Support Us

ޚުރާސާން ދާޢިޝުން ކާބުލަށް ދިން ޙަމަލާގެ މެސެޖަކީ ކޮބާ!

ކާބުލް ވައިގެ ބަނދަރަށާއި ކައިރީގައި ހުރި ހޮޓަލަކަށް ދާޢިޝުން ޙަމަލާތަކެއް ދިނުމާ ވިދިގެން މި ޙަމަލާގެ ބޭނުމަކީ ކޮބައިތޯ ނޫސްވެރީން ދަނީ ސުވާލު ކުރަމުންނެވެ. އަދި އެ ޖަމާޢަތާ ޠާލިބާނުންގެ ގުޅުމާ ބެހޭގޮތުން ވެސް ސުވާލުތަކެއް ވަނީ އުފައްދައިފައެވެ.

ފަހަކަށް އައިސް އަފްޣާނިސްތާނުގައި ދެވިފައިވާ ހަރުކަށި އެތައް ޙަމަލާތަކެއްގެ މަސްއޫލިއްޔަތު ޚުރާސާނުގެ ދާޢިޝުން ވަނީ އުފުލައިފައެވެ. އެމީހުން ޙަމަލާ ދިން ތަންތާނގެތެރޭގައި އަންހެން ކުދީންގެ މަދަރުސާތަކާއި ހަސްފަތާލުތައް ހިމެނެއެވެ.

ހަސްފަތާލުތަކަށް ވަދެ ދީފައިވާ ޙަމަލާތަކުގެތެރޭގައި އަންހެން ނަރުހުންނަށް އަމާޒުކޮށް ބައެއް ޙަމަލާތައް ދީފައިވާ ކަމަށް ވެސް ފާހަގަ ކުރެވެއެވެ.

ޠާލިބާނުންނާ ޚިލާފަށް ޚުރާސާން ދާޢިޝުންނަކީ ބައިނަލް އަޤްވާމީ ފެންވަރުގައި ޙަރަކާތްތެރިވާ ބައެކެވެ. އެމީހުންނަށް ވާޞިލުވެވޭ ކޮންމެ ހިސާބެއްގައި ހުންނަ ހުޅަނގުގެ މަޞްލަޙަތުތަކަށް އެމީހުން ޙަމަލާދެއެވެ. އެމީހުންނާ ޚިލާފަށް ޠާލިބާނުން ޙަރަކާތްތެރިވަނީ އެމީހުންގެ ބިމުގެ ސަރަޙައްދުގައެވެ.

މަރްކަޒު ހުރީ ކޮން ތަނެއްގައި

ޚުރާސާން ދާޢިޝުންގެ މަރްކަޒު ހުންނަނީ އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ ނަންގަހާރުގެ ޚުރާސާނުގައެވެ. އެއީ ޕާކިސްތާނަށް މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރީ ކުރާ މަގުތަކާ ކައިރީގައި އޮންނަ ހިސާބެކެވެ. މި ޖަމާޢަތް އެންމެ ބާރުގަދަވި ދުވަސްވަރު އެ މީހުންގެ ލަޝްކަރުގައި ތިން ހާސް ހަނގުރާމަވެރީން ތިއްބެވެ. އެމީހުން އެމެރިކާ ސިފައިންނާއި އަފްޣާން ސިފައިންނާއި ޠާލިބާނުންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އެމީހުންގެ ބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ދާޢިޝުން އެމެރިކާއަށް ދިން މެސެޖްތަކެއް

ދާޢިޝުން ރޭ ކާބުލްގެ ވައިގެ ބަނދަރަށާއި ކާބުލްގެ ބައެއް ތަންތަނަށް ދިން ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 13 މީހަކު ވަނީ މަރުވެފައެވެ. އަދި 18 މީހަކު ވަނީ ޒަޚަމުވެފައެވެ. ދާޢީޝުން ޖާނުން ފިދާވެގެން ދިން މި ދެ ޙަމަލާގައި ޖުމްލަ 72 މީހަކު ވަނީ މަރުވެފައެވެ. އިތުރު 150 މީހަކު ވަނީ ޒަޚަމުވެފައެވެ.

މި ޙަމަލާއަށް ބަދަލު ހިފާނެކަމުގެ އިންޒާރު އެމެރިކާއިން މިހާރު ވަނީ ދީފައެވެ.ސީ އެން އެނާ ބައްދަލު ކުރައްވަމުން އެމެރިކާގެ ދިފާޢީ ވަޒީރުގެ ކުރީގެ އެހީތެރިއެއްކަމުގައިވާ މޭރީ ބޭތު ލޮންގް ހާމަކުރެއްވިގޮތުގައި ކާބުލް ވައިގެ ބަނދަރަށް ދާޢިޝުން މި ދިން ނިރުބަވެރި ޙަމަލާގައި ދެ މެސެޖެއް ވެއެވެ.އޭނާ ވިދާޅުވިގޮތުގައި ފުރަތަމަ މެސެޖަކީ އެމެރިކާއަށް ފޮނުވި މެސެޖެކެވެ. އެމެރިކާއަށް ކާބުލްގެ ވައިގެ ބަނދަރު އަމާންކޮށް ނުދެވޭނެކަމަށް ބުނާ މެސެޖެކެވެ. ދާޢިޝަށް އަބަދުވެސް ވަންނާނެ ބާގަނޑުގަނޑު ހެދޭނެކަމަށް ބުނާ އިންޒާރީ މެސެޖެކެވެ. ދެވަނަ މެސެޖަކީ ވޮޝިންގްޓަނަށް ފޮނުވި މެސެޖެކެވެ. "ޠާލިބާނުންނާއެކު ޞުލްޙަ ޤާއިމުކުރުމަށް ތިޔަބައިމީހުން އެއްބަސްވިއިރު ޠާލިބާނުންނަށް އަހުރެމެން ގޮންޖަހާނެކަން ތިޔަބައިމީހުންނަކަށް ނޭނގުނޭ" ބުނާ މެސެޖެވެ.

ދާޢިޝާ ޠާލިބާނުން

ޠާލިބާނުންނާ ދާޢީޝުންނަކީ ފިކްރުގެ ގޮތުން ވަރަށް ތަފާތު ދެ ބަޔެކެވެ. ޚުރާސާނުގެ ދާޢިޝުން ސިފަކުރާގޮތުގައި ޠާލިބާނުންނަކީ "ކާފިރުން"ނެވެ. އެއީ އެމެރިކާއާއެކު ޞުލްޙަޔާ ބެހޭގޮތުން ވާހަކަދައްކާތީއެވެ. އެމެރިކާއާ އެކު ޞުލްޙަ ޤާއިމު ކުރުމަށް ޓަކައި ދައުޙާގައި ބައްދަލުކޮށްފައިވާތީއެވެ.

ދާޢިޝުން ބުނާގޮތުގައި ޠާލިބާނުން މި ވަނީ ޖިހާދު ހުއްޓާލައިފައެވެ. އެމީހުން މި ވަނީ ހަނގުރާމައިގެ މައިދާނަށް ފުގަސްދީފައެވެ.
ދާޢިޝް ޙަރަކާތް ފެށުނީއްސުރެ އެމީހުންނަކީ ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރާ ވާދަވެރި ހަތުރުވެރި ޖަމާޢަތެކެވެ. ދާޢިޝުން ބޭނުންވަނީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމަށް ޓަކައި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ބިންތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އަފްޣާން ސަރުކާރުން އެމެރިކާ ސިފައިންނާއެކު ކުރި ހަނގުރާމަތަކުގައި ދާޢިޝް ވަނީ އިރުމަތީ އަފްޣާނިސްތާނުގައި ބަލިވެ އެމީހުންގެ ބާރު ނެތިފައެވެ. އެމެރިކާއާއި އދން ބުނާގތުގައި އެ ހިސާބުން ފެށިގެން ޚުރާސާނުގެ ދާޢިޝުން މަސައްކަތް ކޮށްފައި ވަނީ ނިދާފައި އޮވެގެންނެވެ. މިދިޔަ ވަނަ އަހަރު އެމެރިކާއިން ޠާލިބާނުންނާއެކު އެއްބަސްވި އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުން އެމެރިކާ ފައިބަން ނިންމުމުން ދާޢިޝުން އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔެއެވެ. އެހިސާބުން ފެށިގެން ދާޢިޝުން ޚުރާސާނުގައި ދިޔައީ ޙަމަލާތަކެއް ދިނުމަށް ރާވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް