ޠާލިބާނުންގެ ސަރުކާރުގެ ކެބިނެޓަށް ވަޒީރުން އިސްކުރަން ފަށައިފިއެވެ. މިގޮތުން ޠާލިބާނުންގެ އިސް ވެރީންގެ ތެރެއިން ދެ ބޭފުޅަކު މާލީ ވަޒީރުކަމަށާއި ދިފާޢީ ވަޒީރުކަމަށް މިއަދު ވަނީ އިސްކޮށްފައެވެ. މާލީ ވަޒީރުކަމަށް އިސްކުރީ ޖޫލް އާޣާ އެވެ. ދާޚިލީ ވަޒީރުކަމުގެ މަޤާމަށް އިސްކުރީ ޞަދްރު އިބްރާހީމެވެ. ދިފާޢީ ވުޒާރާ ހިންގުން ޙަވާލު ކުރެވުނީ ޢަބްދުލްޤައްޔޫމު ޒާކިރާއެވެ. އޭނާއަކީ ގުއަންޓިނާމޯ ޖަލުގައި ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ.
ނަން ހާމަ ނުކުރަން ޝަރްޠު ކުރައްވާ ވާހަކަފުޅު ދެއްކެވި ޠާލިބާނުންގެ ޒަޢީމަކު ހާމަކުރެއްވި ގޮތުގައި "އަހުރެމެން ރިޔާސީ ގަނޑުވަރުގައި ރޭ ބައްދަލުވުމެއް ބޭއްވީމެވެ. ސަރުކާރެއް އެކުލަވައިލުމާމެދު ބަޙުސްކުރީމެވެ." ސަރުކާރުގެ މުހިއްމު މަޤާމުތަކަށް އިސްކުރަމުން ދަނީ ހިލްމަންޑް ސަރަހައްދާއި ދެކުނު ކަންދަހާރު ސަރަޙައްދުގެ ބޭފުޅުންނެވެ. މިދިޔަ ހަފުތާގައި ޙާޖީ މުޙައްމަދު އިދްރީސް ވަނީ މަރްކަޒީ ބޭންކުގެ ގަވަރުނަރުކަމަށް އިސްކޮށްފައެވެ. ޠާލިބާނުންގެ ޒަޢީމަކު ހާމަކުރެއްވި ގޮތުގައި އިދްރީސަކީ މުއްލާ އަޚްތަރު މަންޞޫރުގެ ސަރުކާރުގައި މާލީ އިދާރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މުއްލާ އަޚްތަރު މަންޞޫރު ވަނީ އެމެރިކާއިން 2016ގައި ދިން ޑްރޯން ޙަމަލާއެއްގައި އަވަހާރަކޮށްލައިފައެވެ.
ތުރްކީ ސިފައިން އަފްޣާނިސްތާނުން ފައިބަން ފަށައިފި
ކާބުލްގެ ވައިގެ ބަނދަރު ބެލެހެއްޓުމަށް އަފްޣާނިސްތާނަށް ދިޔަ ތުރްކީ ސިފައިން އެ ޤައުމުން ރޭ ފައިބަން ފަށައިފިއެވެ. ތުރްކީން އަފްޣާނިސްތާނަށް ފޮނުވާފައި ވަނީ 500 ސިފައިންނެވެ.

ތުރްކީގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "ކާބުލްގެ ޙާމިދު ކަރަޒާއި ވައިގެ ބަނދަރު ބެލެހެއްޓުމަށް އަފްޣާނިސްތާނަށް ފޮނުވި ސިފައިން ކާބުލްއިން ފައިބަން ރޭ ފަށައިފިއެވެ." މި ބަޔާނުގައި އައިސްފައި ވެއެވެ. "ތުރްކީ ސިފައިން ޤައުމަށް މި އަންނަނީ އެމީހުންނާ ޙަވާލު ކުރެވުނު މަސައްކަތް ކާމިޔާބުކަމާއެކު އަދާކޮށްފައެވެ." ތުރްކީން 500 ސިފައިން އަފްޣާނިސްތާނަށް ފޮނުވީ ހަނގުރާމަކުރުމުގެ ދާއިރާއާ ގުޅުންނެތް ސަލާމަތީ މަސައްކަތްތައް ކުރުމަށް ޓަކައި ނޭޓޯގެ ބައެއްގެ ގޮތުގައެވެ.
އެމެރިކާ ސިފައިން ފޭބުމަށްފަހު ކާބުލްގެ ވައިގެ ބަނދަރުގައި އަމަންއަމާންކަން ބެލެހެއްޓުމުގެ މަސައްކަތުގައި ބައިވެރިވުމުގެ މަސްއަލައާ ބެހޭގޮތުން ތުރްކީން ވަނީ ޠާލިބާނުންނާއެކު މަޝްވަރާކޮށްފައެވެ.
ތުރްކީގެ ރައީސް އުރްދުގާން ހާމަކުރެއްވި ގޮތުގައި އަންކަރާ އޮތީ އަފްޣާނިސްތާނުގައި މުހިއްމު ދައުރެއް އަދާކުރުމަށް ތައްޔާރަށެވެ. އޭނާ ވިދާޅުވިގޮތުގައި ޠާލިބާނުންގެ ކުރިމަތީގައި ހުރިހާ ދޮރުތަކެއް ހުރީ ހުޅުވިފައެވެ. އުރްދުގާން ވިދާޅުވިއެވެ. "އަންކަރާ ބޭނުންވަނީ އަފްޣާނިސްތާނަށް ހަމަޖެހުން އައުމެވެ."
ތުރްކީގެ ރިޔާސީ ގަނޑުވަރުގެ ތަރްޖަމާނު އިބްރާހީމު ގާލުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. "އަފްޣާނިސްތާނުގެ ރައްޔިތުންގެ ޞުލްޙައަށާއި ފާގަތިކަމަށް ޓަކައި ތުރްކީން ބައިވެރިވާނެއެވެ. ތުރްކީން އަދާކުރާން ޖެހޭ ޙިއްޞާ އަދާކުރާނެއެވެ. "އޭނާ ހާމަކުރެއްވި ގޮތުގައި އަފްޣާނިސްތާނުގައި ތިބި ތުރްކީ ސިފައިން 24 ގަޑިއިރާއި 36 ގަޑިއިރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަފްޣާނިސްތާނުން ބާލައި ނިމޭނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުން އަފްޣާނިސްތާނުގެ އައު ސަރުކާރު ބަލައިގަންނާނީ ކާބުލް ވައިގެ ބަނދަރުގެ ސަލާމަތީ ކަންތައްތައް ޖާމިނުކޮށްދީގެންނެވެ. އަދި މި ވައިގެ ބަނދަރު އަމާންކަމާއެކު ހިންގިގެންނެވެ. ކާބުލް ވައިގެ ބަނދަރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ދައުރު ތުރްކީއަށް ވަކި މުއްދަތަކަށް އަދާކޮށްދެވިދާނެއެވެ. އޭނާ ވިދާޅުވިއެވެ. "ތުރްކީ އޮންނާނީ އަފްޣާން ރައްޔިތުންނާއެކުގައެވެ."



advertisment