އެމެރިކާއިން އީރާނާއެކު ވާހަކަދައްކަމުން ގެންދާ އީރާނުގެ ނިޔުކްލިއަރ އެއްބަސްވުމަށް އަނބުރާ ދިޔުމަށް އިސްރާއިލު ޤަބޫލުވާނެކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ބަނީ ގެންޓްސް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ފޮރިން ޕޮލިސީ މަޖައްލާއަށް 15 ސެޕްޓެންބަރުގައި އޭނާ ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ. "އެމެރިކާއިން އީރާނާއެކު މިހާރު ވާހަކަދެއްކުންތައް ބާއްވަމުންދާ އީރާނުގެ ނިޔުކްލިއަރ އެއްބަސްވުން ޤަބޫލުކުރުމަށް އިސްރާއީލު އޮތީ ތައްޔާރަށެވެ. އެހެނަސް ވާހަކަދެއްކުންތައް ނާކާމިޔާބުވެއްޖެނަމަ ހަރުކަށި ފިޔަވަޅުއެޅުމަށް އިސްރާއީލުން އެމެރިކާއަށް ފިއްތާނެއެވެ."
ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި މިއީ ފެންނަފެނުމުގައި އިސްރާއީލުގެ ސިޔާސަތަށް ބަދަލުތަކެއް ގެނެސްފިކަމުގެ ޢަލާމާތެކެވެ.އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ވެރިކަމުގައި އޭނާ ވަނީ މި އެއްބަސްވުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފައެވެ. މި އެއްބަސްވުން އުވާލެވޭތޯ އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.
ތައްލު އަބީބުގެ ސިޔާސަތަށް ބަދަލެއް
އެމެރިކާގެ މި މަޖައްލާއަށް ދެއްވި މި ޚާއްޞަ ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުން ގެންޓްސް ވިދާޅުވިއެވެ. "އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމު ކޮންޓްރޯލް ކުރުމަށް ޓަކައި އެމެރިކާގެ ސިޔާސަތު އަހުރެމެން ބަލައިގަންނާނަމެވެ."
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެމެރިކާގެ ބެލުމުގެ ދަށުން ބަދީލީ ރޭވުމެއް އޮންނަން ޖެހޭނެއެވެ. ވާހަކަ ދެއްކުންތައް ފޭލްވެއްޖެނަމަ މި ރޭވުމުގައި ދަށުން ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތައް ވަރަށް ވަރުގަދައަށް އަޅަން ޖެހޭނެއެވެ." އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ ޚާއްޞަ ރޭވުމުގެ ދަށުން ޢަސްކަރީ ފިޔަވަޅު އަޅާނެއެވެ."
އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސް ހާމަކުރެއްވި ގޮތުގައި އީރާނު އޮތީ ނިޔުކްލިއަރ ބޮމެއް އުފެއްދުމަށް ބޭނުންވާ މާއްދާ ދެ ތިން މަހެއްހާ ދުވަހުގެތެރޭގައި ޙާޞިލު ކުރެވޭހާ ކައިރި ހިސާބެއްގައެވެ. އީރާނާއެކު ސޮއިކޮށްފައިވާ ނިޔުކްލިއަރ މުޢާހަދާއިން އެމެރިކާ ވަކިވި ހިސާބުން ފެށިގެން އީރާނުން ދިޔައީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު ތަންފީޒު ކުރަމުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް ވަނީ މި މަސްއަލައިގައި ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިސްރާއީލުގެ 12ވަނަ ޗެނެލަށް ބެނެޓް ވިދާޅުވިއެވެ. "އިސްރާއީލަށް ވާރުތަވެފައި ވަނީ ބޮމެއް އުފެއްދުމުގެ މައިދާނުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ އީރާނެކެވެ. ނަތަންޔާހޫގެ ވާހަކަފުޅާ އޭނާގެ ޢަމަލުތައް އުޑަ ބިމާހާ ތަފާތެވެ."
ޠަހަރާނާ ދެކޮޅަށް ރައްކައުތެރިކަމުގެ ފިޔަވަޅު
ނިޔުކްލިއަރ މައިދާނުގައި އީރާނު ހޯދަމުންދާ ކުރިއެރުން ހުއްޓުވޭނެކަމުގެ ފުރްޞަތު ވަރަށް ކުޑަ ކަމަށް ގެންޓްސް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނަށް ފިއްތުމަށް ޓަކައި އޮތް ބަދީލީ ރޭވުމަކީ ސިޔާސީ އިޤްތިޞާދީ ޑިޕްލޮމެޓިކް ފިޔަވަޅުތަކަކަށް ވާން ޖެހޭނެއެވެ.މި ފިޔަވަޅުތައް އެޅުމުގައި އެމެރިކާއާއެކު ޔޫރަޕާއި ރަޝިއާއާއި ޗައިނާ ބައިވެރި ކުރަން ޖެހޭނެއެވެ.
ގެންޓްސް ވިދާޅުވިއެވެ. "ކޮންމެ އެއްބަސްވުމެއްގައި ޗައިނާ ބައިވެރި ކުރަން ޖެހޭނެއެވެ." ގެންޓްސް ވިދާޅުވިގޮތުގައި އިސްރާއީލަށް މި ރޭވުން ތަންފީޒެއް ނުކުރެވޭނެއެވެ. އަދި އިޤްތިޞާދީ ފިޔަވަޅެއް ވެސް ނޭޅޭނެއެވެ. މި ކަމުގައި އެމެރިކާ ޒަޢާމަތަށް އަންނަން ޖެހޭނެއެވެ.
ގެންޓްސް ވިދާޅުވިއެވެ. "އަހުރެމެންނަކީ އެމެރިކާއެއްނޫނެވެ. އެހެނަސް އަހުރެމެންގެ އަތުގައި ވެސް ޤާބިލުކަން އެބަ އޮތެވެ."



advertisment