Support Us

އީރާނާއެކު އެމެރިކާއިން ގެންގުޅޭނީ "ޑިޕުލަމާސިއްޔަތު" ކަމަށް ބައިޑްން ވިދާޅުވެއްޖެ

އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމު ހުއްޓުވުމަށް ޓަކައި އީރާނާއެކު ފުރަތަމަ ގެންގުޅުއްވާނީ ހަރުކަށިކަމުގެ ބަދަލުގައި މަޑުމައިތިރި "ޑިޕުލަމާސިއްޔަތު" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެއްޖެއެވެ.

ރައީސް އިޑްން މި ކަން ހާމަކުރެއްވީ އިސްރާއީލުގެ އައު ބޮޑުވަޒީރު ނަފްތާލީ ބެނެޓާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އެހެން ވަސީލަތްތައް ޚިޔާރު ކުރައްވާނީ މިހާރު ބޭއްވެމުންދާ ވާހަކަދެއްކުންތައް ފޭލްވެއްޖެނަމައެވެ. އެއީ ކޮން ކަހަލަ ވަސީލަތްތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ކާބުލްގެ ވައިގެބަނދަރަށް ދިން ކުއްލި ޙަމަލާގެ ސަބަބުން މި ދެބޭފުޅުންގެ ބައްދަލުވުން ބޭއްވުނީ އެއް ދުވަސްފަހުން، ހުކުރު ދުވަހުއެވެ. ކުރިން ހަމަޖެހިފައި ވަނީ މި ބައްދަލު ކުރެއްވުމަށް ހުކުރު ވިލޭރޭ ބޭއްވުމަށެވެ. ރައީސް ބައިޑްނާއި ބޮޑުވަޒީރު ބެނެޓް ބައްދަލު ކުރެއްވީ އެމެރިކާ- އިސްރާއީލު ގުޅުންތަކުގެ އައު މަލަތައް އެކަށައެޅުއްވުމަށް ޓަކައެވެ. މި ބައްދަލު ކުރެއްވުމުގެ ދެވަނަ މަޤްޞަދަކީ އެމެރިކާ- އިސްރާއީލު ދެބަސްވުންތައް ކުޑަކުރުމަށް ޓަކައި ތަބާވާންވީ ސިޔާސަތުތައް އެކަށައެޅުމެވެ.

މި ދެބޭފުޅުންގެ ދެމެދުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި އެންމެ އިސްކަމެއް ދެވިފައިވަނީ ކާބުލްގެ ވައިގެބަނދަރަށް ދެވުނު ޙަމަލާއަށެވެ. މި ޙަމަލާގެ ސަބަބުން ރައީސް ބައިޑްންގެ ސިޔާސަތަށް ދަނީ ޙަމަލާތަކެއް ދެވެމުންނެވެ.

ރައީސް ބައިޑްން ނޫސްވެރީންނަށް ވިދާޅުވިއެވެ. "އެތާނގައި އަހުރެމެންގެ މަސައްކަތަކީ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. މިއަދު ތަޙައްމުލު ކުރަން މި ޖެހުނީ ފުރާނަތަކެއް ގެއްލުމުގެ ހިތާމައާއެވެ. އެހެނަސް އަހުރެމެން މަސައްކަތް ފުރިހަމަ ކުރާނަމެވެ. "އަފްޣާނިސްތާނުގައި އިތުރު ޙަމަލާތައް ދީފާނެތީ އެމެރިކާ ސިފައިން ވަނީ ވަރަށް ތައްޔާރީ ޙަލަތަކަށް ގެނެވިއެވެ.

އެމެރިކާއާއި އިސްރާއީލުގެ ވެރިން ވަރަށް ކުރު ގޮތަކަށް އީރާނުގެ ފައިލާމެދު ބައްލަވައިލެއްވިއެވެ. ބައިޑްން ވިދާޅުވިގޮތުގައި އީރާނުގެ ސަބަބުން އިސްރާއިލާ ކުރިމަތިވެފައިވާ ބިރުތަކާ ބެހޭގޮތުން ބެނެޓާއެކު މަޝްވަރާތައް ކުރެވުނެވެ. އީރާނުން ނިޔުކްލިއަރ ހަތިޔާރު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތް ހުއްޓުވާނެކަމުގެ ގަރަންޓީ އެމެރިކާއިން އިސްރާއީލަށްދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަހުރެމެން އެންމެ ފުރަތަމަ އިސްކަންދޭނީ ޑިޕްލޮމާސިއްޔަތަށެވެ. އެ މަގުން ދެވެނީ ކޮން ހިސާބަކަށްތޯ ބަލާނަމެވެ. ޑިޕްމާސިއްޔަތު ފޭލްވެއްޖެނަމަ އެހެން ޚިޔާރުތަކަށް ދިޔުމަށް ވެސް އަހުރެމެން މި ތިބީ ތައްޔާރަށެވެ." ރައީސް ބައިޑްން މި ޚިޔާރުތަކާ ބެހޭގޮތުން އެއްވެސް ތަފްޞީލެއް ނުދެއްވައެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ވައިޓްހައުސްއިން ނެރު ބަޔާނުގައި އައިސްފައި ވެއެވެ. "އީރާނުން އެ ސަރަޙައްދުގައި ގެންގުޅޭ ބިރުވެރި ސުލޫކު މައިތިރިކޮށް ހިފެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ދެ ޒަޢީމުން މަޝްވަރާ ކުރެއްވިއެވެ."

އެމެރިކާ އީރާން ވާހަކަދެއްކުންތައް މި ވަގުތު ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. އެމެރިކާއިން އިންތިޒާރު ކުރަމުންދަނީ އީރާނުގެ އައު ރައީސްގެ ނިންމެވުމަކަށެވެ.

ނަތަންޔާހޫއާ އެކަހެރި ސިޔާސަތެއް

ނަތަންޔާހޫއާ ޚިލާފަށް ބެނެޓް މަސައްކަތް ކުރައްވައިފާ ވަނީ ދެބަސްވުންތައް ބަންދު ކޮޓަރިއެއްގެ ތެރޭގައި ޙައްލު ކުރެއްވުމަށެވެ. އެހެނަސް ނަތަންޔާހޫއާ އެއްގޮތަށް އީރާނުގެ މަސްއލައިގައި ދޫ ނުދެއްވާނެކަމަށް ބެނެޓް ވަނީ ވިދާޅުވެފައެވެ. އިސްރާއީލު ދެކޭގޮތުގައި އީރާނަށް ނިޔުކްލިއަރ ހަތިޔާރު ލިބުމަކީ އިސްރާއީލުގެ ވުޖޫދަށް ހުރި ބޮޑު ބިރެކެވެ. އީރާނުން ދަނީ ނިޔުކްލިއަރ ހަތިޔާރު އުފައްދަން އެ ޤައުމު މަސައްކަތް ނުކުރާ ކަމަށް ބުނަމުންނެވެ. އީރާނުގެ އައު ރައީސް ރައީސީ ވިދާޅުވާގޮތުގައި އެއީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެއް ނޫނެވެ.

ނޫސްވެރީންނާ މުޚާޠަބު ކުރައްވާ ބެނެޓް ވިދާޅުވިއެވެ. "ބާރުނުފޯރާ ފަށަށް އީރާނު ދިޔަނުދިނުމަށް ޓަކައި އިސްރާއީލުން ވަނީ" ޝާމިލު އިސްތިރާތީޖީއެއް" ތަރައްޤީކޮށްފައެވެ.

ފަލަސްޠީނު – އިސްރާއީލު އަރާރުން

ދެ ޒަޢީމުން ފަލަސްޠީނު – އިސްރާއީލު މަސްއަލަތަކާމެދުވެސް ބަހުސް ކުރެއްވިއެވެ. މި މަސްއަލައިގައި ވެސް ދެބަސްވުން ހުރިކަން ފާހަގަ ކުރެއްވިއެވެ. ފަލަސްޠީނު މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް ބައިޑްން ވިދާޅުވިއެވެ. ބެނެޓަކީ ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމުގެ ފިކުރާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ބެނެޓްގެ ވާފުހަކަޅުގައި ފަލަސްޠީނުގެ ނަން ވިދާޅެއް ނުވެއެވެ. އިތުރު ނުތަނަވަސްކަމެއް ހިނގިޔަ ނުދިނުމަށް އެމެރިކާއިން ބާރުއަޅައި ކަމަށް ބައިޑްން ވިދާޅުވިއެވެ. ވައިޓްހައުސްގެ ބަޔާނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ސިޔާސަތާ ރައީސް ބައިޑްން ދެކޮޅު ހައްދަވާ ވާހަކަ ގެނެސްފައެއް ނުވެއެވެ.

މި ބަޔާން ބުނާގޮތުގައި ޢަރަބި- އިސްރާއީލު ގުޅުންތައް ރަނގަޅު ކުރުމަށް ތަނަވަސްވެފައިވާ "އައު ފުރްޞަތުތަކުގެ" ބޭނުން ހިފުމާ ބެހޭގޮތުން ދެ ޒަޢީމުން މަޝްވަރާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް