Support Us

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްތެރެ ތޮއްޖެހިފައި.... -އަދިވެސް ފޮޓޯ

ވެލާނާ އެއާޕޯޓު ތޮއްޖެހި، ޓްރޮލީތައް ހުސްވެ، ފޮށިތައް ކޮނޑަށް ލައިގެން އުފުލަނީ

ވެލާނާ އެއާޕޯޓުގެ އެކި ދިމަދިމާލަށް ބަލައިލާއިރު ފެންނަނީ ޓްރޮލީތައް ބަރުކޮށްގެން، އޭގެ ވަށައިގެން ތިބޭ އިންޑިއާ މީހުންތަކެވެ. ބައެއް މީހުން ނިދައިފައެވެ. އަނެއް ބަޔަކު އަރާމުކުރާށެވެ. އެ މީހުން އިންތިޒާރުކުރަމުން ދަނީ އެ މީހުންގެ ހޮޓާ ނުވަތަ ގެސްޓް ހައުސް އިން ބަލައި އަންނާނެ އިރަކަށެވެ. ހެނދުނުގެ ފްލައިޓުތަކުން އަންނަ މީހުން ބައެއް ރޭރޭ ވަރަށް ދަންވާއިރު ވެސް ހޮޓަލަށް ނުދެވިފައި އެބަތިބެންޖެހެއެވެ.

ކަރަންޓީނަށް އިންޑިއާއިން އަންނަ ފަތުރުވެރިންތައް ތޮއްޖެހި، ޓްރޮލީތައް ހުސްވެ، ވެލާނާ އެއާޕޯޓުގެ ޓާމިނަލްތެރޭގައި ފޮށިތައް ކޮނޑަށް ލައިގެން ދެކޮޅަށް ދުވާ މީހުން ކޮންމެ ދުވަހަކުހެން މިހާރު ފެނެއެވެ. މެދުއިރުމަތީގެ ގައުމުތަކުގެ ވަޒީފާތަކަށް އެނބުރި ދިއުމަށްޓަކައި، އިންޑިއާއިން ބޭރުގައި ކޮވިޑް19ގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްޓަކައި ދުވާލަކު އެތައް ސަތޭކަ ބަޔަކު ރާއްޖެ އަންނަމުންދާއިރު، އެ މީހުންނަށް ވެސް އަދި އެހެން ފަސިންޖަރުންނަށް ވެސް އެކަށީގެންވާ ހިދުމަތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކުން މިހާރަކު ނުދެވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްތެރެ ތޮއްޖެހިފައި…. -އަދިވެސް ފޮޓޯ

އިންޑިއާގެ އެކި މަންޒިލްތަކުން ދުވާލަކު ހައެއްކަ ފްލައިޓުގައި (ފްލައިޓެއްގައި 250 މީހުން) ރާއްޖެއަށް މީހުން ގެނެސް އޮއްސާއިރު، ބައެއް މީހުން އަންނަނީ ބުކިންސް ވެސް ނުހަދައެވެ. އަނެއް ބަޔަކަށް ހަދައިދީފައި އޮންނަނީ ފޭކު ބުކިންއެކެވެ. މި ކަހަލަ ތަފާތު ސަބަބުތަކާހުރެ، އެއާޕޯޓުގައި ވަރަށް ގިނައިރު އެ މީހުން ތިބެންޖެހެއެވެ. އެ މީހުން ރާއްޖެ އަންނަނީ ކަރަންޓީނުގެ 15 ދުވަސް ހޭދަކުރުމަށްފަހު، މެދުއިރުމައްޗަށް ދާން ކަމަށްވާތީ، ބައެއް މީހުން އަންނަނީ އާއިލާއާ ވެސް އެކުގައެވެ. އެހާ ގިނަ ފޮށިތަންމަތިވެސް ހިފައިގެންނެވެ. އެ ހުރިހާ ފޮށިތަންމައްޗެއް ޓްރޮލީތަކަށް ލައިގެން، ގިނައިރުތަކެއް ވަންދެން ޓްރޮލީތައް ބްލޮކޮށްފައި ބަހައްޓަންޖެހުމުން، ފުރާ މީހުންނަށް ވެސް އަދި އަންނަ އެހެން މީހުންނަށް ވެސް ޓްރޮލީ ލިބުން މިހާރު އޮންނަނީ ވަރަށް ދަތިކަމަކަށް ވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރަނީ ހައެއްކަ ސަތޭކައެއްހާ ޓްރޮލީއެވެ. ފުރާ މީހުން ވެސް އަންނަ މީހުން ބޭނުންކުރަނީ އެ ޓްރޮލީތަކެވެ. ނަމަވެސް، ދުވާލަކު ފަސް ހާސް އަދި ބައެއް ދުވަސްދުވަހު ހަ ހާސް ފަތުރުވެރިން އަންނައިރު، ޓްރޮލީ ލިބުމުގެ ދަތިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޓްރޮލީ ނުލިބިގެން ބައެއް މީހުން ކޮނޑުގައި ފޮށިތަންމަތި އުފުލަނީވެސް މަދެއްކޮށެއް ނޫނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްތެރެ ތޮއްޖެހިފައި…. -އަދިވެސް ފޮޓޯ

ކަރަންޓީނަށް އިންޑިއާއިން އަންނަ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖްތަކެއް ގެސްޓްހައުސުތަކުން ވަނީ ތައާރަފުކޮށްފައެވެ. އެއީ ބޮލަކަށް ދުވާލަކަށް 120 ޑޮލަރެވެ. ރާއްޖޭގައި މަދުވެގެން 15 ދުވަހު ތިބެންޖެހެއެވެ. އެހެންކަމުން، ކޮޓަރިއެއްގައި އަށް މީހުން ބައިތިއްބާ ގެސްޓްހައުސްތައް ވެސް ބައިވަރެވެ. މާލެ އާއި ރަށްރަށުގައެވެ. އަށް މީހުންގެ ގްރޫޕަކުން ކަރަންޓީނު ނިންމައިފައި ދަނީ 14،400 ޑޮލަރު (ގާތްގަނޑަކަށް 245،000ރ) ދީފައެވެ. މި ފައިސާ ހުންނަނީ އެ މީހުންގެ އެޖެންޓުން ކުރިން ފޮނުވައިފައެވެ. މާލެތެރޭގަ އާއި ރަށްރަށުގައި އިންޑިއާ މީހުންތައް މަގުމަތިވެގެން އެ އުޅެނީ އެހެންވެގެންނެވެ.

ވެލާނާ އެއާޕޯޓުން މިހާރު ފެންނަ އަނެއް މަންޒަރަކީ ފުރޮޅުގޮނޑި (ވީލްޗެއަރ) ގައި އުޅޭ އިންޑިއާ މީހުންތަކެވެ. ހަގީގަތުގައި ވީލްޗެއަރގެ ހިދުމަތް ދެނީ ކޮންމެހެން އޭގެ ހިދުމަތް ބޭނުންވާ ބަލި މީހުންނަށް ކަމަށް ވިޔަސް، އިންޑިއާ އިން އަންނަ އަދި ފުރާ ވަރަށް ގިނަ ބަޔަކު މިހާރު ވީލްޗެއަރގެ ހިދުމަތް ބޭނުންކުރެއެވެ. އެކަމަށް ޑިމާންޑް ކުރެއެވެ. އޭގެ ސިއްރަކީ، ވީލްޗެއަރ އަކަށް އެރުމުން، ކިއޫގައި ނުޖެހި އިމިގްރޭޝަން މަރުހަލާ ވަރަށް އަވަހަށް ނިންމާލެވޭތީއެވެ. ފުރާއިރު ވެސް އަދި އަންނަ އިރު ވެސް ބޮޑު ކިއޫއެއް އޮންނަ ދުވަހެއް ވިއްޔާ ވީލްޗެއަރއަށް އަރަން ބޭނުންވާ މީހުން ވަރަށް ގިނަވެއެވެ. އެ ސަބަބާ ހެދި، ވީލްޗެއަރގެ ހިދުމަތް ކޮންމެހެން ދޭންޖެހޭ ބަލި މީހާއަށް މިހާރު އޮންނަނީ ވީލްޗެއަރ ވެސް ނުލިބިފައެވެ. ވެލާނާ އެއާޕޯޓުގައި ބޭނުންކުރަނީ ދޮޅަހަކަށް ވީލްޗެއަރއެވެ. (އެހެން ގައުމުތަކުގައި ވެސް ވީލްޗެއަރގެ ހިދުމަތަކީ މެޑަފޯމް ފުރައިގެން، އުސޫލުތަކެއްގެ ދަށުން ދޭ އެއްޗެކެވެ.)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްތެރެ ތޮއްޖެހިފައި…. -އަދިވެސް ފޮޓޯ

ވެލާނާ އެއާޕޯޓު ތޮއްޖެހުމުންދާއިރު، ފަސިންޖަރުންނަށް އާންމު ހިދުމަތްތައް ދިނުމަށް އެކަށީގެންވާ ވަރަށް މުވައްޒަފުންނެއް ވެސް ނެތެވެ. އެހެންވެ ތިބި ބަޔަކަށް މަސައްކަތް ކުރަންޖެހިފައި ވަނީ ވަރަށް ބުރަކޮށެވެ. އެހާ ބުރަކޮށް މަސައްކަތް ކުރަމުންދާއިރު ވެސް 2019 ވަނަ އަހަރުގެ ބޯނަސް ފައިސާ ނުދިނުމުގެ އިތުރުން މުވައްޒަފުންގެ ޔުނީފޯމު ނުދޭތާ ވެސް ދެ އަހަރު ވަނީ ވެފައެވެ. ނަމަވެސް، ކުންފުނި ހިންގަން ކަމަށް ބުނެ، އިސް މަގާމުތަކަށް ބޮޑު މުސާރައިގައި ބިދޭސީން ގެނެސް، ވަކި ބަޔަކަށް ފައިދާތަކެއް ހޯދައިދެމުންދާތީ ގިނަ މުވައްޒަފުން ތިބީ މާޔޫސްވެ، ޝަކުވާއިން ފުރިފައެވެ. ހައްލެއް ބޭނުންވެފައެވެ.

މި ލިއުމަށް އެމް.އޭ.ސީ.އެލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، ފޯނަށް ޖަވާބު ނުދެއްވާތީ އަދި ވަނީ ކާމިޔާބުނުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ހުރިހާތަނެއް މިދަނީ ނާގާބިލު ޅިޔަން ފަހަރިންނާއި އެކްޓިވިސްޓުން ނަށް ވަޒީފާދޭން ހަދައިގެން ހަލާކުވަމުން

  2. ކޮބާ މިހާރު ކޮވިޑުގެ ވާހަކަ އެ އްވެސް ނެތް ދޯ ގައިމު އެންމެ ނުރައްކާ ވޭރިއެންޓް އޮތްތަނުން އަންނަ މީހުން މެދު އިރުމަތީ ގައުމުތަކަށްވުރެ މިގައުމު ގަދައީތަ؟

  3. ފެހި އުރަފަތް ލީ ކަންނެލި އުޅޭނެ. ތި ބޭނުންވާ ހުރިހާ މައުލޫމާތު ފޯރުކޮށްދެވޭ ވަރުގެ ބޭފުޅެއް އެއީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *