ދާޢިޝާ ދެކޮޅަށް ޙަމަލާތައް ދިނުމުގެ ފުރިހަމަ ބާރު އެމެރިކާގެ ޢަސްކަރީ ވެރީންނަށް ރައީސް ބައިޑްން ރޭ ދެއްވައިފިއެވެ.
އެމެރިކާގެ މަސްއޫލުވެރިއަކު ރޮއިޓަރޒަށް ވިދާޅުވި ގޮތުގައި ރައީސް ބައިޑްން މި ބާރު ދެއްވީ ކާބުލް ވައިގެބަނދަރުގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ދެވުނު ޙަމަލާގެ މަސްއޫލިއްޔަތުން ދާޢިޝުން އުފުލުމުންނެވެ. ކާބުލް ވައިގެ ބަނދަރަށާއި ކައިރީގައި ހުރި ހޮޓަލަކަށް ދިން ޙަމަލާގައި އެމެރިކާ ސިފައިންގެ 15 މީހަކު މަރުވެ 18 މީހަކު ޒަޚަމުވިއެވެ. މި ޙަމަލާގައި ޠާލިބާނުންގެ 25 މީހަކު ވެސް މަރުވިއެވެ. އަދި ވައިގެ ބަނދަރަށް ފުރަންގޮސް ތިބި އެތައް ބަޔަކު މަރުވިއެވެ.
ރައީސް ބައިޑްންގެ އަމުރުފުޅާ ވިދިގެން އެމެރިކާގެ ޢަސްކަރިއްޔާގެ ވެރިން ވިދާޅުވިގޮތގައި ކުރިއަށް އޮތް ދުވަސްތައް ވާނީ ވަރަށް ހިރާސް ބޮޑު ދުވަސްތަކަކަށެވެ.
ޖާނުން ފިދާވުމުގެ ޙަމަލާއެއް
ޕެންޓަގަން ބުނާގޮތުގައި ހުކުރުވިލޭރޭ ކާބުލްގައި ދާޢިޝުން ދީފައި ވަނީ ޖާނުން ފިދާވުމުގެ އެންމެ ޙަމަލާއެކެވެ. އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފު ޖެނެރަލް ވިލިއަމް ޓޭލަރު ނޫސްވެރީންނާ ބައްދަލު ކުރައްވާ ހާމަކުރެއްވިގޮތުގައި ޙާމިދު ކަރަޒާއި ވައިގެ ބަނދަރަށް އެމީހުން ދިން ޙަމަލާގައި މަރުވި މީހުންގެ ޖުމްލަ 170ށް ވުރެ ގިނަވާނެއެވެ. އިނގިރޭސި ޚާރިޖިއްޔާ ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން އެ ޤައުމުގެ ތިން މީހަކު މަރުވިއެވެ. އޭގެތެރޭގައި ކުޑަކުއްޖަކު ހިމެނެއެވެ.
ޓޭލަރ ވިދާޅުވިއެވެ. "އެއީ ޖާނުން ފިދާވުމުގެ އެންމެ ޙަމަލާއެކެވެ. ބެރޯން ހޮޓަލުގައި ނުވަތަ އެހިސާބާ ކައިރި ހިސާބެއްގައި އެއްޗެއް ގޮއްވާލައިފައެއް ނުވެއެވެ. އެ ޙަމަލާގައި އުޅުނީ އަމިއްލައަށް މަރުވި އެންމެ މީހެކެވެ." އޭނާ ވިދާޅުވިއެވެ. "މި ޙާދިސާގެ ހަލަބޮލިކަމުގެތެރޭގައި ތަފާތު ގޮތްގޮތަށް މަޢުލޫމާތު ލިބިދާނެއެވެ."
އެހެނަސް އެމެރިކާގެ މަރްކަޒީ ކޮމާންޑްގެ ވެރިޔާ ކެނެތު މެކެންޒީ ހާމަކުރެއްވި ގޮތުގައި ދާޢިޝުން ދެ ޙަމަލާއެއް ދީފައިވެއެވެ. އެއީ ވައިގެބަނދަރުގެތެރޭގައި ދިން ޙަމަލާއަކާއި ވައިގެ ބަނދަރު ކައިރީގައި ހުންނަ ބެރޯން ހޮޓާ ކައިރީގައި ދިން ޙަމަލާއެކެވެ.
ދާޢިޝުން ބުނާގޮތުގައި އެމީހުން ދިނީ އެންމެ ޙަމަލާއެކެވެ. އެއީ ވައިގެބަނދަރު ތެރޭގައި ޖާނުން ފިދާވެގެން ދިން ޙަމަލާއެކެވެ. ދާޢިޝުން ބުނިގޮތުގައި މި ޙަމަލާދިން މީހާއަށް މުތަރްޖިމުންނާއި އެމެރިކާއާއެކު އެއްބާރުލައިފައިވާ އަފްޣާން މީހުންގެ ފޭލިގެއެއްގެ ތެރެއަށް ވަދެވުނެވެ. އެއީ ވައިގެބަނދަރުގެ ކައިރީގައި ހުރި ފޭލިގެއެކެވެ. އެމީހުންގެ މެދުތެރެއަށް ވަދެ އޭނާގެ ކަމަރު ގޮއްވައިލީއެވެ.



advertisment