ދުނިޔޭގެ ފަޤީރު ޤައުމުތައް ވަނީ ކޮރޯނާގެ ސަބަބުން 12 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދީ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހިފައި ކަމަށް އދން ބުނެފިއެވެ. އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހު ނޫހުގައި މި ދިޔަ ބުދަދުވަހު ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި 2025ވަނަ އަހަރާ ހަމައަށް ދާއިރު މި ޤައުމުތަކުގެ އިޤްތިޞާދު ދުޅަހެޔޮކުރުމަށް ކުރެވޭ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ. އެއީ މުއްސަނދި ޤައުމުތަކުން ކޮރޯނާ ވެކްސިން އުފެއްދުމުގައި ފަޤީރު ޤައުމުތަކުގެ އިޤްތިޞާދަށް ބާރު ބޮޑު ކުރަމުންދާތީކަމަށް މި ރިޕޯޓް ބުންޏެވެ.
ވިޔަފާރިއާއި ތަރައްޤީއާ ބެހޭ އދގެ ކޮންފަރެންސް (UNCTAD) ގެ އަހަރީ ރިޕޯޓް ބުނާގޮތުގައި ކޮރޯނާގެ ސަބަބުން ފަޤީރު ޤައުމުތަކަށް ލިބުނު ގެއްލުން 2008ވަނަ އަހަރުގެ ޢާލާމީ މާލީ ކްރައިސިސްގެ ސަބަބުން ލިބުނު ގެއްލުމަށްވުރެ މާ ބޮޑެވެ. ކޮރޯނާގެ ސަބަބުން ފަޤީރު މި ޤައުމުތަކުގެ ދަރަނި ވަނީ ވަރަށް ބޮޑުވެ ބަޖެޓްގައި ދެކޮޅު ނުޖެހުން އުފެދިފައެވެ.
އިތުރު ނުރައްކާތައް
އދގެ އިޤްތިޞާދީ ގުނަވަނެއް ކަމުގައިވާ މި މުއައްސަސާ ބުނާގޮތުގައި އާމުދަނީ ކުޑަ ޤައުމުތައް ކޮރޯނާ ވެކްސިން ނުލިބުމުގެ ސަބަބުން ވަނީ އިޤްތިޞާދީ ވަޅުގަނޑަކަށް ވެއްޓިފައެވެ. ކޮރޯނާއާށްފަހު "ކުރިއަށްވުރެ ރަނގަޅު އަސާސެއްގެ މަތީގައި އަލުން ބިނާކުރުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ހުޅަނގުގެ ޒަޢީމުން ވެވަޑައިގެންފައިވާ ވަޢުދުތައް "ފުއްދަވާދެއްވާނެކަމުގެ" ޔަޤީން ކަމެއް ނެތެވެ.
މި ރިޕޯޓް ކުރިއަށް ގެންދަމުން ބުނެފައި ވެއެވެ. ޢާލަމީ އިޤްތިޞާދު ބިނާކުރެވެމުން އެބަދެއެވެ. އެހެނަސް މި ކަން ކުރެވެނީ ފަޤީރު ޤައުމުތަކާއި ތަރައްޤީ ވުމަށް މަސައްކަތް ކުރާ ޤައުމުތަކާ އެކަހެރިކޮށްގެންނެވެ.
އަންކްޓަޑް ބުނާގޮތުގައި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި ވެކްސިން ބެހުން ކުރިއަށް ދިޔަލެއް ބާރުކަމުންނާއި 2020ގައި މާލީ އިންތިޒާމުތައް ވަރުގަދަކުރުމުގެ ސަބަބުން ބައިނަލްއަޤްވާމީ އިޤްތިޞާދު ވަނީ ދުޅަހެޔޮވާން ފަށައިފައެވެ. މި ޖަމްޢިއްޔާ ބުނާގޮތުގައި ޢާލަމީ އިޤްތިޞާދަށް މިއަހަރު 5.3 އިންސައްތަ ކުރިއެރުމަށް ލިބޭނެކަމަށް ލަފާކުރެވެއެވެ. އަދި 2020ގައި މި އިޤްތިޞާދު ވަނީ 3.5 އިންސައްތަ ދަށަށް ގޮސްގައެވެ.
ގެއްލުންތައް ފޫބެއްދުން
އެހެނަސް އދ އިންޒާރު ކުރާގޮތުގައި ޢާލަމީ އިޤްތިޞާދަށް ދުޅަހެޔޮކަން ލިބުމަށް އެތައް އަހަރުތަކެއް ހޭދަވާނެއެވެ. ކޮރޯނާގެ ސަބަބުން މި އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އދ ލަފާކުރާގޮތުގައި 2022ގައި ޢާލަމީ އިޤްތިޞާދަށް އަންނަ ކުރިއެރުމުގެ ސަބަބުން ޢާލަމީ އިޤްތިޞާދު 3.6 އިންސައްތަ އަށް ދުޅަހެޔޮ ވާނެއެވެ. މީގެ މާނައަކީ ޢާލަމީ އިޤްތިޞާދު 2023 ގައި އެވްރެޖް ގޮތެއްގައި ކުރިއަށް ދާނީ 3.5 އިންސައްތައިގައެވެ. އެހެންކަމުން ޢާލަމީ އިޤްތިޞާދަށް 2016- 2019 ގެ އިޤްތިޞަދާ ހަމައަށް ދެވޭވަރު ވާނީ 2030ގައެވެ.
މި ޖަމްޢިއްޔާ އިންޒާރު ކުރާގޮތުގައި ތަރައްޤީވުމަށް މަސައްކަތް ކުރާ ޤައުމުތަކަށާއި ފަޤީރު ޤައުމުތަކަށް ކޮރޯނާގެ ސަބަބުން ލިބުނު ގެއްލުންތައް އަދި ވެސް ވަނީ އިޤްތިޞާދީ މޫލަވެރީންނަށް ހިސާބު ނުކުރެވިއެވެ. މި ޖަމްޢިއްޔާއިން ގޮވައިލަނީ ފަޤީރު ޤައުމުތަކުގެ ދަރަނީގެ ސަބަބުން އެ ޤައުމުތަކަށް ތަޙައްމުލު ކުރަން ޖެހިފައިވާ ބުރަތައް ލުއިކޮށް ދިނުމަށް ޓަކައި އެ ޤައުމުތަކާއެކު ވިލަރެސްކޮށްގެން މަސައްކަތް ކުރުމަށެވެ. ދަހަރެއްހާ މުއްދަތުގައި މި ކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ބޮޑުވާނެއެވެ. މި ދަރަނިތަކުން ބައެއް ކަނޑައިލަ ދޭން މަޖްބޫރު ވާނެ ކަމަށް ވެސް އދގެ މި ޖަމްޢިއްޔާ ބުނެއެވެ.
މި ރިޕޯޓް ނިންމައިލަމުން ބުނެފައިވާގޮތުގައި ކޮރޯނާ ވަބާއާ މުޢާމަލާތު ކުރުމަށް ކުރިއަރާފައިވާ ޤައުމުތަކުން ހަދާފައިވާ ޤަވާޢިދުތަކާއި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިއެރުމަށް މަސައްކަތް ކުރާ ޤައުމުތައް ވަނީ ޙިޞާރު ވެފައެވެ. މި ކަމުގެ ސަބަބުން އެ ޤައުމުތައް ވަނީ އިޤްތިޞާދީ ދާއިމީ ފިއްތުންތަކެއްގެ ތެރޭގައެވެ.



advertisment