Support Us

ތުރްކީގެ ރައީސް "ޚުޠުބަތުލްވަދާޢުން" ހެކި ދައްކަވަމުން ޢަދްލުވެރި ޢާލަމީ ނިޒާމަކަށް ގޮވައިލައްވައިފި

"މިހާރަށްވުރެ ޢަދްލުވެރި ޢާލަމީ ނިޒާމެއް ޤާއިމު ކުރެވިދާނެ" މި ސުރްޚީގެ ދަށުން އެމެރިކާގެ ނިވްޔޯރކްގައި ބުދަވިލޭރޭ ބޭއްވުނު ސިންތާއެއްގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އަރްދުގާން ވާހަކަފުޅު ދައްކަވަމުން ކީރިތި ރަސޫލާގެ ޚުޠުބަތުލްވަދާޢުން ހެކިދައްވައިފިއެވެ. ކީރިތި ރަސޫލާ މި ޚުޠުބާ ދެއްވާފައި ވަނީ ހިޖްރައިން 10 ވަނައަހަރު، މީގެ ސާދަ ސައްތަ އަހަރު ކުރިންނެވެ.

އެމެރިކާގައި ދިރިއުޅޭ ތުރްކީންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "ރަސޫލާގެ ޚުޠުބަތުލް ވަދާޢަކީ މުސްލިމުންނަށް ލިބިގެންވާ މެޑެއްޔެކެވެ. އެކަލޭގެފާނު މި ޚުޠުބާގައި ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ! އަޅެ ދަންނައެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ ބައްޕައަކީ ހަމަ އެކެކެވެ. އަޅެ ދަންނައެވެ. ޢަޖަމީއެއްގެ މައްޗަށް އަރަތްބަކަށް، އަދި އަރަތްބެއްގެ މައްޗަށް ޢަޖަމީއަކަށް، އަދި ކަޅުމީހެއްގެ މައްޗަށް ދޮންމީހަކަށް، އަދި ދޮންމީހެއްގެ މައްޗަށް ކަޅުމީހަކަށް ހަމަ އެއްވެސް އިތުރު ކަމެއް ލިބިގެން ނުވެއެވެ. ތަޤްވާ ވެރިކަމުން މެނުވީއެވެ."

އުރްދުގާން ވިދާޅުވިއެވެ. "އަޅުގަނޑުމެން މި މާލަމުގައި މި ޙަޤީޤަތް މި ދަނީ އަލުން ދެކެމުންނެވެ. އަޅުގަނޑުމެންގެ ހިތްތައް ﷲ އެއްކައުވަންތަ ކުރުމުގެ މަތީގައި ލެއްވި ކަމަށް ޓަކައި އަދި އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާ އަޚުންތަކެއް ކަމުގައި ލައްވާފައިވާތީ ﷲއަށް ޙަމްދު ކުރަމެވެ. އަޅުގަނޑުމެންގެ މެދުގައި މިވާ ލޯބި ދާއިމަށް އަބަދަށް ލެއްވުމަށް އެދި ﷲއަށް ދުޢާ ކުރަމެވެ."

ހަމަހަމަކަމެއް ނެތް ދުނިޔެއެއް

ރައީސް އުރްދުގާނުގެ ވާހަކަފުޅުގައި ކޮރޯނާ ވަބާއަށް ބައްލަވާލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކޮރޯނާ ވަބާގެ ސަބަބުން ދުނިޔޭގެ މިއަދުގެ ނިޒާމުގައި ހަމަހަމަކަމާއި އިންސާފު ނެތްކަމާއި އަނިޔާވެރިކަން އޮތްތަން ވަރަށް ސާފުކޮށް ފެނެއެވެ."

ވޭތުވެދިޔަ ދެ އަހަރު ދުނިޔޭގެ ޙާލަތަށް އިޝާރަތް ކުރައްވާ އުރްދުގާން ވިދާޅުވިއެވެ. "ހުރިހާ މައިދާންތަކެއްގައި، ތަޢުލީމާއި ޞީއްޙަތާއި ވިޔާފާރިއާއި ވަޒީފާގެ މައިދާނުގައި ދުނިޔެ ވަނީ ބޮޑެތި މުޞީބާތްތަކެއް ބަރުދާސްތުކޮށްފައެވެ. ބޮޑެތި ތަޢުޤީދު މަސްއަލަތަކަކާ ކުރިމަތި ލައިފައެވެ. މާސްކާއި ނޭވާލުމަށް އެހީވެދޭ އާލަތްތަކާއި ބޭސް އުފެއްދުންފަދަ މަޖާލުތަކުގައި ދުނިޔެ ވަނީ ބުރަތަކަކާއި ތުރާތަކެއް އުފުއްލައިފައެވެ. " އޭނާ ވިދާޅުވިގޮތުގައި އެފްރިކާއާއި އޭޝިޔާގައި ކޮރޯނާ ވައިރަސްގެ ފުރަތަމަ ޑޯޒް ނުލިބޭ އެތައް ސަތޭކަ މިލިއަން ބަޔަކު އެބަ ތިއްބެވެ.

ކޮރޯނާއަށްވުރެ ނުބައި ވައިރަހެއް

އުރްދުގާން ބާރުލައްވައި ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް މި ވަނީ ކޮރޯނާ ވައިރަހަށްވުރެ ނުރައްކާތެރި އަދި ނުބައި ވައިރަހަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ އިސްލާނދީނަށް ޢަދާވަތްތެރިވުމެވެ. ދީމުޤްރާޠިއްޔަތާއި ޙުއްރިއްޔަތުގެ އުނގުކަމުގައި ދަޢުވާކުރާ ޤައުމުތަކުގައި މި ވަބާ ވަރަށް ބާރަށް ފެތުރެމުންދާކަމަށް އުރްދުގާން ވިދާޅުވިއެވެ.

އުރްދުގާން ވިދާޅުވިއެވެ. "މިއަދު ސިޔާސަތު ހައްޔަރުކޮށްފައި އޮތީ އިސްލާންދީނަށާއި ބިދޭސީންނަށް ހަތުރުވެރިވުމުގެ ކޮށިތެރޭގައެވެ. މި ކަމުގެ ސަބަބުން މުސްލިމުންނަށް ދިރިއުޅެން އުނދަގޫވަނިވި ފަނާކުރަނިވި މަގަކަށް މި ސިޔާސަތު ވަނީ ލެނބިފައެވެ. އެކަމުގެ ސަބަބުން އިޖްތިމާޢީ އަމާންކަން ވަނީ ގެއްލިފައެވެ." ރައީސް އުރްދުގާން ވިދާޅުވިއެވެ. "މުސްލިމުން އެމީހުންގެ ޢަޤީދާގެ ސަބަބުން ނުވަތަ މޮށެއުޅޭ ބަހުގެ ސަބަބުން ނުވަތަ އެމީހުންނަށް ކިޔާ ނަމުގެ ސަބަބުން ނުވަތަ އެމީހުން ލައިއުޅޭ ފޭރާމުގެ ސަބަބުން ވަރަށް ގިނަ ޤައުމުތަކެއްގައި މުސްލިމުން ވަނީ ހަވާސާ ކޮށްފައެވެ."

މި އިހްތިފާލުގެތެރޭގައި ރައީސް އުރްދުގާން "ތުރްކީ ގެ" ހުޅުއްވައި ދެއްވިއެވެ. މި ބިނާ ހަދާފައިވަނީ 20 ހާސް އަކަ މީޓަރުގެ ބޮޑު ބިމެއްގައި 171 މީޓަރުގެ އުހަށް 35 ބުރިއަށެވެ. މި ޢިމާރާތް ހަދާފައިވަނީ އދ ގެ މައިމަރުކަޒުގެ ކުރިމަތީގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް