ސުޢޫދީ ޢަރަބިއްޔާގެ ތަޢުލީމީ މަންހަޖުތަކުގައި ހިމެނޭ 89 ފޮތަކަށް 120 ހާސް އިޞްލާޙު ގެނެވިފައިވާކަން ސުޢޫދީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޙަމަދު އާލުއްޝައިޚު ހާމަކުރައްވައިފިއެވެ. މިއަހަރު 34 ފޮތަކާއި މަންހަޖެއް އައު ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސުޢޫދީ ތަޢުލީމާ ބެހޭ ވަޒީރު މިކަން ހާމަކުރެއްވީ އިންފޮމޭޝަން ވަޒީރު ޑރ. މާޖިދުލް ޤަޞަބީއާއެކު ވެރިރަށް ރިޔާޟުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ކޮރޯނާގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަސްވަންދެން މަދުރަސާތަކަށް ސީދާ ޙާޒިރުވެގެން ކިޔަވާ ދިނުން ހުއްޓާލައިފައި ބޭއްވުމަށްފަހު މި އަހަރު ކިޔެވުން ފެށޭނީ ސީދާ މަދުރަސާތަކަށް ދަރިވަރުން ޙާޒިރުވެގެންނެވެ. އޮގަސްޓް 29ގައި ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އަހަރު މި ފެށެނީ އައު މަންހަޖުތަކަކާ އެކުގައެވެ. މި އަހަރު ފެށޭ ދިރާސީ އަހަރުގައި ތިން ޓަރމް ހިމެނޭނެއެވެ.
ސުޢޫދީ ޢަރަބިއްޔާގައި އައު ދިރާސީ އަހަރުގައި ޔުނިވަރސިޓީތަކާއި ޕޮލިޓެކްނިކަލް ކޮލެޖްތަކާއި މެދުމަދުރަސީ ތަޢުލީމުދޭ މަދްރަސާތަކާއި ސާނަވީ މަދްރަސާތަކުގައި ކިޔަވާ ދިނުން އޮންނާނީ ކޮރޯނާ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ސީދާ ޙާޒިރުވެގެންނެވެ. އެހެނަސް ފަށާ ތަޢުލީމުގެ މަދަރުސާތަކާއި ކުޑަކުދީންގެ ބަގީޗާތަކުގެ ދަރިވަރުންނަށް ކިޔަވާދިނުން އޮންނާނީ ނެޓް މެދުވެރިކޮށް ދާދިވަރުކޮށްނެވެ. މި ދެ މަރްޙަލާގެ ދަރިވަރުން ވެސް އޮކްޓޫބަރުމަސް ނިމޭކޮޅުގައި ސީދާ ޙާޒިރު ކުރުވައިގެން ކިޔަވާދޭން ފެށޭނެއެވެ.
ސުޢޫދީ އިންފޮމޭޝަން ވަޒީރު ޑރ. އަލްޤަޞަބީ ހާމަކުރެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާގައި 11 މިލިއަން މީހަކަށް ދެ ޑޯޒު ދީފިއެވެ. އަދި 21 މިލިއަން މީހަކަށް އެއް ޑޯޒު ދީފިއެވެ.



advertisment