...

Support Us

އީރާންގެ ނިޔުކްލިޔަރ ޕްރޮގްރާމް ވަނީ ހުރިހާ "ރަތް ރޮނގެއް" ހުރަސްކޮށްފައި: އިސްރާއީލު

އީރާންވަނީ ނިޔުކްލިޔަރ ހަތިޔާރު އުފެއްދުމަށް ހުރަސްއެޅޭ ގޮތަށް ހުރި ހުރިހާ "ރަތް ރޮނގުތަކެއް" މުގުރައިލައި އެ ރޮނގުތައް ފަހަނަޅައި ގޮސްފައި ކަމަށާއި، ނަމަވެސް ތެހެރާނުން ބޮމެއް ހަދާކަށް އިސްރާއީލުން "ހުއްދައެއް ނުދޭނެ" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބިނީތު ބުނެފިއެވެ. އދ.ގެ އާންމު މަޖިލީހުގައި އޭނާ ދިން ފުރަތަމަ ތަޤުރީރުގައި ބިނީތު ޝަކުވާކުރީ މި ވޭތުވެ ދިޔަ އަހަރުތަކުގައި އީރާންގެ އިސްލާމީ ޖުމުހޫރިއްޔާއިން ވަނީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޤާބިލިއްޔަތު ލިބޭ ވަރަށް ނިޔުކްލިއަރ ފައްކާކޮށްފައި ކަމަށެވެ.

މި ދިޔަ ޖޫން މަހު މަޤާމާ ޙަވާލުވި ބިނީތު ބުނީ "އީރާންގެ ނިޔުކްލިއަރ ހަތިޔާރުގެ ކަމާކެމި" މިހާރު ވަނީ ޚުޠޫރަތްތެރި ފައްތަރެއްގައި ކަމަށެވެ. އަދި "އީރާނުން ނިޔުކްލިޔަރު ހަތިޔާރު ހަދާން ކުރާ މަސައްކަތަކީ ދުނިޔޭގެ ބައެއް ގައުމުތަކުން އެއީ ކުޅިވަރަކަށް ނުވަތަ މުނިފޫހިފިލުވުމަށް ކުރާ ކަމެއް ކަމަށް ދެކެދެކެ ތިއްބައި އީރާނުން އެކަން ކުރިއަށް އެބަ ގެންދެއެވެ. މި ވާހަކަ އަޑުއަހައިއަހައި ދުނިޔެ ފޫހިވީތޯއްޗެކެވެ. ނުވަތަ މިއީ ޑީލެއްގެ ދަށުން ކުރާ ކަމަކަށް ވެސް ވެދާނެއެވެ."އުމުރުން 49 އަހަރުގެ ބޮޑުވަޒީރު އިއްޔެ ބުނެފައިވެއެވެ. "އިސްރާއީލަށް އެ އިމްތިޔާޒެއް ލިބިފައެއް ނެތެވެ. އަހަރެމެންނަށް ވަރުބައްޔެއް ނުވެވޭނެއެވެ. އަހަރެމެން ވަރުބައްޔެއް ނުވާނެއެވެ. އީރާނުން ނިޔުކްލިއަރ ހަތިޔާރުގެ ގާބިލުކަން ހޯދާކަށް އިސްރާއީލު ހުއްދައެއް ނުދޭނެއެވެ."

އަނެއްކޮޅުން ނިޔުކުލިއަރ ފައްކާކުރަނީ ހަތިޔާރު އުފައްދާން ނޫން ކަމަށާއި އެއީ މަދަނީ ބޭނުމަށް ޓަކައި ހިންގާ މަޝްރޫޢެއް ކަމަށް އަބަދު ވެސް ބުނަމުން ގެންދާ އީރާނުން ހުކުރު ދުވަހު ބުނެފައިވަނީ، 2015 ގައި ވެވިފައިވާ ތާރީޚީ އެއްބަސްވުމަށް އަނބުރައި ރުޖޫޢަވުމަށް ޓަކައި ދާދި އަވަހަށް އަލުން ވާހަކަތައް ފެށޭނެ ކަމަށް އީރާން އުންމީދު ކުރާ ކަމަށެވެ. އަދި މިކަމާ ގުޅިގެން، އެކަމުގެ ބަދަލެއްގެ ގޮތުން، އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާން ނުވަތަ ލުއި ދޭން ޖެހޭނެކަމަށެވެ.

ބިނީތުގެ ކުރީން 2009ން ފެށިގެން މި އަހަރު ޖޫން މަހާ ހަމައަށް ބޮޑުވަޒީރުކަމުގައި ހުރި ބިންޔާމީން ނަތަންޔާހޫއަކީ މި މައްސަލައިގައި އެންމެ ގިނައިން ފާޑުކިޔައި އެ މައްސަލަ ކުށްވެރި ކުރި އިސްވާރެވެ. އާންމު ގޮތެއްގައި ބައިނަލްއަގުވާމީ ހުރިހާ މަންސައެއްގައި މި މައްސަލައަށް އޭނާ ގެންދިޔައީ ފާޑުކިޔައި އެކަން ކުށްވެރިކުރަމުންނެވެ.

ތަފާތު ފަލްސަފާތަކެއްގެ މައްޗަށް އެކުލެވޭ، އަށް ޕާޓީއަކުން އެކުލަވައިލައިފައިވާ ކޯލިޝަން ސަރުކާރުގެ ވެރިއެއްގެ ގޮތުން ބޮޑުވަޒީރުކަން ކުރަމުން ގެންދާ ބިނީތަކީ ޚާރިޖީ ސިޔާސަތުގައި ހަރުކަށި މީހެކެވެ. މީނާ ވެސް އީރާނުގެ ނިޔުކްލިޔަރު ޑީލާ ދެކޮޅެވެ. ނަމަވެސް އދ.ގެ ތަގުރީރުގައި އެ ޑީލުގެ ވާހަކައަށް އޭނާ އިޝާރާތެއް ނުކުރެއެވެ. ނިޔުކްލިޔަރ ޑީލަކީ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ ބަދަލުގައި އީރާނުން އެއްބަސްވެފައިވާ އެއްބަސްވުންކަމަށް ބެލެވެއެވެ.

އިސްރާއީލުން ފާޅުގައި އިޢުތިރާފުވެފައި ނެތް ނަމަވެސް އިސްރާއީލަކީ ނިޔުކްލިޔަރ ހަތިޔާރު ހުރި ނިޔުކްލިއަރ ބާރެއްކަން މުޅި ދުނިޔެ ދަނެއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި ފަލަޞްޠީނަށާއި އެ މީހުން ބޭނުން ވެއްޖެ ކޮންމެ ގައުމަކަށް ހަމަލާދެމުން ގެންދާ ހަރުކަށި ލާއިންސާނީ ޢަމަލުތައް ހިންގާ ގައުމެއްކަން ނުދަންނަ ބަޔަކު ނެތެވެ. ނަމަވެސް މި ކަންކަމާ ދެކޮޅަށް ފިޔަވަޅެއް އަޅާކަށް، ބާރު ގަދަ އެއްވެސް ގައުމަކުން ނުވެސް ވިސްނައެވެ. އަދި މި ކަންކަން މިހެން އޮއްވައި އިސްލާމީ ބައެއް ދައުލަތްތަކުން އިސްރާއީލާ ސިޔާސީ ގުޅުންތައް ގާއިމުކުރަމުން ގެންދާ ތަން ވެސް އެބަ ފެނެއެވެ.

އީރާނުން އަބަދު ވެސް ބުނަމުން ގެންދަނީ އެ މީހުން ނިޔުކްލިއަރ ހަތިޔާރު ހާދާކަށް ނޫޅޭ ކަމަށާއި ނިޔުކްލިއަރ ފައްކާކުރަނީ ހަމައެކަނި މަދަނީ ބޭނުމަށް ޓަކައި ކަމަށެވެ. އީރާނަކީ އިސްލާމީ ދުނިޔޭގައި، ހުޅަނގާ އެންމެ އިދިކޮޅަށް އަޑު އުފުލާ ބާރުގަދަ ބިޔަ ގައުމެކެވެ.

(ބައެއް މަޢުލޫމާތު: މެލޭމެއިލް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *