Support Us

ފަލަސްޠީނުގެ ރައީސް އިސްރާއީލުގެ ދިފާޢީ ވަޒީރާ ބައްދަލު ކުރައްވައިފި

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސް އާ ރޭ ހުޅަނގު އައްސޭރީގެ ރާމަﷲގައި ބައްދަލު ކުރައްވައިފިއެވެ. ފަލަސްޠީނުގެ މަސްއޫލުވެރީންނާއި އިސްރާއީލުގެ ޗެނެލް 2 އިން ވަނީ މި ޚަބަރު ކަށަވަރުކޮށް ދީފައެވެ. މިއީ އިސްރާއީލުގެ އައު ސަރުކާރުގެ މަސްއޫލުވެރިއަކާއެކު ރައީސް ޢައްބާސް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ފަލަސްޠީނުގެ މަދަނީ ކަންތައްތަކާ ބެހޭ އިދާރާގެ ރައީސް ޙުސައިނުއް ޝައިޚު އޭނާގެ ޓްވީޓެއްގައި ހާމަކުރެއްވިގޮތުގައި ރާމަﷲ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ބަޙުސްކުރެއްވީ ފަލަސްޠީނު– އިސްރާއީލު ގުޅުންތަކާ ބެހޭގޮތުންނެވެ.

އިސްރާއީލުގެ ޗެނެލް 12 ބުނިގޮތުގައި "ފަލަސްޠީނުގެ އިދާރިއްޔަތުގެ އިޤްތިޞާދީ ކަންތައްތައް ރަނގަޅު ކުރުމަށް ޓަކައި ތަންފީޒު ކުރަން ޖެހޭ އިޖްރާއާތުތައް ތަންފީޒު ކުރުމަށް ތައްލު އަބީބު އޮތީ ތައްޔާރަށް" ކަމަށް ރައީސް ޢައްބާސަށް ގެންޓްސް ދެންނެވިއެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރުގެ އޮފީހުން ބުނިގޮތުގައި "އެ ދެބޭފުޅުން ބަޙުސް ކުރެއްވީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ސަލާމަތީ ކަންތައްތަކާއި އިޤްތިޞާދީ މަސްއަލަތަކާއެކު މުޢާމަލާތު ކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ."

ރާމަﷲގެ ބައްދަލުވުން މި ބޭއްވުނީ އެމެރިކާގެ ރައީސް ބައިޑްން ވައިޓްހައުސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓާ ބައްދަލު ކުރެއްވިތާ ދެ ދުވަސްފަހުންނެވެ. މި ބައްދަލުވުމުގައި ރައީސް ބައިޑްން ވަނީ ދެ ދައުލަތުގެ ޙައްލަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވައިފައެވެ.

ފަލަސްޠީނާ އިސްރާއީލާ ދެމެދުގައި ބޭއްވެމުން ދިޔަ ވާހަކަދެއްކުންތައް 2014 ގައި ވަނީ ހުއްޓިފައެވެ. އެއީ އިސްރާއީލުން ޔަހޫދީން ވަޒަންވެރިކުރުމުގެ އާބާދީތައް ހެދުން ހުއްޓައިލުމާ ދެކޮޅު ހެދުމާއި ދެ ދައުލަތުގެ ޙައްލާ ދެކޮޅު ހެދުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މުސްކުޅީންނާއި ބަލިމީހުން ދުކޮށްލުމާ ދެކޮޅު ހެދުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް