އދ ގެ ސަލާމަތީ މަޖިލީހުން ނަހްޟާ ޑޭމާ ބެހޭގޮތުން ޤަރާރެއް ނެރުނުތާ ހަފުތާއެއްހާ ދުވަސްވެސް ނުވަނީސް އެޑިސްއަބާބާއިން މިޞްރުގައި ހުންނަ އެ ޤައުމުގެ އެންބެސީ ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ސެޕްޓެންބަރު 15ގައި ސަލާމަތީ މަޖިލީހުން ނަހްޟާ ޑޭމާ ބެހޭގޮތުން ފާސްކުރި ޤަރާރުގައި އިތޔޯޕިއާއަށާއި މިޞްރަށާއި ސޫދާނަށް ގޮވާލައިފައި ވަނީ އެފްރިކާގެ އިއްތިޙާދުގެ ބެލުމުގެ ދަށުން ޑޭމާ ބެހޭގޮތުން ވާހަކަދައްކައިގެން މި ޙައްސާސް މަސްއަލަ ޙައްލު ކުރުމަށް މަސައްކަތް ކުރުމަށެވެ. މި ޑޭމާ ބެހޭގޮތުން މި ތިން ޤައުމުގެ މެދުގައި ދެބަސްވުންތައް ހިނގަމުންދާތާ ދިހަވަރަކަށް އަހަރުވެއްޖެއެވެ.
މިޞްރުގައި ހުންނަވާ އިތިޔޯޕިއާގެ ސަފީރު މާކޮސް ތަކްލީ މިއަދު އިޢުލާން ކުރެއްވިގޮތުގައި ޤާހިރާގައި ހުންނަ އޭނާގެ ޤައުމުގެ އެންބެސީ މި އަންނަ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން (ވަގުތީގޮތުން) ބަންދުކުރެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ހައެއްކަ މަސް ދުވަހަށް އެންބެސީ ބަންދުކޮށްފައި ބަހައްޓަން ޖެހިދާނެއެވެ. ރިޕޯޓަރުން ވިދާޅުވާގޮތުގައި އެޑިސްއަބާބާގެ މި ޢަމަލުން ދޭހަވަނީ ސަލާމަތީ މަޖިލީހުގެ ޤަރާރަށް އިޖާބަދޭން އެޑިސްއަބާބާ ބޭނުން ނުވާކަމެވެ.
ތަކްލީ ބީބީސީއަށް ވިދާޅުވިގޮތުގައި އެންބެސީ ބަންދު ކުރަން ޖެހުނީ މާލީ އަދި އިޤްތިޞާދީ ސަބަބުތަކަކަށް ޓަކައި ދައުލަތުގެ ޚަރަދުތައް ކުޑަ ކުރާން ޖެހިގެންނެވެ. އެއީ އެ ދެ ޤައުމުގެ ދެމެދުގައި ޑޭމާ ބެހޭގޮތުން އުފެދިފައިވާ ދެބަސްވުންތަކާ ގުޅުން ހުރި ކަމެއް ނޫންކަމަށް ސަފީރު ވިދާޅުވިއެވެ.
ޤާހިރާ ދެކޭގޮތުގައި ސަލާމަތީ މަޖިލީހުގެ ޤަރާރަކީ އެ ޤައުމުގެ ޑިޕްލޮމާސިއްޔަތަށް ލިބުނު ކާމިޔާބީއެކެވެ. ސަލާމަތީ މަޖިލީހުގެ ޤަރާރަކީ "ބަލިކަށި ޤަރާރެއް" ކަމަށް ރިޕޯޓަރުން ބުނެއެވެ. މި ޤަރާރުގައި ވާހަކަދެއްކުންތައް ނިންމުމަށް ވަކި ވަގުތެއް ކަނޑައަޅައިފައެއް ނުވެއެވެ. އަދި މި ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމަށް މަންހަޖެއް ވެސް ކަނޑައަޅައިފައެއް ނުވެއެވެ.
ސަލާމަތީ މަޖިލީހުގެ ޤަރާރު
ނަހްޟާ ޑޭމާ ބެހޭގޮތުން ސަލާމަތީ މަޖިލީހުން ޤަރާރެއް ނެރުނީ އެ މަސްއަލަ މިޞްރާއި ސޫދާނުން އެ މަޖިލީހަށް ހުށައެޅިތާ ދެ މަސް ފަހުންނެވެ. އެ ދެ ޤައުމުން މި މަސްއަލަ ސަލާމަތީ މަޖިލީހަށް ގެންދިޔައީ ޑޭމަށް ފެންފުރުމުގެ މަސައްކަތް އެޑިސްއަބާބާއިން އެކަހެރި ގޮތަކަށް ކުރަމުންދާތީއެވެ.
ސަލާމަތީ މަޖިލީހުން މުޅި މަސްއަލަ ޙަވާލު ކުރީ އެފްރިކާގެ އިއްތިޙާދާއެވެ. އެހެންނަމަވެސް މިޞްރާއި ސޫދާނުން މި ޤަރާރަށް މަރްޙަބާ ކިޔެއެވެ. އެފްރިކާގެ އިއްތިޙާދުގެ ބެލުމުގެ ދަށުން ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމަށް މި ދެ ޤައުމު އެއްބަސްވިއެވެ.
މިޞްރުގެ ޚާރިޖިއްޔާއިން ބުނިގޮތުގައި މި ޑޭމަށް ފެންފުރުމާއި ޑޭމްގެ މަސައްކަތްތައް ހިންގުމާ ބެހޭގޮތުން އެއަށް ޢަމަލު ކުރުން ލާޒިމު ކުރާ ޤާނޫނީ އެއްބަސްވުމަކާ ހަމައަށް އައުމަށް ޓަކައި ތެދުވެރިކަމާއެކު މަސައްކަތްކުރުމަށް މި ޤަރާރު އެޑިސްއަބާބާއަށް ގޮވައިލައެވެ. މި ކަމާ ބެހޭގޮތުން ސޫދާނުން ނެރުނު ބަޔާނުގައި ތިން ޤައުމުގެ މެދުގައި ވާހަކަދެއްކުންތައް އަވަހަށް ފެށުމަށް ގޮވާލައިފައި ވެއެވެ. އަދި މިކަމަށް ޓަކައި މަންހަޖެއް ކަނޑައެޅުމަށް ވެސް ސޫދާނުން ގޮވާލައިފާ ވެއެވެ.
ސަލާމަތީ މަޖލީހުގެ ދައުރު ޤަބޫލެއް ނުކުރޭ
އެޑިސްއަބާބާއަށް ބަލާއިރު އެ ޤައުމު ބުނާގޮތުގައި މިއީ ސަލާމަތީ މަޖިލީހާ ބެހޭ ކަމެއްނޫނެވެ. ފެނާއި ތަރައްޤީއާ ބެހޭ މަސްއަލަތަކަކީ އެޑިސްއަބާބާ ބުނާގޮތުގައި ސަލާމަތީ މަޖިލީހުގެ އިޚްތިޞާޞުގެތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫނެވެ.
އެފްރިކާގެ އިއްތިޙާދަށް ބަލާއިރު މި އިއްތިޙާދުގެ މައިމަރްކަޒު ހުންނަނީ އެޑިސްއަބާބާގައިކަން ފާހަގަ ކުރަން ޖެހެއެވެ. މި އިއްތިޙާދުގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަނީ ޑިމޮކްރެޓިކް ކޮންގޯ އިންނެވެ. މި ޤައުމުގެ ޚާރިޖީ ވަޒީރު ކްރިސްޓޯފް ލޯ ތަންޑޯލާ މި މަހުގެ 16 ވަނަ ދުވަހު މިޞްރަށާއި ސޫދާނަށާއި އިތިޔޯޕިއާއަށް ޒިޔާރަތް ކުރެއްވިއެވެ. ޑޭމާ ބެހޭ ވާހަކަދެއްކުންތައް އަލުން ފެށުމަށް ޓަކައި މަންހަޖެއް އެކުލަވައިލުމާ ބެހޭގޮތުން އޭނާ މަޝްވަރާ ކުރެއްވިއެވެ. އެހެނަސް މި ވާހަކަދެއްކުންތައް ފެށޭނެ ވަކި ދުވަހެއް ވިދާޅެއް ނުވެއެވެ.
ފިކްރާއި އިސްތިރާތީޖީ ދިރާސާތަކާބެހޭ މިޞްރުގެ މަރްކަޒުގެ ޑިރެކްޓަރު ޚާލިދު ޢުކާޝާ ވިދާޅުވާގޮތުގައި ވާހަކަދެއްކުންތަކާ ބެހޭ އައު ބުރަކަށް މިޞްރު ވަނުމަކީ މި މަސްއަލަ ޙައްލުކުރުމަށް އިތިޔޯޕިއާއިން ދޭ ސަމަލުކަމުގެ އަޖުމަ ބެލުމަށް ލިބޭ އައު ފުރްޞަތެކެވެ. އޭނާ ވިދާޅުވިގޮތުގައި އިތިޔޯޕިއާގެ އެތެރޭގެ ސަލާމަތީ ނުތަނަވަސްކަމާއި ސިޔާސީ ޙާލަތުގެ ބަލިކަށިކަމުގެ އަސަރު މި ވާހަކަދެއްކުންތަކަށް ފޯރާނެއެވެ. މޭޒުދޮށުގައި ނިންމޭ ކަންތައްތަކަށް އެޑިސްއަބާބާ ކަށަވެތިވާ މިންވަރަށް ވެސް އެތެރޭގެ މަސްއަލަތަކުން ނުބައި އަސަރު ފޯރާނެއެވެ.
މިޞްރު ބުނާގޮތުގައި އިތިޔޯޕިއާގެ ޓިގްރޭ ސަރަޙައްދުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޑޭމްގެ މަސައަލައަށް އިސްކަންދެއްވާނެ ވަގުތު ބޮޑުވަޒީރު އާބީ އަޙްމަދަށް ލިބިވަޑައެއް ނުގަންނަވާނެވެ. ދިރަސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ޙަޤީޤީ އިޤްތިޞާދީ ފިއްތުންތަކަކާ ނުލައި އެޑިސްއަބާބާއިން ވާހަކަދެއްކުންތަކަށް ސަމާލުކަމެއް ނުދޭނެއެވެ. މި ޑޭމަށް ތިންވަނަ ފަހަރަށް ފެން ފުރުމުގެ ކުރިން ޑޭމާ ބެހޭ އެތައްއެތައް މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. މި ކަންކަން ކުރެވޭނީ މި ކަމަށް ބޭނުންވާ ފައިސާ އެޑިސްއަބާބާއަށް ލިބިގެންނެވެ.



advertisment