އީރާނުގެ ތެޔޮ ބޯޓެއް ލުބްނާނަށް ދާން ފުރައިފި ކަމަށް ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އަމީނު ޢާއްމު ޙަސަން ނަޞްރުﷲ މި ދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ. އޭނާ ވަޢުދުވެވަޑައިގެންނެވި ގޮތުގައި މިފަދަ އިތުރު ބޯޓުތައް ތެޔޮ އަރުވައިގެން ލުބްބާނަށް އަންނަން ފަށާނެއެވެ. އެއީ ލުބްނާނާ ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ޙައްލުކޮށް ދެއްވުމަށް ޓަކައި އޭނާ ކުރައްވާ މަސައްކަތްޕުޅެއް ކަމަށް ނަޞްރުﷲ ވިދާޅުވިއެވެ.
ޙަސަން ނަޞްރުﷲ ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި އެމެރިކާއިން ވަނީ ލުބްނާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. ލުބްނާނުގެ ދާޚިލީ މަސްއަލަތަކުގެ އިތުރަށް ލުބްނާނު ވަނީ ބޭރުން ވެސް ޙިޞާރުކުރެވިފައެވެ.
ޢާޝޫރާ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން، ލުބްނާނުގައި ހުންނަވާ އެމެރިކާގެ ސަފީރާ ޑޮރްތީ ޝިޔާ އަށް ޙަމަލާ ދެއްވާ ނަޞްރުﷲ ވިދާޅުވިއެވެ. "އޭނާ ވަޢުދުތަކަކުން އަހުރެމެން ވިއްކައިލައިފިއެވެ. މި ވަޢުދުތައް ޙަޤީޤަތަކަށް ވެއްޖެނަމަ ޙިޞާރު ނައްތައިލުމުގައި އަހުރެމެންނަށް ކާމިޔާބު ލިބިއްޖެކަމަށް ބަލާނޫއެވެ."
ލުބްނާނާ އިޤްތިޞާދީ ދަތިތަކަކާ ކުރިމަތިވަމުންދާތާ ދެ އަހަރުވެއްޖެއެވެ. މިއީ އެ ޤައުމުގެ ޒަމާނީ ތާރީޚުގައި މީގެކުރިން ދެކެފައިނުވާ ދަތި މަސްއަލައެކެވެ. މިކަމުގެ ސަބަބުން އެ ޤައުމުގައި ވަނީ ބޭހާއި މުދަލުގެ އަގުތައް އަތްނުފޯރާ މިންވަރަށް މައްޗަށް ގޮސްފައެވެ. މަރްކަޒީ ސަރުކާރުން ވިޔަފާރިވެރީންނަށް ބޭނުންވާ ބޭރު ފައިސާ ނުދިނުމުގެ ސަބަބުން އެ ޤައުމުގެ ބާޒާރުގައި ޑޮލަރުގެ އަގުވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
ލުބްނާނަށް ދާ ބޯޓު ކޮބާ؟
ޙަސަން ނަޞްރުﷲ އިއްޔެ ވިދާޅުވިގޮތުގައި ތެލުގެ ތަފާތު ބާވަތްތައް ހިފައިން ދެވަނަ ބޯޓެއް ދެތިން ދުވަހުގެ ތެރޭގައި އީރާނުން ފުރާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ފުރަތަމަ ބޯޓު ލުބްނާނަށް އަންނަން ދަތުރު ފަށައިފިއެވެ. އޭނާ ވިދާޅުވިއެވެ. "މައުޟޫޢަކީ އެއް ބޯޓު ދެ ބޯޓެއްނޫނެވެ. ލުބްނާނުގެ ޙާލަތު މި ގޮތުގެ މަތީގައި ދެމި އޮތްނަމަ އަދި ލުބްނާނަށް ތެލުގެ ބާވަތްތައް ބޭނުންވާނަމަ އަހުރެމެން މި ރާސްތާގައި ކުރިއަށް ދާނަމެވެ."
އޭނާ ވިދާޅުވިއެވެ. "މިއީ ލުބްނާނަށާއި ލުބްނާނު މީހުންނަށް ޓަކައި ކުރާ ކަމެކެވެ. އެއީ ޙިޒްބުﷲއަށް ނުވަތަ ޝީޢީންނަށް ނުވަތަ ވަކި ސަރަޙައްދަކަށް ޚާޢްޞަ އެއްޗެއްނޫނެވެ. ބޭނުމަކީ ލުބްނާނީންނަށް އެހީވުމެވެ. ވަކި ބަޔަކު އެއްލާލައިފާ ވަކި ބަޔަކަށް އެހީވުމެއްނޫނެވެ."
ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އީރާނުގެ ތެޔޮ ބޯޓު ސުވޭސް ކެނެލް މަގުން ދަތުރުކުރާނަމަ އަށް ދުވަހާއި 12 ދުވަހުގެ ތެރޭގައި އެ ބޯޓަށް ލުބްނާނަށް ދެވޭނެއެވެ. އެހެނަސް މި ބޯޓު ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށަލައިފާ ދަތުރު ކުރާނަމަ އެ ބޯޓަށް ލުބްނާނަށް ދެވޭނީ 40 ދުވަހުންނެވެ. ޢާއްމު ގޮތެއްގައި އީރާނުގެ ބޯޓުތައް ލުބްނާނަށް ދަތުރު ކުރަނީ އީރާނުން ހުރްމުޒު ކަނޑު އޮޅިން، ބާބުލްމަންދަބުން ރަތްކަނޑުން ސުވޭސް ކެނެލުން ލައިފައެވެ.
އީރާނުގެ ބޯޓުފަހަރު ސުވޭސް ކެނެލުން ދަތުރު ކުރުމާ ބެހޭގޮތުން 2019ގައި ސުވޭސް ކެނެލާ ބެހޭ އިދާރާގެ ތަރްޖަމާނު ޠާރިޤު ޙަސަނައިން ވިދާޅުވިއެވެ. "ކޮންމެ ޤައުމެއްގެ ކޮންމެ އުޅަނދަކަށް ވެސް ސުވޭސް ކެނެލުން ދަތުރު ކުރެވޭނެއެވެ." އޭނާ ވިދާޅުވިގޮތުގައި ސުވޭސް ކެނެލުން ދަތުރު ނުކުރެވޭނީ "މިޞްރާ ދެކޮޅަށް ހަނގުރާމަ ކުރާ ޤައުމެއްގެ ދިދނަގައިގެން ދަތުރު ކުރާ އުޅަނދުފަހަރަށާއި ފަންނީ މަސްއަލައަކާ ހުރެ ދަތުރު ކުރުން މަނާކުރަން ޖެހޭ އުޅަނދުތަކަށެވެ."

ލުބްނާނުގައި ތެޔޮ ކިޔޫ
އިސްރާއީލުގެ ހާއާރްތިޒް ދުވަހު ނޫސް ބުނާގޮތުގައި ލުބްނާނަށްދާ އީރާނުގެ ތެޔޮ ބޯޓަށް ސުވޭސް ކެނެލް ހުރަސް ކުރެވިއްޖެނަމަ އެއީ ޙިޒްބުﷲއަށް ލިބުނު ކާމިޔާބީއެކެވެ. އެކަމުގެ ސަބަބުން ފާރަނުލުވޭ މަގަކުން ލައިފާ އީރާނުން ލުބްނާނަށް ދަތުރު ކުރެވޭނެ މަގެއް ތަނަވަސްވެގެންދާނެތީއެވެ. މިއީ ޙިޒްބުﷲއަށް ޙާޞިލުކުރެވުނު އަރުތައެއްކަމަށް އިސްރާއީލުން ބުނެއެވެ. އަދި މިއީ މިޞްރާ އިސްރާއީލުގެ އަޖުމަ ބަލައިލުމަށް ޙިޒްބުﷲއަށް ހުޅުވުނު މައިދާނެކެވެ.
މި ނޫސް ބުނާގޮތުގައި މިޞްރާއި އިސްރާއީލުން ވެސް މިކަމާމެދު ވިސްނާނެއެވެ.
މި ނޫސް ބުނާގޮތުގައި 2006ވަނަ އަހަރުގެ ލުބްނާނު ހަނގުރާމައަކީ އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެނެޓަށް ނަފްސާނީ ގޮތުން ވަރަށް ނުބައި އަސަރުތަކެއް ކޮށްފައިވާ ހާދިސާއެކެވެ. އެއީ އީހޫދު އޮލްމަރޓްގެ ސަރުކާރަށް ލިބުނު ނިސްބީ ނާކާމިޔާބެކެވެ.
އޮޅުވައިލުން
ތެލާއި ގޭހާ ބެހޭ ތަޖްރިބާކާރެއް ކަމުގައިވާ ލޯރީ ހޭޓިއާނާ ހަވާލާދީ ލުބްނާނުގެ އައްނަހާރު ދުވަހު ނޫސް ބުނާގޮތުގައި ބައެއްފަހަރަށް ބޯޓުފަހަރު ޖަބަލް ޠާރިޤު (ޖިބްރޯލްޓަރ) މަގުން ދަތުރުކުރަނީ އޮޅުވައިލުމަށް ޓަކައެވެ. އެހެނަސް އޭނާ ލަފާކުރައްވާ ގޮތުގައި އީރާނުގެ މި ބޯޓު ދަތުރުކުރާނީ ކުރުމަގުން ސުވޭސް ކެނެލުންނެވެ.
ހޭޓިއާން ވިދާޅުވިއެވެ. "މި ބޯޓު މި ދަތުރު ކުރަނީ މުޅި ކައުނަށް ގޮންޖަހަމުންނެވެ. އެހެންކަމުން މި ބޯޓު ލަފާނީ ބައިރޫތު ބަނދަރަށް ކަމެއް ނުވަތަ އެހެން ބަނދަރަކަށް ކަމެއް ނޭނގެއެވެ."
މި ބޯޓުގެ ސަބަބުން ލުބްނާނަށް ދަތިކުރުމުގެ ފިޔަވަޅެއް ތަޙައްމުލު ކުރަން ޖެހިދާނެތީ މި ބޯޓުގެ މުދާ ސޫރިޔާގެ ބަނދަރަކަށް ބާލައިފާނެކަމުގެ ސީނާރިއޯ ވެސް އެބަ އޮތެވެ.ހޭޓިއާން ބުރަވެވަޑައިގަންނަވާ ގޮތުގައި ލުބްނާނުގެ ހަކަތައާބެހޭ ވުޒާރާއަށް އެއްވެސް ބުރައެއް ނުޖެހޭގޮތަށް މި ބޯޓުން މުދާ ބޭލޭނެކަމަށް ލަފައެއް ނުކުރެއް ވެއެވެ. މި ބޯޓާއި މި ބޯޓުގައި ހުރި މުދަލަކީ އެމެރިކާގެ ޢުޤޫބާތަށް ހާސާ ވެފައިވާ އުންޞުރުތަކެކެވެ. މިހެންވެ، މި ބޯޓާއެކު މުޢަމަލާތު ކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަކީ ވަރަށް ކައިރި ކަމެކެވެ. އެހެންކަމުން މި ބޯޓުން މުދާ ބޭލުމާއި އެ މުދާ ގުދަންކުރުމާއި އެ މުދާ ބެހުމާއި އެ މުދާ ބޭނުންކުރުން މި ވަނީ އަސާސީ ހުރަހަކަށް ވެފައެވެ.
އެހެނަސް ޢަސްކަރީ ތަޖްރިބާކާރެއްކަމުގައިވާ ރިޓަޔަރޑް ބްރިގެޑިއަރ ޝަރލް އަބީ ނާދިރު ވިދާޅުވާ ގޮތުގައި "އީރާނާ ދެކޮޅަށް ފިޔަވަޅުއަޅައިފައިވަނީ އެމެރިކާއިންނެވެ. އެއީ ބައިނަލްއަޤްވާމީ ފިޔަވަޅެއްނޫނެވެ. އެއީ އދން އަޅާފައިވާ ފިޔަވަޅެއް ވެސް ނޫނެވެ. "އޭނާ ވިދާޅުވާ ގޮތުގައި އީރާނުގެ މި ބޯޓަށް ޙަމަލާއެއް ދިނުމަކީ ވަރަށް ދުރުކަމެކެވެ. "މި ބޯޓުގައި މަނާ އެއްވެސް މުދަލެއްނެތެވެ. މި ބޯޓުގައި ނިޔުކްލިއަރ އެއްވެސް މާއްދާއެއް ނެތެވެ. އެހެންވީމާ މި ބޯޓަށް ޙަމަލާދިނުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ." އޭނާ ވިދާޅުވިއެވެ. "މި ބޯޓާއެކު މުޢާމަލާތު ކުރާ ޤައުމުތަކާ ދެކޮޅަށް އެމެރިކާއަށް ފިޔަވަޅު އެޅިދާނެއެވެ. އެހެނަސް މި ބޯޓަށް ޙަމަލާއެއް ނުދެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތގައި އީރާނުން ޗައިނާ ވެސް އަދި އިންޑިއާ ވެސް ތެޔޮ ގަނެއެވެ.
ނަޞްރުﷲ މި ބޯޓަކީ ލުބްނާނުގެ ބިމެކޭ ވިދާޅުވުމުން އެއިން އެނގެނީ އެއީ އިސްރާއީލާއެކު ބާރުގެ ތިލަފަތް ތަވާޒުނު ކުރެއްވުމެކެވެ.
އަބީ ނާދިރު ވިދާޅުވިގޮތުގައި އަހުރެމެން އިންތިޒާރު ކުރަން ޖެހޭނީ ލުބްނާނު ސަރުކާރުގެ ނިންމުމަށެވެ. އެ ސަރުކާރުން މި ބޯޓާ އިސްތިޤްބާލު ނުކުރުމަށް ނިންމައިފިނަމަ އެ ބޯޓަށް ލުބްނާނަކަށް ނުލެފޭނެއެވެ. އެ ބޯޓު ލަފައިފިނަމަ އެ ޢަމަލު ވާނީ ލުބްނާނުގެ ސިޔާދަތާ ޚިލާފު ކަމަކަށެވެ. އޭރުން ކަނޑުގެ ބާރުތަކަށް އެ ބޯޓާ ދެކޮޅަށް ފިޔަވަޅު އެޅިދާނެއެވެ.

ޙަރީރީ ނަޞްރުﷲގެ ނިންމެވުމާ ދެކޮޅު ހައްދަވާ
އިނގިރޭސިވިލާތުގެ މިޑްލްއީސްޓް އައި ބުނާގޮތުގައި "އިސްރާއީލުން މި ބޯޓަށް ހަމަލާދީފިނަމަ ނުވަތަ އެމެރިކާއިން މި ބޯޓަށް ހުރަސްއަޅައިފިނަމަ އެ ކަން ވާނީ ޙިޒްބު ﷲއަށް ލިބުނު ކާމިޔާބީއަކަށެވެ. އޭރުން އެމީހުން މުޅި ދުނިޔެ ލުބްނާނު ޙިޞާރުކުރަމުންދާ ކަމަށް ބުނާނެއެވެ."
ޙިޒްބުﷲގެ ވާދަވެެރީން މި ކަމާ ދެކޮޅު ހަދާ
އީރާނުން ތެޔޮ ގެނެއުމަށް ޙިޒްބުﷲ ޖަމާޢަތުން ނިންމުމުން ލުބްނާނުގެ ސިޔާސީ ބައެއް ބޭފުޅުން އެކަމާ ދެކޮޅު ހެއްދެވިއެވެ. "މުސްތަޤްބަލުގެ އޮއިވަރު "ޕާޓީގެ ރައީސް ސަޢުދުލް ޙަރީރީއާއި "ލުބްނާނުގެ ބާރުތައް" ޕާޓީގެ ރައީސް ސަމީރު ޖަޢުޖަޢު ޙިޒްބުﷲގެ މި ޢަމަލު ކުށްވެރި ކުރައްވައެވެ. އެހެނަސް ލުބްނާނުގެ ރައީސް މިޝޭލް ޢައުނު މި ކަމާ ދެކޮޅަށް އެއްވެސް ކޮމެންޓެއް ނުކުރައްވައެވެ. ޙަރީރީ ވިދާޅުވާ ގޮތުގައި އީރާނުގެ މި އެހީއާއެކު ލުބްނާނަށް ނުރައްކާތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އަންނާނެއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި މިއީ ލުބްނާނުގައި ސަރުކާރެއް ޤާއިމުވިޔަ ނުދިނުމަށް އީރާނުން ކުރާ މަސައްކަތެކެވެ.
ޖަޢުޖަޢު ވިދާޅުވާ ގޮތުގައި ޙިޒްބުﷲގެ މި ޢަމަލަކީ ޣައިރު ޤާނޫނީ ކަމެކެވެ. މި ކަމުގެ ސަބަބުން ލުބްނާނު ޙަޤީޤީ ކާރިސާއަކަށް ހާސާވެގެންދާނެއެވެ.



advertisment