އަފްޣާނިސްތާނުގައި އެމެރިކާއިން ކުރަމުން ދިޔަ މަސައްކަތް މި މަސް ނިމޭއިރު ނިންމާލެވޭނެ ކަމަށް ރައީސް ޖޯ ބައިޑްން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި މި މަސައްކަތް މި މުއްދަތުގެ ތެރޭގައި ނިންމައިލެވޭނީ ޠާލިބާނުން ދެމުންގެންދާ އެއްބާރުލުން ކުރިއަށް ގެންދާ ނަމައެވެ.
އަނެއްކޮޅުން ބަލާއިރު ހަތް ދައުލަތުގެ ޖަމާޢަތުގެ ވެރިން އަފްޣާނިސްތާނުން މީހުން ބޭލުމަށް ޓަކައި އަމާން މަގެއް ތަނަވަސްކޮށް ދިނުމަށް ޠާލިބާނުންނަށް ރޭ ގޮވައިލައްވައިފިއެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ރޭ ހާމަކުރެއްވި ގޮތުގައި މި ޖަމާޢަތުން މިހާރު ވަނީ ޠާލިބާނުންނާއެކު މުޢާމަލާތުކުރާނެ ގޮތުގެ ރޭވުމެއް އެކުލަވާލައިފައެވެ. މި ރޭވުމުގައި ހިމެނޭ ފުރަތަމަ ޝަރްޠަކީ 31 އޮގަސްޓްގެ ފަހުން ވެސް އަފްޣާނިސްތާނުން ފައިބަން އެދޭ މީހުންނަށް ފޭބުމުގެ ހުއްދަ ދިނުމެވެ.
މި ޖަމާޢަތުގެ ޒަޢީމުން ދާދިވަރުކޮށް ރޭ ބޭއްވެވި ކުއްލި ބައްދަލުވުމަށްފަހު އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ވިދާޅުވިއެވެ. "އަޅުގަނޑުމެން އެއްބަސްވީ ޠާލިބާނުންނާއެކު މުޢާމަލާތު ކުރާނެ ގުޅިފައިވާ މަންހަޖަކާ ބެހޭގޮތުން އެކަންޏެއްނޫނެވެ. އޭގެ އިތުރަށް ޠާލިބާނުންނާއެކު މުޢާމަލާތު ކުރާނެ މަގު ޗާޓަކަށް ވެސް އެއްބަސްވީމުއެވެ." އޭނާ މި ކަން ސާފުކޮށް ދެއްވަމުން ވިދާޅުވިއެވެ. "31 އޮގަސްޓާ ހަމައަށާއި އަދި އޭގެފަހުން ވެސް އަފްޣާނިސްތާނުން ބޭރަށް ދާން ބޭނުންވާ މީހުންނަށް އަމާންކަމާއެކު ބޭރަށް ދެވޭނެ މަގު ޖާމިނުކޮށް ދޭން ޖެހޭނެއެވެ."
ޖޯންސަން ވިދާޅުވިއެވެ. "ހަތް ދައުލަތުގެ ޖަމާޢަތުގެ އަތުގައި އިޤްތިޞާދީ، ޑިޕްލޮމަސީ އަދި ސިޔާސީ ބާރުތަކެއް އޮތްކަން ޠާލިބާނުން ދަންނަން ޖެހޭނެއެވެ. އަހުރެމެން އުންމީދު ކުރަނީ ޠާލިބާނުންނަށް މި ކަން ވިސްނޭނެ ކަމަށެވެ."
ޖޯންސަން ވިދާޅުވި ގޮތުގައި ޠާލިބާނުންނަށް ވެރިކަން ލިބުމަށްފަހު އެ ޖަމާޢަތަށް ފިއްތުމަށް ޓަކައި "އަހުރެމެންގެ އަތުގައި ވަރަށް ބައިވަރު ފައިސާ އެބަހުރި ކަން" އެ މީހުން ދަންނާން ވާނެއެވެ.

މި ޖަމާޢަތުގެ މެންބަރުން އެއްބަސްވެވަޑައިގެންނެވި ގޮތުގައި އަފްޣާނިސްތާނުގެ އައު ސަރުކާރު ބަލައިގަތުން އޮންނާނީ އެ ސަރުކާރުން ބައިނަލްއަޤްވާމީ ކަށަވެތިވުންތަކަށް އިޙްތިރާމު ކުރާ މިންވަރެއްގެ މަތީގައެވެ. މި އުޞޫލުތަކަށް އިޙްތިރާމު ނުކޮށް އަފްޣާނިސްތާނަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ރައީސް ބައިޑްން މި ޖަމާޢަތުގެ ވެރީންނަށް ހާމަކުރެއްވި ގޮތުގައި މި މަސް ނިމޭއިރަށް އެމެރިކާގެ މަސައްކަތްތައް ނިންމައިލެވޭނެއެވެ. އެހެނަސް ބައިޑްން ހާމަކުރެއްވި ގޮތުގައި އެ ކަން ކުރެވޭނީ ޠާލިބާނުންގެ އެއްބާރުލުން ލިބިގެންނެވެ. ވައިގެބަނދަރަށް ދާން ބޭނުންވާ މީހުންނަށް މަގު އަމާންކޮށްދީގެންނެވެ.
ކުއްލި ޙާލަތަށް ތައްޔާރު
އަނެއްކޮޅުން ވައިޓްހައުސް ބުނާގޮތުގައި ރައީސް ބައިޑްންގެ ތާވަލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ބަދަލެއް ހޯދުމަށް ތައްޔާރުވުމަށް ދިފާޢީ ވުޒާރައަށާއި ޚާރިޖީ ވުޒާރާއަށް ބައިޑްން އަންގަވައިފިއެވެ. މިހާތަނަށް ބަލާއިރު އެމެރިކާއިން ވަނީ އަފްޣާނިސްތާނުން 70 ހާސް މީހުން ބާލައިފައެވެ. ރައީސް ބައިޑްން ވިދާޅުވިގޮތުގައި ހުޅަނގުގެ މީހުންނާއި އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއެކު އެއްބާރުލީ މީހުން ބޭލުމަށް ޓަކައި މިހާރު އެޅިފައިވާ ޖައްވީ ފާލަން އަވަހަށް ރޫޅަން ޖެހޭނެއެވެ. އެއީ ކާބުލްގެ ވައިގެ ބަނދަރަށް ދެވިދާނެ ޙަމަލާތަކުން ރައްކައުތެރިވުމަށް ޓަކައެވެ.
ޖަރްމަނުގެ މުސްތަޝާރާ އެންޖެލާ މަރކްލް ހާމަކުރެއްވި ގޮތުގައި ރޭގެ ސަމިޓްގައި ރައީސް ބައިޑްން ފޭބުމާބެހޭ އައު ތާރީޚެއް ނުދެއްވައެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާ ނުލައި އަފްޣާނިސްތާނަކުން ނުފޭބޭނެއެވެ. ހަތް ދައުލަތުގެ ޖަމާޢަތުގައި ހިމެނެނީ: އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރްމަނާއި އިޓަލީއާއި ކެނެޑާއާއި ޖަޕާނެވެ.
ފޮރިން ޕޮލިސީ މަޖައްލާ ބުނާގޮތުގައި އަފްޣާނިސްތާނުގައި މިހާރު ބާކީ ތިބީ އެމެރިކާގެ އެންމެ ހަ ހާސް މީހުންނެވެ.
އިނގިރޭސިވިލާތުން ބުނާގޮތުގައި އަފްޣާނިސްތާނުގައި ތިބި އެ ޤައުމުގެ މީހުން 24 ގަޑިއިރާއި 36 ގަޑިއިރާ ދެމެދުގައި ވަގުތުކޮޅެއްގެ ތެރޭގައި ބާލައި ނިމޭނެއެވެ.
އަނެއްކޮޅުން ޠާލިބާނުންގެ ތަރްޖަމާނު ޛަބީޙުﷲ މުޖާހިދު ވިދާޅުވާގޮތުގައި މިހާރު ދެވިފައިވާ މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ. އެމެރިކާ ސިފައިން 31 އޮގަސްޓްގައި ފައިބާ ނިންމަން ޖެހޭނެއެވެ. ޠަލިބާނުން ބުނާގޮތުގައި އެމީހުން މިހާރު ވަނީ ކާބުލްގެ ވައިގެ ބަނދަރަށް ދެވެން އޮންނަ މަގު ބަންދުކޮށްފައެވެ. ޠާލިބާނުން ބުނާގޮތުގައި ވައިގެ ބަނދަރަށް ދެވޭނީ ބޭރު މީހުންނަށެވެ. އަފްޣާން މީހުންނަކަށް ނުފުރޭނެއެވެ.



advertisment