ކާބުލްގެ ވައިގެ ބަނދަރުގެ ދޮރޯށިތައް ކުރިމަތީގައި އަފްޣާނިސްތާނުގެ އެތައް ހާސް ބަޔަކު ފުރޭތޯ މަސައްކަތް ކުރަމުންދަނިކޮށް އެ ބަނދަރު ގުގުމައިގެން ދިޔައީ މީހަކު އޭނާ އަޅައިގެން ހުރި ގޮވާ ކަމަރު ގޮއްވައިލުމުންނެވެ. ޖާނުން ފިދާވުމުގެ މި ހަމަލާއާ ވިދިގެން އިވިގެން ދިޔައީ ވައިގެ ބަނދަރު ކައިރީގައި ހުންނަ ބެރަން ހޮޓަލުގައި އެއްޗެއް ގޮވި އަޑެވެ. އެއަށްފަހު ދެން އިވެން ފެށީ ބަޑީގެ ޙަމަލާތައް ބަދަލު ކުރެވެމުން ދިޔަ އަޑެވެ.
ކާބުލްގައި މި ދެ ޙަމަލާ ދިނީ ޚުރަސާން ދާޢިޝް ޖަމާޢަތުންނެވެ. މިއަދު ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ވެރިރަށުގެ ހަސްފަތާލަކުން ބުނިގޮތުގައި މި ޙަމަލާތަކުގެ ސަބަބުން 72 މީހަކު މަރުވިއެވެ. މި ކަމާ ބެހޭގޮތުން އެމެރިކާގެ މަރްކަޒީ ކޮމާންޑްގެ ވެރިޔާ ކެނެތު މެކެންޒީ ވިދާޅުވިގޮތުގައި މި ޙަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންގެ 13 މީހަކު މަރުވެ 15 މީހަކު ޒަޚަމުވިއެވެ.
ކާބުލް ވައިގެ ބަނދަރަށް ފުރަންގޮސް ހުރި މީހަކު ވޮޝިންގްޓަން ޕޯސްޓާ ވާހަކަ ދައްކަމުން ބުންޏެވެ. "ބައެއް މީހުން އަނދައިގެން ދިޔައެވެ. އަނެއްބަޔަކު ނޭވާ ހާސްވެގެން މަރުވީއެވެ." އެހެން މީހަކު ނަން ހާމަނުކުރަން ޝަރްޠުކޮށް ބުންޏެވެ. "މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އެތަންމިތަނަށް ބުރބުރައިގެން ގޮސްފައި ވެއެވެ. ލެއިން ތަތްތެޅިފައިވާ އަންހެނެއްގެ ގައިމަތީގައި ރަޖާގަނޑެއް އަޅާފައި އޮތް ތަން އަހުރެން ދުށީމެވެ."
ޙަމަލާގެ އަމާޒަކީ އެންމެން
ކާބުލްގައި މި ދެވުނު ޙަމަލާތަކަކީ ވަކިމީހަކަށް އަމާޒުކޮށް ދެވުނު ޙަމަލާއެއް ނޫނެވެ. އެއީ އެންމެންނަށް ދެވުނު ޙަމަލާތަކެކެވެ. މި ޙަމަލާގައި އެމެރިކާ ސިފައިންގެ 13 މީހަކު މަރުވެ 18 މީހަކު ޒަޚަމުވިއެވެ. މިއީ ފަހަކަށް އައިސް އެމެރިކާ ސިފައިންނަށް ދެވުނު ލޭ އޮހޮރުވުން އެންމެ ބޮޑު ޙަމަލާއެވެ. މިއީ 2020ގެ ފެބްރުވަރީގެ ފަހުން އެމެރިކާ ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ އޭނާއަށް ލިބިފައިނުވާ މީހަކު ހާމަކުރި ގޮތުގައި މި ޙަމަލާތަކުގެ ސަބަބުން 112 މީހަކު މަރުވެ 111 މީހަކު ޒަޚަމުވިއެވެ. އޭނާ ބުނިގޮތުގައި ވައިގެބަނދަރާ ހަމައަށް ފުރަތަމަ އެހީގެ ވަސީލަތްތަކަށް ނުދެވޭތީ މަރުވި މީހުންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ބިމުގެ އަޑީގައި މަޤްބަރާއެއް
ހުކުރު ވިލޭރޭ އެއްޗެއް ގޮވުމާ ވިދިގެން ސިކުންތުކޮޅެއްގެ ތެރޭގައި ކާބުލްގެ ވައިގެ ބަނދަރުގެ ނަރުދަމާ ހޮޅިއެއް ފަޅައިގެންގޮސް ފެން މައްޗަށް އަރަން ފެށިއެވެ. މިކަމާ ވިދިގެން އެ ކާނު މަޤްބަރާއަކަށް ވެގެންދިޔައެވެ.
މަރަން ފިލަން ދުވުން
އެންޖީއޯ ޖަމްޢިއްޔާއެއް ކަމުގައި އިމަރޖެންސީ ޖަމްޢިއްޔާގެ ރައީސާ ރޮޒޭލާ މެކްސިއޯ ވިދާޅުވާގޮތުގައި ކާބުލްގައި ހުންނަ އެ ޖަމްޢިއްޔާގެ ހަސްފަތާލު މިހާރު ވަނީ ފުރި ބާރުވެފައެވެ. ވައިގެބަނދަރުން ގެނެވޭ ޒަޚަމީން ގިނަކަމުން މިހާރު ވަނީ އިތުރު އެނދުތައް ބަހައްޓަން ޖެހިފައެވެ. މި ޖަމްޢިއްޔާގެ ވިލަރެސްވެރިއާ އެލްބަރޓޯ ވިދާޅުވާގޮތުގައި ހަސްފަތާލަށް ގެނެވުނު ބައެއް މިހުން ތިބީ ބިރުން ފިތްކެނޑި ވާހަކަދައްކަން ނުކުޅެދުންތެރިވެފައެވެ.
ސަބަބަކީ އެމެރިކާ
ކާބުލް ވައިގެ ބަނދަރުން ސަލާމަތްވި ގިނަ ބަޔަކު މި ޙަމަލާތަކުގެ ޒިންމާ އަޅުވަނީ އެމެރިކާގެ ބޮލުގައެވެ. އަފްޣާން މީހަކު ބުންޏެވެ. "އެމެރިކާއިން އަހުރެމެން ޤައުމުން ބޭރަށް ގެންދަން އުޅުނީ ކީއްވެގެން ހެއްޔެވެ؟ އަހުރެމެން ވައިގެ ބަނދަރަށް ގެންގޮސް ދޫކޮށްލުމުން އަހުރެމެންނަށް ޙަމަލާ ދެވުނީއެވެ." ޚަބަރުތައް ބުނާގޮތުގައި މަރުވި މީހުންގެ ތެރޭގައި އަފްޣާން ސިފައިންގެ ޚާއްޞަ ފައުޖުގެ ހަތަރު މީހަކު ވެސް ހިމެނެއެވެ.



advertisment