Support Us

ބޯޅަ އޮތީ ޠާލިބާނުންގެ ކޮޅުގައި: ރައީސް ބައިޑްން

ޠާލިބާނުން އެމީހުންގެ ޙަރަކާތުގެ އަސާސީ އުޞޫލުތައް ބަދަލުކޮށްފި ކަމަށް އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން މިއަދު ވިދާޅުވެއްޖެއެވެ. އޭ.ބީ.ސީ ނޫސް ވިޔުގައަށް ދެއްވި ބަޔާނެއްގައި ބައިޑްން ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ މުޖްތަމަޢުން އެމީހުން ބަލައިގަތުމަށް އެދޭނަމަ އެމީހުންގެ އަސާސީ އުޞޫލުތަކަށް ބަދަލު ގެންނާން ޖެހޭނެއެވެ."

ޠާލިބާނުން އެމީހުންގެ ކުރީގެ އުޞޫލުތަކަށް ބަދަލުގެނެސްފިތޯ ދެންނެވުމުން ބައިޑްން ވިދާޅުވިއެވެ. "ނޫން! އަޅުގަނޑަށް ހީވާގޮތުގައި އެމީހުންގެ ސަރުކާރަކީ ޤާނޫނީ ސަރުކާރެއްތޯ ބަލައިގަތުމުގެ މަސްއަލައިގައި އެމީހުންނާ ވަނީ މަސްއަލަތަކެއް ކުރިމަތި ވެފައެވެ." އޭނާ ވިދާޅުވިއެވެ. "ފެންނަ ފެނުމުގައި އެމީހުން އަދިވެސް ތިބީ އެމީހުންގެ ގޮތުގައެވެ."

ބައިޑްން ވިދާޅުވިއެވެ. "އަފްޣާނިސްތާނަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށް ޓަކައި ޠާލިބާނުންނަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަ ޖެހެއެވެ."

ބައިޑްން ވިދާޅުވިއެވެ. "އެމީހުންގެ އަތުގައި ކާބޯތަކެތި ހުރިތޯ ބަލަންޖެހޭނެއެވެ. އެމީހުންނަށް އަމްދަނީއެއް ލިބޭނީ ކިހިނަކުންތޯ ވިސްނަންޖެހޭނެއެވެ. ޤައުމުގެ އިޤްތިޞާދު ހިންގާނެ ގޮތަކާމެދު ވިސްނަން ޖެހޭނެއެވެ. މުޖްތަމަޢުގެ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި އެ މީހުންނަށް އެއިން އެއްވެސް ކަމެއް ނުކުރެވޭނެއެވެ."

ބައިޑްން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަންހެނުންގެ ޙައްޤުތައް ޖާމިނުކޮށްދިނުމަށް ޓަކައި އިޤްތިޞާދީ އަދި ސިޔާސީ ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެއީ ޢަސްކަރީ ބާރަކުން ޙައްލު ކުރެވޭނެ ކަމެއްނޫނެވެ."

ޠާލިބާނުންގެ ވަޢުދުތައް

އަނެއްކޮޅުން ޠާލިބާނުން ބުނާގޮތުގައި އެ ޙަރަކާތުން އެހެން ޤައުމުތަކާއެކު ޞުލްޙަވެރި ގުޅުންތަކެއް ބާއްވަން އެދެއެވެ. އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކުގެ ތެރޭގައި އަންހެނުންގެ ޙައްޤުތަކަށް އެ ޖަމާޢަތުން އިޙްތިރާމު ކުރާނެއެވެ.

ރިޕޯޓަރުން ބުނާގޮތުގައި 17 އޮގަސްޓްގައި ޠާލިބާނުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެމީހުން "ހަރުކަށި" ކަމާ ދުރަށްޖެހިފައިވާތަން ފެނެއެވެ.

ޠާލިބާނުންގެ ތަރްޖަމާނު ޛަބީޙުﷲ މުޖާހިދު ވިދާޅުވިއެވެ. "އަޅުގަނޑުމެން އެތެރެއިން ވެސް އަދި ބޭރުން ވެސް ހަތުރުވެރީން ބޭނުމެއް ނޫނެވެ. އަންހެނުންނަށް މަސައްކަތް ކުރުމާއި ކިޔަވާދިނުމާއި ކިޔެވުމުގެ ފުރްޞަތު ދެވޭނެއެވެ. އިސްލާމީ ޝަރީޢަތުގެ ގިއުގަނޑުގެތެރޭގައި އެކަނބަލުންނަށް ޙަރަކާތްތެރި ވެވޭނެއެވެ.

އދގައި ހުންނަވާ އެމެރިކާގެ ސަފީރާ ލިންޑާ ތޯމަސް ގްރީންފީލްޑް އެމް.އެސް.އެމް.ބީ.ސީ ސްޓޭޝަނަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ޠާލިބާނުން ޤަދަރު ލިބިގެންވާ ބަޔަކަށް ވާން އެދޭނަމަ އަދި ބައނަލްއަޤްވާމީ މުޖްތަމަޢު ބަލައިގަންނަ ބަޔަކަށް ވާން އެދޭނަމަ އަޅުގަނޑުމެން އެމީހުންގެ ޙަރަކާތްތަކަށް ކަނުލައި ބަލާނެކަން ދަންނަން ޖެހޭނެއެވެ. އެމީހުން ސަރުކާރު އެކުލަވައިލާ ގޮތަށް ވެސް އަޅުގަނޑުމެން ބަލާނަމެވެ. އެމީހުން އަންހެނުންނާމެދު މުޢާމަލާތު ކުރާގޮތް ވަރަށް މުހިއްމެވެ."

މީގެ ކުރިން ޠާލިބާނުން ވަނީ 1996ން 2001 ށް އަފްޣާނިސްތާނުގައި ވެރިކަން ކޮށްފައެވެ. އެމީހުންގެ ވެރިކަން ވައްޓައިލީ އެމެރިކާއިންނެވެ.

ވަޢުދުތައް ފުއްދަން ޖެހޭނެ

ޔޫރަޕްގެ އިއްތިޙާދު ބުނާގޮތުގައި އެ ޤައުމުތަކުން ޠާލިބާނުންގެ ސަރުކާރާއެކު އެއްބާރުލާނީ އިންސާނީ އަސާސީ ޙައްޤުތަކަށް އެމީހުން އިޙްތިރާމު ކުރާނަމައެވެ. ޚާއްޞަކޮށް އަންހެނުންގެ ޙައްޤުތަކަށް އެމީހުން ޤަދަރު ކުރަންޖެހޭނެއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ މަސްއޫލުވެރިޔާ ޖޯޒިޕް ބޮރޭލް އަންގާރަ ދުވަހު ވިދާޅުވިގޮތުގައި "ހުރިހާ ޒުރޫފެއްގައި ވެސް އިންސާނީ ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ޠާލިބާނުންނަށް ގޮވައިލައެވެ."

ޠާލިބާނުންގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި އެ ޙަރާކާތުން ބަދަލު ހިފުމުގެ ގޮތުން އެއްވެސް ޢަމަލެއް ނުހިންގާނެއެވެ. ހުޅަނގުގެ ގޮނޑިކޮއްކޮ ސަރުކާރާއި މި ސަރުކާރުގެ ސިފައިންގެ ކިބައިން ޤިޞާޞު ހިފުމަށް ޠާލިބާނުން މަސައްކަތެއް ނުކުރާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ ސިފައިންނަށާއި ބައިނަލްއަޤްވާމީ ސިފައިނާއެކު މަސައްކަތް ކުރި އެންމެންނަށް ޠާލިބާނުން ވަނީ މާފުދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ 20 އަހަރު ކުރީގެ ޠާލިބާނުންނާ މިއަދުގެ ޠާލިބާނުން ވަރަށް ތަފާތު ވާނެއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން ގޮސް އެއްވެސް މީހެއްގެ ގޭގެ ދޮރުގައި ޓަތްކެއް ނުދޭނަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް