ނީލަ ކޯރަށް "އަރައިގަތުން" ޙައްދުފަހަނަޅައި ހިނގައްޖެ ކަމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު ސީސީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ މިޞްރު ފަދަ ސައިޒުން ބޮޑު ޤައުމަކާ އެކަށީގެންވާ ކަމެއްނޫނެވެ. މި އަރައިގަތުން ނައްތައިލުމަށް ޓަކައި ޢަސްކަރީ ބާރުގެ އެހީ ހޯއްދަވަން ޖެހިވަޑައިގެންފާނެ ކަމަށް ވެސް ރައީސް ސީސީ ވިދާޅުވިއެވެ.
އިތިޔޯޕިއާއިން ހަދައިފައިވާ ނަހްޟާ ޑޭމަށް ދެވަނަ ފަހަރަށް ފެންފުރުމުގައި މިޞްރާއި ސޫދާނާއެކު އެޑިސްއަބާބާއިން މަޝްވަރާ ކުރަމުން ނުދާތީ އެ ޤައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި ޑޭމަށް ދެވަނަ ފަހަރަށް ފެން ފުރައިފިނަމަ މިޞްރަށާއި ސޫދާނުގެ ނީލަކޯރުގެ ފެނުގެ މިންވަރަށް ލޮޅުން އަންނާނެއެވެ. އެ ދެ ޤައުމަށް ލިބެމުން އައި ފެން މަދުވެ އެ ދެ ޤައުމުގެ ދަނޑުވެރިކަމަށާއި ކަރަންޓު އުފެއްދުމަށް ނުރަނގަޅު އަސަރުތަކެއް ފޯރާނެއެވެ. މިޞްރުގެ މުޅި ޙަޔާތް ގުޅިފައި ވަނީ މި ކޯރާއެވެ.
ސީނާގައި ފެން މީރުކުރާ އިސްޓޭޝަނެއް ހުޅުއްވާ ދެއްވަމުން ރައީސް ސީސީ ހާމަކުރެއްވި ގޮތުގައި "ދައުލަތުގެ ބިމަށް އަރައިގަތުން ނައްތައިލުމަށް އޭނާ މިޞްރުގެ ދާޚިލީ ވުޒާރާގެ ކިބައިން ވާނީ އެދިވަޑައިގަންފައެވެ .މި ކަންތައް ހަ މަސް ދުވަހުގެތެރޭގައި ކުރުމަށް ވެސް އޭނާ އެންގެވިއެވެ. ރައީސް ސީސީ ވިދާޅުވިއެވެ. "މިޞްރުގެ ދަނޑުބިންތަކަށް އަރައިގަތުމަކީ އެއްވެސް ހާލެއްގައި އަޅައިނުލައި ދޫކޮށްލެވޭނެ ކަމެއްނޫނެވެ."
ރައީސް ސީސީ ވިދާޅުވި ގޮތުގައި ދައުލަތުގެ އުޞޫލުތައް އަނބުރާ ހޯދުމަށް ޓަކައި މިޞްރުގެ ލަޝްކަރުތައް ނެރެން ޖެހުނަސް އޭނާ އެ ކަމަށް އެދިވަޑައިގަންނަވާނެއެވެ.
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޕްރޮވިންސްތަކުންނާއި ފެނާބެހޭ ވުޒާރާއިންނާއި އަމްނާބެހޭ އިދާރިއްޔަތުން މި އަރައިގަތުން ހުއްޓުވުމަށް ޓަކައި މި ކަންތައް ހިނގަމުންދާގޮތް ބަލާނެއެވެ. ސިފައިން ނެރެން ޖެހޭނަމަ ސިފައިން ވެސް ނެރޭށެވެ."
އެމެރިކާގެ Al-Monitor ބުނާގޮތުގައި މިޞްރުގެ ބޭނުންތަކަށް ބޭނުންވާ ފެން ރައްކައުތެރި ކުރުމަށްޓަކައި މިޞްރުން ދަނީ ފެނުގެ މުއްސަނދިކަން ރައްކައުތެރިކުރުމާ ބެހޭ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އިތިޔޯޕިއާއިން މިކަމާބެހޭ ވާހަކަދެއްކުންތައް ހުއްޓާލައި އެކަހެރި ގޮތަކަށް ޑޭމަށް ފެން ފުރަމުންދާތީ މިޞްރަށާއި ސޫދާނަށް ލިބޭ ފެނުގެ ޙިއްޞާއަށް އުނިކަމެއް އަތުވެދާނެކަމުގެ ބިރު ވަރަށް ބޮޑެވެ.
އެމެރިކާގެ މި ވެބް ނޫސް ބުނާގޮތުގައި މިޞްރު ސަރުކާރުން ވަނީ ފެނުގެ މުއްސަނދިކަމާ ބެހޭ އިސްތިރާތީޖީއެއް އެކުލަވާލައިފައެވެ. މި ކަމަށް ޓަކައި މިޞްރުން ވަނީ 50 ބިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމައިފައެވެ. މި ޢަދަދު 100 ބިލިއަނަށް އިތުރު ވެދާނެކަމަށް ވެސް މިޞްރުން ބުނެއެވެ.
މިޞްރުގެ ފެނާބެހޭ ވަޒީރު ޢަބްދުލްޢާޠީ ހާމަކުރެއްވި ގޮތުގައި އޭނާގެ ވުޒާރާއިން މިހާރު ދަނީ ފެނުގެ ކެނެލްތައް ތައްޔާރުކުރަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިޞްރުން މިހާރު ދަނީ ފެންދިނުމުގެ ނިޒާމު، ޒަމާނީ އިރިގޭޝަން ނިޒާމުތަކަށް ބަދަލުކުރަމުންނެވެ. މި ނިޒާމުގައި ފެނާބެހޭ ވިސްނުންތޫނު އެޕްތައް ބޭނުންކުރެވޭނެއެވެ. މި މަޝްރޫޢުތަކުގެ ދަށުން މިޞްރުގެ ފާޚާނާ ފެން ދެވަނަފަހަރަށް ބޭނުންކުރެވޭ ގޮތަށް ޕްރޯސެސް ކުރެވޭނެއެވެ. އަދި ފެންބޮޑުވުންތަކުން ޤައުމު ޙިމާޔަތް ކުރުމަށް ޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް ވެސް އެޅޭނެއެވެ.

ފެން މީރުކުރާ އިސްޓޭޝަން
މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއްސީސީ މިއަދު ހުޅުއްވާ ދެއްވި ފެން މީރު ކުރާ އިސްޓޭޝަނަކީ ދުވާލަކު 5.6 މިލިއަން ކޮޑި ފޫޓުގެ ފެން އުފައްދާ ދޭނެ ކާރުޚާނާއެކެވެ. މި ތަނުން އުފައްދާ ފެން ބޭނުންކުރެވޭނީ އުތުރު ސީނާގެ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށެވެ. މި މަޝްރޫޢުގެ ސަބަބުން 400 ހާސް ފައްދާނުގެ (ފައްދާނަކީ 4200 އަކަ މީޓަރެވެ.) ދަނޑު ބިމުގައި ދަނޑުވެރިކަން ކުރެވޭނެއެވެ. މިއީ 20 ބިލިއަން މިޞްރު ޕައުންޑްގެ މަޝްރޫޢެކެވެ.



advertisment