Support Us

އަފްޣާނިސްތާނަށް އެހީވުމަށް ޓަކައި ބޭއްވުނު ބައިނަލްއަޤްވާމީ މަހާސިންތާ

އަފްޣާނިސްތާނަށް 1.1 ބިލިއަން ޑޮލަރުގެ އަވަސް އެހީ ދިނުމަށް ދުނިޔެ ވަޢުދުވެއްޖެ

އަފްޣާނިސްތާނަށް 1.1 ބިލިއަން ޑޮލަރުގެ އަވަސް އެހީ ދިނުމަށް އދގެ ބެލުމުގެ ދަށުން ޖެނީވާގައި ބޭއްވުނު އަފްޣާނިސްތާނަށް އެހީވުމާ ބެހޭ މަހާ ސިންތާއިން ނިންމައިފިއެވެ.

މިކަމާ ވިދިގެން އަފްޣާން ސަރުކާރުގެ ވަގުތީ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ އެކަމަށް ތާރީފު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއަކީ ބޮޑު ޤައުމަކަށް ވާތީ "އެމެރިކާގެ ހިތް ވެސް ބޮޑުވާންޖެހޭނެ" އެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި އެހީ މުހުތާދުވެރީންނަށް ދެ ފުށް ފެންނަގޮތަށް ނަޒާހަތްތެރިކަމާއެކު ފޯރުކޮށްދިނުމަށް އިސްލާމީ އިމާރާތުން މަސައްކަތް ކުރާނެއެވެ."

މުއްތަޤީ ކާބުލްގައި ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވިދާޅުވިއެވެ. "އަފްޣާނިސްތާނަކީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޤައުމެކެވެ. މި ޤައުމު ވަނީ ތަފާތު ދާއިރާތަކުގައި އެހީއަށް ބޭނުންވެފައެވެ. ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙަތާއި ތަރައްޤީގެ މައިދާނުގައެވެ."

އޭނާ ވިދާޅުވިއެވެ. "ފައިސާ ބޭކާރުވެގެން ދިޔަ ނުދިނުމަށް ޓަކައި ފަށާފައިވާ މަޝްރޫޢުތައް ފުރިހަމަ ކުރާން އެބަ ޖެހެއެވެ." އޭނާ ބައިނަލްއަޤްވާމީ ބޭންކަށާއި އޭޝިއަން ޑިވެލަޕްމެންޓް ބޭންކަށާއި ތަރައްޤީއާ ބެހޭ އިސްލާމީ ބޭންކް ފަދަ އެހީދޭ ފަރާތްތަކަށް އަފްޣާނިސްތާނަށް އެހީވުމަށް ގޮވައިލެއްވިއެވެ.

ޢާލަމީ މަހާ ސިންތާ

އދގެ ބެލުމުގެ ދަށުން އަންގާރަ ވިލޭރޭ ޖެނީވާގައި ބޭއްވި މަހާ ސިންތާގައި ބައިވެރިވި ޤައުމުތަކުން އަފްޣާނިސްތާނަށް އެހީވުމަށް ޓަކައި 1.1 ބިލިއަން ޑޮލަރު ދިނުމަށް ކަށަވެތިވިއެވެ. އދގެ އަމީން ޢާއްމު ގުޓަރެސް ވިދާޅުވިގޮތުގައި ހަނގުރާމަޔާއި މުޞީބާތްތަކުގައި އެތައް ދަހަރުތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން އަފްޣާނިސްތާނާ ކުރިމަތިވެފައި ވަނީ ވަރަށް ނުރައްކާތެރި ޙާލަތެކެވެ. އެއްފަހަރާ މުޅި ޤައުމު ރޫޅިގެން ހިނގައިދާނެކަމުގެ ބިރެވެ.

އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާނުގައި ހުރި ކާއެތިކޮޅު މި މަސް ހުސްވުމުގެ ކުރީން ހުސްވެދާނެއެވެ. ކާބޯތަކެއްޗާ ބެހޭ ދުނިޔޭގެ ޕްރޮގްރާމު ބުނާގޮތުގައި އަފްޣާނިސްތާނުގައި ބަނޑަށްޖެހުމުގެ ތުންފަތްމަތީގައި 14 މިލިއަން މީހުން އެބަ ތިއްބެވެ.

މި މަހާސިންތާގައި އެމެރިކާއިން ވަނީ 64 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެކަމަށް ވަޢުދުވެފައެވެ. ނޯވޭއިން ވަނީ އިތުރު 11.5 މިލިއަން ޑޮލަރު ދޭނެކަމަށް ބުނެފައެވެ.

އަފްޣާނިސްތާނަށް އެހީވުމަށް ލިބޭ ފައިސާގެ ތެރެއިން 200 މިލިއަން ދެވޭނީ ކާބޯތަކެއްޗާ ބެހޭ ބައިނަލްއަޤްވާމީ ޕްރޮގްރާމަށެވެ. މި ޕްރޮގްރާމުން ނެގި ތަފާސްހިސާބުތައް ބުނާގޮތުގައި އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން 93 އިންސައްތަ މީހުންނަށް ފުދޭވަރަށް ކާބޯތަކެއްޗެއް ނުލިބެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *