ނުވަ ޤައުމެއް ބައިވެރިވާ ބަޣްދާދު ސަމިޓް އިއްޔެ ހަވީރު ފަށައިފިއެވެ. މި ސަމިޓްގެ ނަމަކީ އެއްބާރުލުމާއި ބައިވެރިވުމުގެ ބަޣްދާދު ސަމިޓެވެ.
ނިރުބަވެރިކަމަށް ތަނެއް ނެތް
މި މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ އަރާރުންތަކަށާއި ސަރަޙައްދީ އަރާރުންތަކަށް ޢިރާޤު ބޭނުންކުރުމަކީ އަޅުގަނޑުމެން ދެކޮޅު ހަދާކަމެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "މި ބަޣްދާދު ބައްދަލުވުން ތަމްސީލުކޮށްދެނީ އެއްބާރުލުމުގެ މުހިއްމުކަމެވެ. ޢިރާޤު ބިމުގައި ނިރުބަވެރިކަމަށް ފައިތިލަ ބީއްސާލާނެ ތަންކޮޅެއް ލިބިގެންނުވާ ކަމެވެ."
ޢިރާޤަކީ ފާލަމެއް
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން ވިދާޅުވިއެވެ. "ޢިރާޤީންނަކީ އެހެން އެއްވެސް ކަމެއްގެ ކުރިން ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަކޮށްފައިވާ ބައެކެވެ. ޢިރާޤުގެ އައު މަރްޙަލާއަށް ބޭނުންވާ އިންތިޚާބުތައް ބޭއްވުމުގެ ކަންތައްތަކުގައި އަޅުގަނޑުމެން ޢިރާޤާއެކު ތިބޭނޫއެވެ." އޭނާ ވިދާޅުވިއެވެ. "މި މަހާސިންތާއަކީ މުހިއްމު ބައްދަލުވުމެކެވެ. އެއީ ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރުމަށް ލިބިފައިވާ ފާލަމެކެވެ. އެއީ އިޤްތިޞާދީ އަމާންކަމާއި ޠާއިފީ އަދި ނަސްލީ ހިރުންތައް ފިލުވައިލުމަށް ބޭނުންވާ ފަރުވާ ހޯދުމަށް ޓަކައި އަރަން އޮތް ދާލަމެކެވެ."
އޭނާ ވިދާޅުވިއެވެ. "ސަރަޙައްދުގެ ޤައުމުތަކާއެކު ވިލަރެސްކޮށްގެން ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ޤާއިމު ކުރުމަށް ޢިރާޤުން އެ ޤައުމުގެ ދައުރު ފުރިހަމަށް އަދާކުރަން ވާނެއެވެ. ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ދެބަސްވުންތައް ގިރާކޮށް ދާން ޖެހޭނެއެވެ."
މެކަރޯން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ކޮންމެ ބަޔަކީ އަޅުގަނޑުމެންގެ އެއްބަނޑުއެއްބަފައި ބައެކެވެ." ޢިރާޤަށް ވާގިވެރިވާނެ ކަމަށާއި ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ވިލަރެސް ކުރާނެކަމަށާއި ޢިރާޤުގެ އިޤްތިޞާދު ބިނާކުރުމަށާއި ޢިރާޤުގެ ބިނާރުތައް ތަރައްޤީ ކުރުމުގައި ޕެރިހުގައި ވާގިވެރިކަން ލިބޭނެ ކަމަށް މެކަރޯން ވިދާޅުވިއެވެ. އެއްބާރުލުމުގެ މަގު ބިނާކުރުމުގައި އެންމެންނާއެކު ބައިވެރިވުމަކީ ފަރަންސޭސިވިލާތަށް ލިބޭ ޝަރަފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަތުގުޅައިލަން ޖެހޭ
މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން އުރްދުންގެ ރަސްގެފާނު 2ވަނަ ޢަބްދުﷲ ވިދާޅުވިއެވެ. "މި މަހާސިންތާ މި ބޭއްވެނީ ބައިނަލް އަޤްވާމީ ތަރައްޤީތަކެއްގެ ހިޔަނީގެ ތެރޭގައެވެ. ދުސްތޫރީ ދައުލަތެއް ބިނާކުރުމަށް ޢިރާޤުން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ޢިރާޤަށް ހަމަޖެހުން ގެނެސްދިނުމަށް ޓަކައި އަޅުގަނޑު އެންމެން މިއަދު މި ވަނީ އަތުގުޅައިލަން ޖެހިފައެވެ."
އެއް ދުވަހުގެ މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޤަޠަރުގެ އަމީރު ތަމީމު ބިން ޙަމަދު އެ ޤައުމުން ޢިރާޤަށް އެހީ ފޯރުވުން ހުއްޓައި ނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޢިރާޤަކީ ސަރަޙައްދުގައި އަމްނާއި އަމާންކަމައި ޞުލްޙަ ބިނާކުރުމުގައި ކުރުންތެރި ދައުރެއް އަދާކުރުމުގެ ޤާބިލުކަން ލިބިފައިވާ ޤައުމެކެވެ.
ޢިރާޤަށް ހަމަޖެހުން ނުލިބި ސަރަޙައްދަށް ހަމަޖެހުމެއް ނެތް
ކުވައިތުގެ ބޮޑުވަޒީރު ޞަބާޙު ޚާލިދުއް ޞަބާޙުގެ ވާހަކަފުޅުގައި ޢިރާޤާ ކުރިމަތިވެފައިވާ ގަޑުބަޑުކަމާއި ނާމާންކަމުން އަރައިގަތުމަށް ޓަކައި ކުވައިތުން ދެމުންގެންދާ އެހީ ކުރިމަގުގައި ވެސް ޢިރާޤަށް ދެމުންގެންދާނެ ކަމަށް ވިދާޅުވިއެވެ. އައްޞަބާޙުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ހާމަކުރެއްވި ގޮތުގައި ޢިރާޤަށް ހަމަޖެހުން ނުލިބި މި ސަރަޙައްދަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ޢިރާޤުގެ ދާޚިލީ ކަންތައްތަކުގެތެރެއަށް އެހެން ބާރުތަކުން އަތް ނުބޭނުމަށް އޭނާ ގޮވައިލެއްވިއެވެ.
ދާޚީލީ ކަންތައްތަކާ ބެހުމާ މިޞްރު ދެކޮޅު
މިޞްރުގެ ރައީސް ސީސީގެ ވާހަކަފުޅުގައި ޢިރާޤުގެ ދާޚީލީ ކަންތައްތަކާ ބެހުމަކީ މިޞްރު ދެކޮޅު ހަދާ ކަމެއްކަމަށް ވިދާޅުވިއެވެ. ޢިރާޤަށް ހަމަޖެހުން ގެނައުމަށް ކުރެވޭ މަސައްކަތްތަކަށާއި ޢިރާޤުގެ ބިމުގެ އެއްބައިވަންތަކަން ރައްކައުތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް މިޞްރުގެ އެހީ ލިބިގެންވާ ކަމަށް ރައީސް ސީސީ ވިދާޅުވިއެވެ.
ސައޫދީ ޢަރަބިއްޔާއިން މި މަހާސިންތާގައި ބައިވެރިވި ވަފްދުގެ ރައީސަކީ ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލު ބިން ފަރަޙާނެވެ. ސުޢޫދީން ޢިރާޤުގެ އަމްނާއި ހަމަޖެހުން ރައްކައުތެރިކޮށް ދިނުމަށް ޓަކައި ވާގިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ސުޢޫދީ ޢަރަބިއްޔާއިން ދަނީ ނިރުބަވެރިކަމާއި ޙައްދުފަހަނަޅައިދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ބަޣްދާދާއެކު ވިލަރެސް ކުރަމުންނެވެ.
ޢިރާޤު ވާން ޖެހޭނީ އެއްބާރުލުމުގެ މައިދާނަކަށް
މި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވީޝް އޮގްލޫ ވިދާޅުވިގޮތުގައި "ޢިރާޤަށް ހަމަޖެހުން ލިބުމަކީ ސަރަޙައްދީ އެންމެހާ ޤައުމުތަކަށް ވަރަށް ޙަޔަވީ ކަމެކެވެ." އޭނާ ވިދާޅުވިއެވެ. "ވާދަވެރިކަމުގެ މައިދާނަކަށް ޢިރާޤު ވެގެން ނުވާނެއެވެ. އެހެނެއްކަމަކު ޢިރާޤު ވާން ޖެހޭނީ އެއްބާރުލުމާއި ބައިވެރިވުމުގެ މައިދާނަކަށެވެ." ޢިރާޤަށް ބޭނުންވާ ޙަޔަވީ މަޝްރޫޢުތަކުގެ ތެރެއިން ޢިރާޤު އާރާސްތުކުރުމާބެހޭ މަޝްރޫޢުތަކުގައި އަންކަރާ ބައިވެރިވުމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްއަލަތައް ބޭރު މީހުންނާ ނުބެއްސުން
މި މަހާސިންތާގައި ބައިވެރިވި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު ޙުސައިން ޢަބްދުއްލަހްޔާން ވިދާޅުވިގޮތުގައި އީރާނުން ޢިރާޤުގެ ބިމުގެ އެއްބައިވަންތަކަމަށާއި މިނިވަންކަމަށާއި ޞުލްޙަމަސަލަސްކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއެވެ. އޭނާ ވިދާޅުވިގޮތުގައި ނިރުބަވެރިކަމުގެ ސަބަބުން ޢިރާޤަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޢިރާޤަށް އެހީގެ އަތެއް ދިއްކޮށްލި ފުރަތަމަ ޤައުމަކީ އީރާނެވެ. އޭނާ ވިދާޅުވިއެވެ. "މި ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ އަމާންކަމާއި ހަމަޖެހުން އެމެރިކާނުންނަށް ނުގެނެސްދޭނެއެވެ. ބޭރު މީހުންނާ ނުބައްސައި މި ސަރަޙްއަދުގެ މީހުން ވާހަކަ ދައްކައިގެން މި ސަރަޙައްދުގެ މަސްއަލަތައް ޙައްލު ކުރުމަށް" އީރާނުގެ ވަޒީރު ގޮވައިލެއްވިއެވެ.

ސަރަޙައްދީ ފައިލްތައް
ބަޣްދާދުން ހާމަކޮށްފައިވާ ގޮތުގައި އެއް ދުވަހުގެ ބަޣްދާދު ސަމިޓްގައި ބަހުސްކުރުމަށް ހަމަޖެހިފައިވާ މަސްއަލަތަކަކީ:-
- އިޤްތިޞާދީ ބައިވެރިއްޔަތު ފުޅައުކުރުން
- ނިރުބަވެރިކަމާ ހަނގުރާމަކުރުން
- ޢިރާޤު އާރާސްތު ކުރުމަށް ބޭނުންވާ މަޝްރޫޢުތަކަށް މަދަދު ހޯދުން
- އަވަށްޓެރި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުން
- ސަރަޙައްދީ މަސްއަލަތަކުގެތެރެއިން ބަޙުސްކުރުމަށް ހަމަޖެހިފައިވާ މަސްއަލަތަކަކީ: ޔަމަނުގެ މަސްއަލަ. ލުބްނާނުގެ މަސްއަލަ. ގަލްފުގައި ދަތުރު ކުރާ އުޅަނދުތަކަށް އަމާޒުކޮށް ދެވޭ ޙަމަލާތައް.
- އެންމެ ފަހު މިނެޓްގައި އަފްޣާނިސްތާނުގެ މަސްއަލަ އެޖެންޑާއަށް އިތުރު ކުރެވުނެވެ.



advertisment