުމާ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން ވިދާޅުވެއްޖެއެވެ. ރަޝިޔާއާއި ތުރްކީއާ ދެމެދުގައި އެއްބަސްވެފައިވާ ދިފާޢީ އެއްބާރުލުން ކުރިއަށް ގެންދިޔުމުގައި ތުރްކީ ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އުރްދުގާން ވިދާޅުވިއެވެ.
ތުރްކީގެ ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ރޫސީ ރައީސް ވެލްޑިމީރު ޕޫޓިނާ ރަޝިޔާގެ ސޫޗީ ސަހަރުގައި ދެވަނަ ފަހަރަށް ބައްދަލު ކުރެއްވުމުގެ ކުރީންނެވެ.
އުރްދުގާން ވިދާޅުވިއެވެ. "ސޫރިޔާގެ ޞުލްޙަ ގުޅިފައި ވަނީ ރަޝިޔާ ތުރްކީ ގުޅުންތަކާއި ސޫރިޔާގެ މަސްއަލައާ ބެހޭގޮތުން އެ ދެ ޤައުމުން އަޅަމުންދާ ފިޔަވަޅުތަކާއެވެ." ސޫރިޔާއަކީ މި ދެ ޤައުމަށް ވެސް ވަރަށް މުހިއްމު ޤައުމެއް ކަމަށް އުރްދުގާން ވިދާޅުވިއެވެ.
ތުރްކީ– ރަޝިޔާ ގުޅުންތައް ދެމެހެއްޓުމުގައްޔާއި މި ގުޅުންތައް ހަރުދަނާ ކުރުމުގައި އެ ދެ ޤައުމަށް ވަރަށް ބޮޑެތި ފައިދާތަކެއް އޮތް ކަމަށް އުރްދުގާން ވިދާޅުވިއެވެ.
ތުރްކީ- ރަޝިޔާ ދިފާޢީ އެއްބާރުލުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުގާން ވިދާޅުވިއެވެ. "އދ ގެ ޢާއްމު ޖަމްޢިއްޔާގައި ވަރަށް ގިނަ މަސްއަލަތަކަކާ ބެހޭގޮތުން އެތައް ބަޔަކު އަހުރެމެންނާ ސުވާލު ކުރިއެވެ. އަހުރެމެން ދޭން ޖެހޭ ޖަވާބު ވާނީ ދީފައެވެ. އަހުރެމެން ކަނޑައަޅައިފައިވާ ޤަރާރުތައް އުވާލައި ފަހަތަށް ރުޖޫޢަވާކަށް ނެތީމުއެވެ."
މިއަހަރުގެ ހޫނު މޫސުމުގައި ތުރްކީގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުން މި އަލިފާން ނިއްވުމުގެ މަސައްކަތުގައި މޮސްކޯއިން އަންކަރާއަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ކަމަށް އުރްދުގާން ވިދާޅުވެ. މި ކަމަށް ޓަކައި ރައީސް ޕޫޓިނަށް ޝުކްރު އަދާކުރެއްވިއެވެ. ތުރްކީގެ ޤަހްރަމާން ސްޓޭޓްގައި ރޯވި އަލިފާން ނިއްވަން އުޅުނު ރަޝިޔާ ބޯޓުތަކުގެ ތެރެއިން ބޯޓެއް ވެއްޓި އެ ހާދިސާގައި މަރުވި ރޫސީންގެ ޚިދްމަތުގެ އަގު ވަޒަންކުރައްވައި އެމީހުންގެ ޢާއިލާތަކަށާއި ރަޝިޔާ ސަރުކާރަށް ވެސް ޝުކްރު އަދާކުރެއްވިއެވެ.
ތުރްކީ- ރަޝިޔާ އިޤްތިޞާދީ ގުޅުންތަކަށް ބައްލަވައިލައްވަމުން ވިދާޅުވިގޮތުގައި މި އަހަރު ބަދަލުކުރެވުނު ވިޔަފާރިއަށް ލޮޅުންތަކެއް އަރާފައި ވިޔަސް މި ގުޅުން ރަނގަޅު ޙާލަތެއްގެ މަތީގައި އަދިވެސް އެބަ އޮތެވެ. އުރްދުގާން ވިދާޅުވިގޮތުގައި ކުރިއަށް އޮތް ތާނގައި މި ގުޅުން އިތުރަށް ރަނގަޅުވެގެންދާނެއެވެ.
ރަޝިޔާގެ ފަތުރުވެރީން ތުރްކީއަށް އިސްކަންދޭދިނުން ފާހަގަ ކުރައްވާ ރޫސީ ފަތުރުވެރީންނަށް އޭނާ ޝުކްރު އަދާކުރެއްވިއެވެ.
ރަޝިޔާގެ އެހީގައި ހެދެމުންދާ ނިޔުކްލިއަރ ހަކަތަ ސްޓޭޝަނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަޝްރޫޢު ރޭވިފައިވާ ގޮތަށް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ. މި ސްޓޭޝަން މި އަންނަ އަހަރު ހުޅުވޭނެ ކަމަށް ރައީސް އުރްދުގާން ވިދާޅުވިއެވެ. މި ބޮޑު މަޝްރޫޢުގެ ސަބަބުން ތުރްކީ– ރޫސީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނޭ ކަމަށް ވިދާޅުވިއެވެ. އުރްދުގާން ހާމަކުރެއްވިގޮތުގައި މި މަޝްރޫޢު މުޅިން ނިމި މި ސްޓޭޝަން ރަސްމީކޮށް ހުޅުވޭނީ ތުރްކީގެ ޖުމްހޫރިއްޔާގެ ސައްތަވީ އިޙްތިފާލުގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ރަޝިޔާގެ ރޮސާޓޯމް ކުންފުނިންނެވެ. މި މަޝްރޫޢުގެ ބިންގާ އެޅުނީ 2018 ވަނަ އަހަރު ގައެވެ. މި އިޙްތިފާލުގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސްޓޭޝަނުގައި VVER-1200 ހަކަތައިގެ ހަތަރު ޔުނިޓް ހިމެނޭނެއެވެ. މި ތަނުން 4.8 ހާސް މެގަވޯޓްގެ ކަރަންޓް ލިބޭނެއެވެ.
ވުނަކުރަނިވި ބައްދަލުވުމެއް
ތުރްކީގެ ރައީސް އުރްދުގާން ސިފަކުރެއްވިގޮތުގައި ރައީސް ޕޫޓިނާއެކު ބޭއްވެވި ބައްދަލުވުމަކީ ވަރަށް ވުނަކުރަނިވި ބައްދަލުވުމެކެވެ. ރައީސް އުރްދުގާން ސޫޗީއަށް ވަޑައިގެންނެވީ މިއަދުއެވެ. މި ދެ ބޭފޫޅުންގެ ބައްދަލު ކުރެއްވުން ދެ ގަޑިއިރާ 45 މިނެޓަށް ދެމިގެންދިޔައެވެ.
ތުރްކީގެ ރައީސް އުރްދުގާން ރަޝީޔާއަށް ދަތުރުފުޅެއް ކުރެއްވީތީ ރައީސް ޕޫޓިން އޭނާއަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ. ރައީސް ޕޫޓިން ސިފަކުރެއްވި ގޮތުގައި އެ ދެބޭފުޅުންގެ ބައްދަލު ކުރެއްވުމަކީ ފައިދާ ހުރި ޝާމިލު ބައްދަލުވުމެކެވެ.



advertisment