އެއް ދުވަހުގެ މުއްދަތަށް ބަޣްދާދުގައި ބޭއްވުނު ސަމިޓް ރޭ ނިމިއްޖެއެވެ. މި ސަމިޓްގައި ބައިވެރިވި ހުރިހާ ޤައުމުތަކަކުން އެއްބަސްވި ގޮތުގައި އެ ސަރަޙައްދުގެ އަމަންއަމާންކަން ރައްކައުތެރިކުރުމަކީ ޟަރޫރަތެކެވެ. އަދި އެއީ އެ ސަރަޙައްދުގެ ހަމަޖެހުމަށް ވަރަށް ޙަޔަވީ ކަމެކެވެ.
މި ސަމިޓް ނިމުމުން މި ސަމިޓްގެ ނިންމުންތަކާ ބެހޭގޮތުން ނޫސްވެރީންނާ ބައްދަލު ކުރައްވާ ޢިރާޤުގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ސުޢޫދީ – އީރާނު ވާހަކަދެއްކުންތައް މެދުނުކެނޑި ކުރިއަށް އެބަ ދެއެވެ. މި ވާހަކަދެއްކުންތަކުގެ އަސަރު ސަރަޙައްދުގެ އަމްނަށާއި ހަމަޖެހުމަށް ފައްސިކޮށް ފޯރަމުން އެބަދެއެވެ.
ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި ގުޅިފައިވާ އެއްބާރުލުމާއި ޙިއްޞާކުރާ މަޞްލަޙަތާއި އަވަށްޓެރިކަމުގެ ރަނގަޅު ގުޅުމާއި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާއި ވަޠަނީ ސިޔާދަތަށް އިޙްތިރާމު ކުރުމުގެ އަސާސުގެ މަތީގައި ކުރިމަތިލާން ޖެހޭ ގުޅިފައިވާ ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.
ދައުލަތުގެ މުއައްސސާތައް ހަރުދަނާކުރުމަށާއި ބަރްލަމާނީ އިންތިޚާބުތައް ޢިރާޤުގައި ބޭއްވުމުގެ ކަންތައްތަކުގައި ޢިރާޤާށް ވާގިވެރިވެ އެހީތެރިކަން ދެއްވާނެ ކަމަށް ސަމިޓްގެ ބައިވެރީން ވިދާޅުވިއެވެ. ސަމިޓްގެ ޚިތާމީ ބަޔާން ހާމަކުރިގޮތުގައި ސަމިޓްގެ ބައިވެރީން ހުރިހާ ބާވަތެއްގެ ނިރުބަވެރި ޢަމަލުތަކަކާއި ޙައްދުފަހަނަޅައި ދިޔުމާ ފިކްރުތަކާ ދެކޮޅު ހައްދަވައެވެ.
ޢިރާޤުން އެ ޤައުމުގެ އިޤްތިޞާދު އިޞްލާޙު ކުރުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތުގެ އަގު މި ސަމިޓްގެ ބައިވެރީން ވަޒަން ކުރެއްވިއެވެ.
ކޮރޯނާ ވައިރަސް ޖާއިޙާއާ ކުރިމަތިލުމަށް ޓަކައި އެއްބާރުލުން މެދުކަނޑައިނުލައި ކުރިއަށް ގެންދިޔުމަށް މި ސަމިޓުން ގޮވައިލިއެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ދުނިޔެ އިތުރަށް ހޫނުވަމުންދާ ދިޔުމާ ކުރިމަތިލުމުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެ މަތިން އެންމެން އެކަތިގަނޑަކަށް ވުމަށް ވެސް މި ސަމިޓުން ގޮވައިލިއެވެ.
ޢިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ވިދާޅުވިގޮތުގައި އެބައެއްގެ މެދުގައި އެތައް ދެބަސްވުންތަކެއް އޮތް ޤައުމުތަކެއް އެއް މޭޒެއްގެ ދޮށަށް ޢިރާޤުން ގެނައިގެނައުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ސަމިޓްގެ ސަބަބުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާވެގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އަރާރުންވުމުގެ ބަދަލުގައި ވާހަކަދެއްކުމަށް އިސްކަން ދިނުމަށް މި ސަމިޓުން ނިންމިއެވެ. އޭނާ ވިދާޅުވިއެވެ. "ޢިރާޤުގެ ހަމަޖެހުމަކީ ސަރަޙައްދުގެ ހަމަޖެހުމެވެ."



advertisment