Support Us

ޣައްޒާގައި 3 މަސައްކަތެއް ކުރަން އެބަ އޮތް: ބެނެޓު

ޣައްޒާގައި ތިން މަސައްކަތެއް ކުރައްވަން އޭނާއަށް ޖެހިވަޑައިގެންފައި އެބަ އޮތް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ޙަމާސާއެކު އަސީރުން ބަދަލުކުރުމުގައި އޭނާއަށް ކުރިއަށް ވަޑައިގެންނެވި ދާނެއެވެ. އެހެނަސް ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމާ ދެކޮޅު ހައްދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތަށް ދެއްވި ބަސްދީގަތުމެއްގައި ބެނެޓް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލެއް ނުކުރެއްވޭނެއެވެ. ބެނެޓް ވިދާޅުވިއެވެ. "ދަ ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ އިންސާފު ކޯޓުގައި އިސްރާއީލުގެ ޢަސްކަރީ ބައެއް އިސްވާރުންނާ ދެކޮޅަށް އޭނާ ދަޢުވާ ކުރައްވަމުންގެންދަވާއިރު އޭނާއާ މަ ބައްދަލު ކުރާނީ ކިހިނެއް ހެއްޔެވެ؟"

ޙަމާސާއެކު އަސީރުންގެ މަސްއަލަ ޙައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތޯ ދެންނެވުމުން ބެނެޓް ވިދާޅުވިއެވެ. "މީގެ ހަތަރު މަސް ކުރިން އަހުރެމެން ހަނގުރާމައިގެ ބުރެއް ޖެހީމެވެ. އެއީ ޙަމާސުން ޤުދްސަށާއި ތައްލު އަބީބަށް ރޮކެޓް ޙަމަލާތަކެއް ދީފައިވާ ބުރެކެވެ. އަދިވެސް އަހުރެމެން މި ތިބީ ހަމަ އެ ނުކުތާގައެވެ." ބެނެޓަކީ ނަތަންޔާހޫގެ ވެރިކަމުގެ ދުވަސްވަރުގައި އަސީރުން ބަދަލު ކުރުމާ ދެކޮޅު ހައްދަވާފައިވާ ބޭފުޅެކެވެ.

ނަފްތާލީ ވިދާޅުވިއެވެ. "ޙަމާސް އެމީހުންގެ ދިދައިގައި ކަނޑައިނަގާފައި ވަނީ ކޮޅެއްގައި ޖެހެންދެން އަހުރެމެންނާ ދެކޮޅަށް ހަނގުރާމަކުރުމަށެވެ. އަހުރެންގެ މަސްއޫލިއްޔަތަކީ އިސްރާއީލުގެ ރައްޔިތުންނަށް ޚާއްޞަކޮށް އިސްރާއީލުގެ ދެކުނުގެ ރައްޔިތުންނަށް އަމާންކަން ހޯދާ ދިނުމެވެ." ބެނެޓް ބަޔާން ކުރެއްވިގޮތުގައި "އަހުރެން މި ތަބާވަނީ އައު މަންހަޖަކަށެވެ. އެއީ ޣައްޒާގެ އަމާޒުތަކަށް ޙަމަލާ ދިނުމެވެ. ޣައްޒާއިން ފޮނުވައިލާ ރޮކެޓްތަކަށް އެކަންޏެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކޮންމެ އަލިފާން ބެލޫނަކަށް ވެސް ރައްދު ދިނުމެވެ."

އިސްރާއީލުގެ ބޮޑު ވަޒީރު ވިދާޅުވިއެވެ. "ޣައްޒާގައި އަހަންނަށް ތިން ކަމެއް ވަނީ ކުރަން ޖެހިފައެވެ. ފުރަތަމަ ކަމަކީ ރޮކެޓާއި އަލިފާން ބެލޫންތައް އެރުވުން ހުއްޓުވުމެވެ. ދެވަނަ ކަމަކީ ޙަމާސުގެ ބާރު ވަރުގަދަވިޔަ ނުދިނުމެވެ. މީގެ ފަނަރަ އަހަރު ކުރިން ލުބްނާނުގައި އަހުރެމެން ޢަމަލު ކުރިގޮތަށް ވަގުތީ ހަމަހިމޭންކަމެއް ގެނެސްގެންނެވެ. އޭރު ޙިޒްބުﷲ އަތުގައި 150 ހާސް ރޮކެޓް އޮތްވެ. ތިންވަނަ މަސައްކަތަކީ ގެއްލިފައިވާ އިސްރާއީލުގެ ދެ މީހުންނާއި ހައްޔަރުކޮށްފައި ތިބި ހަތަރު އަސީރުން މިނިވަން ކުރުމެވެ.މި މީހުން ތިބީ ޙަމާސުގެ އަތްދަށުގައެވެ."

އަސީރުން ބަދަލު ކުރުމާ ބެހޭގޮތުން އެއްބަސްވުމެއް ނުވަތަ ޑީލެއް އިސްރާއީލުން ޙަމާސާއެކު ހަދާނެތޯ ދެންނެވުމުން ބެނެޓް ވިދާޅުވިއެވެ. "އެ ކަން އޮންނާނީ ޙާލަތު ނިޔާ ކުރާގޮތެއްގެ މަތީގައެވެ. އަހުރެންނަކީ އިސްރާއީލު މީހަކު މަރާފައިވާ މީހަކު ދޫކޮށްލަން އެއްބަސްވާނެ މީހެއްނޫނެވެ. އެހެނަސް ޙާލަތު ނިޔާކުރާގޮތުން ސިޔާސަތަށް ބަދަލު ގެންނަން ޖެހިދާނެއެވެ." ބެނެޓްގެ ވާހަކަފުޅުގައި މި ޙަލަތާ ބެހޭގޮތުން އެއްޗެއް ވިދާޅެއްނުވެއެވެ.

އިސްރާއީލު ބުނާގޮތުގައި 2014ގެ ހަނގުރާމައިގައި ޙަމާސުން ވަނީ އިސްރާއީލުގެ ހަތަރު ސިފައިން ހައްޔަރުކޮށްފައެވެ. މިއާ ޚިލާފަށް އިސްރާއީލުގެ ޖަލުތަކުގައި 4650 ފަލަސްޠީނީން ހައްޔރުކޮށްފައި އެބަ ތިއްބެވެ. އޭގެތެރޭގައި 40 އަންހެނުންނާއި 200 ކުޑަ ކުދީން ހިމެނެއެވެ. މީގެ އިތުރަށް ފަލަސްޠީނުގެ އިދާރީ 520 މުވައްޒަފަކު އިސްރާއީލުން ހައްޔަރުކޮށްފައި އެބަ ތިއްބެވެ. މި މީހުންނާ ބެހޭގޮތުން އެއްވެސް ޝަރީޢަތެއް ވެސް ބާއްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް