މިކަމާ ގުޅޭގޮތުން ހިޔުމަން ރައިޓްސް ޖަމްޢިއްޔާގެ ރިޕޯޓަކަށް އިޝާރަތްކޮށްލަމާ ހިނގާށެވެ! މި ރިޕޯޓްގައި އައިސްފައި ވެއެވެ. "އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން އަފްޣާނިސްތާނުގައި ދެމުންގެންދާ ވައިގެ ޙަމަލާތަކާއި އެއްގަމު ޙަމަލާތަކުގައި އިންސާނާގެ ޙައްޤުތަކަށް އަހައްމިއްޔަތެއް ނުދެއެވެ. މިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ ޢާއްމު ރައްޔިތުންގެ ރުޅިދަނީ ކެކެމުންނެވެ."
ހިޔުމަން ރައިޓްސް ވޮޗް ބުންޏެވެ. "ޙަޤީޤީ ދީމުޤްރާޠީ މުއައްސަސާތައް ބިނާކޮށް އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ބަދަލުގައި އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ޢަސްކަރީ މައިދާނުގައި ކުރު ރާސްތާ ކާމިޔާބީތަކެއް ހޯދުމަށެވެ." މި ޖަމްޢިއްޔާ ބުނާގޮތުގައި ޢާއްމު ރައްޔިތުން އެމެރިކާއާއި އަފްޣާން ސަރުކާރާމެދު މާޔޫސްވެ އިތުބާރު ގެއްލުމުގެ ސަބަބުން ޠާލިބާނުނަށް ކާމިޔާބީތައް އިތުރުވަމުން ދިޔައެވެ.
މުރާޤިބުންގެ ގިނަބަޔަކު ދެކޭގޮތުގައި މަދު ހަފުތާތަކެއްގެ ތެރޭގައި ޠާލިބާނުންނަށް ލިބުނު ކާމިޔާބީއިން އެނގެނީ ޢާއްމު ރައްޔިތުން ޠާލިބާނުންނަށް އިތުބާރު ނުކުރާކަމަށް ދައްކާ ވާހަކައަކީ އެމެރިކާގެ ޕްރޮޕެގެންޑާއެއް ކަމެވެ. އެއީ އެއްވެސް އަސާސެއްނެތް ދޮގު ބުހްތާން ވާހަކަތަކެއް ކަމެވެ.

ވިއެޓްނާމު… ޢިރާޤު… އަފްޣާނިސްތާނު… އެއް ބީދައިން ތަކުރުވަމުންދާ ކަންތައްތަކެއް
މި ވާހަކަތަކުން އެނގެނީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގެ މަސްރަޙަށް އެންމެ ބޮޑު ބާރުގެ ގޮތުގައި ފާޅުވި އެމެރިކާއިން "ގޮނޑި ކޮއްކޮ ސަރުކާރުތައް" ޤާއިމުކޮށް ދެމެހެއްޓުމަށް ކޮށްފައިވާ މަސައްކަތްތައް ބަރުބާދުވެފައި ވަނީ ހަމަ އެއް ބީދައަކުންކަމެވެ. ސަބަބުތަކާއި ނަތީޖާތައް ވެސް ހަމަ އެއްގޮތްކަމެވެ.
އުތުރު ވިއެޓްނާމުގެ ކޮމިޔުނިސްޓް ސަރުކާރާ ދިމާކުރުމަށް ޓަކައި ދެކުނު ވިއެޓްނާމުގެ ދަޢުވަތަކަށް އެމެރިކާ ދިޔައެވެ. އުތުރު ވިއެޓްނާމު ހަނގުރާމަ ކުރަމުން ދިޔައީ އެންމެ އަމާޒަކަށް ޓަކައެވެ. އެއީ ދެ ވިއެޓްނާމު އެއް ޤައުމަކަށް ހެދުމެވެ.
މި ހަނގުރާމައިގައި އެމެރިކާއާއި ވިއެޓްނާމުގެ އެތައް ހާސް ބަޔަކު މަރުވިއެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެތެރެ ބައިބައި ވިއެވެ. ހަނގުރާމައާ އިދިކޮޅު ޙަރަކާތެއް ފެށުނެވެ. މާ ގިނަ ދުވަސްތަކެއް ނުވަނިސް ދެކުނު ވިއެޓްނާމުގެ ވެރިރަށް ސައިގޯން ވެއްޓިއްޖެއެވެ. އޭޕްރީލް 1975ގައި ސައިގޯންގައި ހުރި އެމެރިކާ ސަފާރާ ބަންދުކޮށް އެމެރިކާގެ ރައްޔިތުންނާއި ޑިޕްލޮމެޓުން އަވަސްއަވަހަށް ބޭލޭތޯ މަސައްކަތް ފެށިއެވެ. އިޝްތިރިކާ ދައުލަތެއް ޤާއިމުވެ ދެ ވިއެޓްނާމު އެއް ޤައުމަކަށް ވެގެންނެވެ. އެމެރިކާއިން ވިއެޓްނާމަށް އެރީ މި ކަން މަނާކުރާށެވެ.
އެމެރިކާއިން ޢިރާޤަށް އެރީ 2003ވަނަ އަހަރުއެވެ. އެ ޤައުމުގައި ހަލާކުކުރަނިވި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނެއެވެ. މި ވާހަކަ އެމެރިކާގެ އަނގައިން ވަނީ ދޮގުކޮށްފައެވެ. އެއަށްފަހު ޞައްދާމު ޙުސައިން ވެރިކަން ވައްޓައިލިއެވެ. ޢިރާޤުގައި އޮތް ހަމަޖެހުން ހަލަބޮލިކޮށްލިއެވެ. އެމެރިކާއިން ޢިރާޤަށް ދިޔައީ އެމެރިކާއާ އެއްފަދަ ދީމުޤްރާޠީ ނިޒާމެއް ޤާއިމު ކުރާށޭ ކިޔައިފައެވެ.
ނަމަވެސް އެމެރިކާގެ މި އެރުމުގެ ސަބަބުން "ރިހި ތަބަކަކަށް ލައިފާ" ޢިރާޤު އީރާނަށް ދެވުނީއެވެ. ފަސާދައިގެ މަތީގައި ޤާއިމުވެފައިވާ މަޒްހަބީ ވެރިކަމެއް ޤާއިމު ކުރެވުނީއެވެ. ޢިރާޤުގެ މުއްސަނދިކަން ފޭރިގަނެވުނީއެވެ. އެ ޤައުމު ދެކެމުންދިޔަ ތަހްޒީބާއި ކުރިއެރުން ހުއްޓުނީއެވެ. ޢިރާޤުގެ ރައްޔިތުން އަސާސީ ޚިދްމަތްތަކުން މަޙްރޫމު ކުރެވިފައިވާ ބަޔަކަށް ބަދަލުވީއެވެ. ރައްޔިތުންނާއި ޤައުމުގެ މުއްސަނދިކަން ހަނގުރާމަވެރި ޖަމާޢަތްތަކުގެ ދަށަށް ދިޔައީއެވެ.
އެމެރިކާ މިހާރު ދަނީ މި ޤައުމުންވެސް ފައިބަން ތައްޔާރުވަމުންނެވެ. މި އަހަރު ނިމޭއިރު ފައިބާނެ ކަމަށް ބުނެއެވެ.
ސުވާލަކީ: ވިއެޓްނާމުންނާއި އަފްޣާނިސްތާނުންނާއި ޢިރާޤުން މި ލިބުނު މަލާމަތްކުރަނިވި ނިކަމެތި ނާކާމިޔާބުތަކުން އެމެރިކާ ފިލާވަޅެއް ދަސްކުރާނެ ބާވައެވެ؟



advertisment
One Response
ޢިބުރަތްތެރި ލިޔުމެއް!