މެލޭޝިއާގެ ސިޔާސީ އިސްބޭފުޅަކު، ކޮވިޑު19ގެ ސަބަބުން މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.
"މެލޭޝިއާގެ އަސްލު ވަޒަންވެރީންގެ އިއްތިހާދު ޕާޓީ" (ޕާޓީ ޕްރިބޫމީ ބަރްސަތޫ މެލޭޝިއާ)ގެ އެންމެ މަތީ މަޖިލީހުގެ މެންބަރު އަދި މެލޭޝިއާގެ އަމާނާ އިޚުތިޔާރު މެލޭޝިއާގެ އެގްޒެކެޓިވް ޗެއަރމަން ދާތޫ ސްރީ ލާޖިމް އޫކިން އަވަހާރަވީ ކޮވިޑް19ގެ އާލާސްކަންފުޅު ބޮޑުވެ އޭގެ މުއައްގަދުކަމުގެ ސަބަބުންނެވެ. ކޮވިޑްގެ އާލާސްކަންފުޅު ބޮޑުވެގެން އޭނާ ކޮތާކިނަބާލޫގެ ކޭޕީޖޭ ހޮސްޕިޓަލުގައި ވަޑުވައިފައި އޮންނަވާތާ ފޮއިދުވަސް ވެފައިވަނިކޮށެވެ.
ގާނޫނު ހަދާ މަޖިލީހުގައި ބިއުފޯޓްގެ މެންބަރުކަން ވެސް ކުރީން ކުރައްވައިފައިވާ ލާޖީމް އަވަހާރަވެފައިވާކަން މީޑީއާއަށް ކަށަވަރުކޮށްދެއްވީ އޭނާގެ އަނބިކަނބަލުން ދާތިން ސްރީ ނުރުމިލާ ސިއޮންގެވެ.
"އާދޭހެވެ! ލާޖިމް އވަހާރަވެއްޖެއެވެ." ހޮސްޕިޓަލުގައި އިންނަވައި، ފޯނުކޯލަކަށް ޖަވާބުދެއްވަމުން ނުރުމިލާ ވިދާޅުވިއެވެ. "މައްޔިތާ އަދި ބާއްވައިފައި އޮތީ ހޮސްޕިޓަލުގައެވެ. ނަމަވެސް އަޅުގަނޑު އޭނާގެ ހަށިކޮޅު ބިއުފޯޓަށް ގެންދާނަމެވެ."
މެލޭޝިއާގެ އިސްލާމީ ދަޢުވާ ފައުންޑޭޝަންގެ ކުރީގެ ޑިރެކްޓަރ ސަމީން އޮންކީ ވެސް ވަނީ ލާޖިމް އަވަހާރަވި ޚަބަރު ޙިއްސާކުރައްވައިފައެވެ. އޭނާ ފޭސްބުކްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ލިޔުއްވައިފައިވެއެވެ. "ދާތޫ ސްރީ ލާޖިމް އޫކިން، ކޭޕީޖޭ ހޮސްޕިޓަލްގައި އޮންނަވައި ދާދި ދެންމެއަކު އަވަހާރަވެއްޖެއް ކަމުގެ ހިތާމަވެރި ޚަބަރު އިޢުލާނުކުރަމެވެ. ޞިއްޙީ ވުޒާރާއިން ފުރިހަމަކުރައްވަންޖެހޭ އިޖުރާތުތައް ފުރިހަމަކުރައްވައި ނިމުނުހާ އަވަހަކަށް އޭނާގެ ހަށިކޮޅު އޭނާގެ އަމިއްލަފުޅު އަވަށް ކަމަށްވާ ކަމްޕުން ކަބާތޫ ބިއުފޯޓަށް ގެންދެވޭނެއެވެ. ތިޔަ ބޭފުޅުންގެ ހެޔޮ ދުޢާއަށް ޓަކައި ޝުކުރުދަންނަވަމެވެ."
ޢުމުރުފުޅުން 66 އަހަރުގެ ލާޖިމް ހޮސްޕިޓަލުގައި ވެޑުވީ ރަސްމީ ޒިޔާރަތެއްގައި އުޅުއްވުމަށްފަހު އެނބުރި ރަށަށް ވަޑއިގަތްތަނާ ކޮވިޑްގެ ޢަލާމާތްތައް އޭނާގެ ހަށިކޮޅުން ފެންނާން ފެށުމުންނެވެ. ކޮވިޑަށް ޓެސްޓުކުރުމުން ނަތީޖާ ދެއްކީ ފައްސިކަމަށެވެ.
މީގެ ކުރީން މި މަހު 12 ވަނަ ދުވަހު ލާޖިމް ވަނީ ސަބާހް ސަރުކާރުގެ އޮފިޝަލުންތަކަކާއެކު ރަސްމީ މަސައްކަތްޕުޅެއްގައި ކުދާތަށް ޒިޔާރަތްކުރައްވައިފައެވެ. ސަބާހް ސްޓޭޓްގެ އިސްވަޒީރުގެ ނާއިބުކަން ވެސް ކުރީން ކުރައްވައިފައިވާ ލާޖިމްގެ ޙާލުކޮޅު، އެ ދަތުރަށްފަހު އައީ ގޯސްވަމުންނެވެ.
ދާތޫ ސްރީ ލާޖިމް އޫކިން ވަނީ މެލޭޝިއާގައި ޚާއްޞަކޮށް ސަބާހް ސްޓޭޓްގެ ސިޔާސީ މައިދާނުގައި އިސް މަޤާމުތަކެއް ފުރުއްވައިފައެވެ. ސަބާހް ސްޓޭޓަކީ ހުޅާނގު މެލޭޝިއާގެ މައިބިމާ ވަކިން އިންޑޮނޭޝިއާއާއި ބުރޫނާއީއާ އެއް ބިމެއްގައި އޮންނަ އިރުމަތީ މެލޭޝިއާގެ ބިޔަ ސްޓޭޓެކެވެ.



advertisment
One Response
ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދެން!