ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތެއްގައި އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް އެއް އަހަރު ދުވަހުގެ މުހްލަތެއް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ތައްލު އަބީބަށް ދެއްވައިފިއެވެ. އދގެ ޢާއްމު ޖަމްޢިއްޔާގައި މިއަދު ވާހަކަފުޅު ދައްކަވަމުން މި ބިންތަކުގެ ތެރޭގައި އިރުމަތީ ޤުދްސުވެސް ހިމެނިގެންވާ ކަމަށް އޭނާ ކަށަވަރުކޮށް ދެއްވިއެވެ.
އޭނާ އދ އަށް ރެކޯޑް ކުރައްވައި ފޮނުއްވި މި ޚިޠާބުގައި ވިދާޅުވިގޮތުގައި އެއް އަހަރު ދުވަހުގެތެރޭގައި އިސްރާއީލު މި ބިންތަކުން ނުފައިބައިފިނަމަ ފަލަސްޠީނު ސަރުކާރުން ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް މި މަސްއަލަ ހުށައަޅާނެއެވެ.
އދގެ ޢާއްމު ޖަމްޢިއްޔާގެ 76ވަނަ ދައުރުގައި ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުގެ ރައީސް ވިދާޅުވިއެވެ. "އިސްރާއީލު ސަރުކާރުން ދަނީ ސިޔާސީ ޙައްލާ ދުރަށް ފިލާށެވެ. ފަލަސްޠީނުގެ ބިންތައް ހިފާފައި އޮތްއޮތުން ދިގު ދެންމުމަށާއި ޢުންޞުރިއްޔަތުގެ ދައުލަތް ޙަޤީޤަތެއް ކަމަށް ހެދުމަށް ޓަކައި ދަނީ އިޤްތިޞާދީ ބަދީލަކަށް ގޮވައިލަމުންނެވެ."
ފަލަސްޠީނުގެ ރައީސް ޢައްބާސް ކަށަވަރުކޮށް ދެއްވިގޮތުގައި "ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އިސްރާއީލަށް ޢަމަލުކުރުން ލާޒިމު ކުރާ ފިޔަވަޅުތަކަކާ ބެހޭގޮތުން ފަލަސްޠީނާ އެމެރިކާއާ ދެމެދުގައި ބިނާކުރަނިވި ވާހަކަ ދެއްކުންތަކެއް ކުރިއަށް އެބަ ދެއެވެ."
ތުހްމަތުގެ އިނގިލި އިސްރާއީލުގެ ވެރީންނާ ދިމާއަށް ދިއްކުރައްވަމުން ޢައްބާސް ވިދާޅުވިއެވެ. "އަޅުގަނޑުގެ މުޅި ޙަޔާތް ހޭދަކޮށްފައި މިވަނީ ޞުލްޙައަށް ޓަކައެވެ. އަޅުގަނޑު ހިނގާފައި ވާނީ ސުލްޙައާއި ޤާނޫނާއި ޑިޕްލޮމަސީގެ މަގުތަކުގައެވެ. އަޅުގަނޑު މަސައްކަތްކޮށްފައި ވާނީ ބައިނަލްއަޤްވާމީ މަޙްފަލްތަކުގައެވެ. އަޅުގަނޑުމެން އެތައް ފަހަރަކު ޞުލްހައާ ދިމާއަށް އަތްދިއްކޮށްފީމުއެވެ. އެހެނަސް އަޅުގަނޑުމެންނަށް ދެ ދައުލަތުގެ ޙައްލު ޤަބޫލުކުރާ ބައިވެރިއަކު އިސްރާއީލުން ފެނިފައެއް ނުވެއެވެ."
ފަލަސްޠީނުގެ ރައީސް ވިދާޅުވިއެވެ. "އިސްރާއީލުގެ މިއަދުގެ ސަރުކާރުން ވެސް އަދި ކުރީގެ ސަރުކާރުން ވެސް ބައިނަލްއަޤްވާމީ ނިންމުންތަކާ އެއްގޮތަށް ދެ ދައުލަތް ޤާއިމު ކުރަން ގޮވައިލާ ސިޔާސީ ޙައްލާ ދުރަށް ފިލަން ދުވަނީ ބިންތައް ހިފާފައި އޮތްއޮތުން ދެމެހެއްޓުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޢަސްކަރީ ބާރުވެރިކަން ފެތުރުމަށެވެ. އެމީހުން ހުށައަޅާ އިޤްތިޞާދީ މަޝްރޫޢުތަކާއި ބިލާހީ ސަލާމަތީ ބަދީލަކީ އެންމެ ފަރާތެއްގެ އެކަހެރި ރޭވުންތަކެކެވެ. އެކަންތައްތަކުން އެއްވެސް ފަރާތަކަށް އަމާންކަމެއް ވެސް އަދި ހަމަޖެހުމެއް ވެސް ޙާޞިލުކޮށެއް ނުދެވޭނެއެވެ. އެހެނީ އެއީ ޞުލްޙައަށް ޓަކައި ކުރެވޭ ހަޤީޤީ މަސައްކަތްތަކަށް ހުރަސްއަޅައި ކަންތައްތަކެކެވެ. އެއީ ބިމަށް އަރައި އޮތްއޮތުން ދިގުދަންމާ ކަމެކެވެ. އަދި އެއީ ޢުންޞުރިއްޔަތުގެ އެއް ދައުލަތުގެ ޙާލަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ."
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ބާރުލައްވައި ވިދާޅުވިއެވެ. "ފަލަސްޠީނުގެ ރައްޔިތުން މިނިވަން ޙަޔާތަކަށް އެދެއެވެ. އެމީހުން އެމީހުންގެ ކަރާމަތަށް ވެސް އެދޭމެއެވެ."
މި ޚިޠާބުގައި ފަލަސްޠީނަށް ބައިނަލްއަޤްވާމީ ޙިމާޔަތް ލިބިދޭ ޤާރާރުތައް ތަންފީޒުކޮށް ދެއްވުމަށް ރައީސް ޢައްބާސް އދގެ އަމީން ޢާއްމަށް ގޮވައިލެއްވިއެވެ.
ރައީސް ޢައްބާސް ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ މުޖްތަމަޢާއި އދގެ ސިޔާސަތުތައް ފޭލްވެއްޖެއެވެ. އެއީ އިސްރާއީލުން މި ސިޔާސަތުތަކަށް އަރައިގަންނަމުންދާ ދިޔުމާ ދެކޮޅަށް ފިޔަވަޅު ނޭޅޭތީއެވެ. އިސްރާއީލުން ޢަމަލުކުރަމުން ދަނީ އެއީ ޤާނޫނަށްވުރެ މަތީގައި އޮތް ދައުލަތެއްކަން ދައްކަމުންނެވެ." އޭނާ މިސާލެއްގެ ގޮތުން ވިދާޅުވިއެވެ. "ފަލަސްޠީނުގެ ތަޢުލީމީ މަންހަޖުތައް ހާމަކުރަން ގޮވައިލާއިރު އިސްރާއީލުގެ ތަޢުލީމީ މަންހަޖުތައް ހާމަކުރާކަށް ނޭދެއެވެ."



advertisment