ޠާލިބާނުން އަނބުރާ ވެރިކަމަށް
އެމެރިކާއިން އަފްޣާނިސްތާނުގައި 20 އަހަރު އޮތުމަށްފަހު "ނާކާމިޔާބު" ވެގެން އެ ޤައުމުން ނުކުތުމަށް ތެޅިފޮޅުނު މަންޒަރު ހަނދާނަށް ގެނެސްދެނީ މީގެ ބައިސައްތައެއްހާ އަހަރު ކުރިން ވިއެޓްނާމުން އެމެރިކާ ފޭބިގޮތެވެ.
ޚަބަރު ފަތުރާ ޢާލަމީ ވަސީލަތްތަކުގެ އެންމެ ފަލަ ސުރްޚީއަކަށް މިއަދު ހަދައިފައި ވަނީ "ނާކާމިޔާބީއާއި ބަލިވުން"އެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ އިދާރިއްޔަތަށް ދިފާޢަށް ކުޅެން ފަހަތަށް ޖެހެން ޖެހުނެވެ. ދިފާޢަށް ފައިބާފައި އެމެރިކާ ސަރުކާރު ބުންޏެވެ. "އަހަރެމެން އަފްޣާނިސްތާނުން މި ފޭބީ ލަނޑުދަނޑިތައް ފުރިހައަށް ޙާޞިލުކުރުމަށް ފަހުގައެވެ."
އެޕްރީލް 1975ގައި ސައިގޯން (ދެކުނު ވިއެޓްނާމުގެ ވެރިރަށް) ވެއްޓުނު ގޮތާއި 15 އޮގަސްޓް 2021ގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ވެއްޓުނު މަންޒަރު ވަރަށް އެއްގޮތެވެ. މިއަދުގެ މަސްރަޙުގައި ހުންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެނާ ކުރިމަތިވެ ވަޑައިގެންނެވި "ހަތުރުވެރި ރުޅިވެރި" ސުވާލުތައް ވަރަށް ގިނައެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު ބައިނަލްއަޤްވާމީ މައިދާނަށް ފާޅުވި އެންމެ "ބޮޑު ބާރާ" ކުރިމަތިލާން ޖެހުނު ޢަސްކަރީ އަދި ސިޔާސީ ނާކާމިޔާބުގެ ސަބަބުތައް ބަޔާންކޮށް ދިނުމަށް އެދި އަޑުތައް އުފުލިގެން ދިޔައެވެ. މި ފަދަ "އިހާނަތްތެރި" މަންޒަރުތައް ތަކްރާރުވަމުން ދަނީ ކީއްވެގެންތޯ ނޫސްވެރީން ސުވާލު ކުރެއެވެ.

އަފްޣާނިސްތާނަކީ ވިއެޓްނާމެއް ނޫން: ބްލިންކެން
"މިއީ ސައިގޯނެއްނޫނެވެ." ބްލިންކެން ވިދާޅުވިއެވެ. "އަހުރެމެން މީގެ 20 އަހަރު ކުރިން އަފްޣާނިސްތާނަށް ދިޔައީ ހަމަ އެންމެ ކަމެއް ކުރާށެވެ. އެއީ 2001ގެ ސެޕްޓެންބަރު 11 ގެ ޙަމަލާ ދިން މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާށެވެ. މި މަސައްކަތް އަހުރެމެން ކާމިޔާބުކަމާއެކު ކޮށްފީމެވެ."
ނަމަވެސް ބްލިންކެން މި ދެއްވި ބަޔާނާއި ކާބުލުން ފެނިގެންދިޔަ މަންޒަރު ވަރަށް ތަފާތެވެ. ކާބުލްގެ ޖައްވުގެތެރޭގައި އުދުހެމުން ދިޔަ ހެލިކޮޕްޓަރުތަކާއި އެމެރިކާ ސަފާރާގެ މަސައްކަތް ކާބުލްގެ ވައިގެ ބަނދަރަށް ބަދަލުކުރެވުނު މަންޒަރު ވަރަށް ސާފެވެ. ހިތްތަކަށް ގެނެސްދިނީ 1975ވަނަ އަހަރު ސައިގޯންގެ ޖައްވުގެތެރެއިން ވެސް ފެނިފައިވާ "ހިތާމަވެރި މަޑުމޮޅި" މަންޒަރެވެ. ކާބުލްގައި އުދުހުނު ހެލިކޮޕްޓަރުތަކުން ފެނުނީ އެމެރިކާ ސަފާރާގެ ޑިޕްލޮމެޓުންނާއި މުވައްޒަފުން ވައިގެ ބަނދަރަށް ގެންގޮސް އަފްޣާނިސްތާނުން ބޭރަށް ގެންދެވޭތޯ "ފަލި ޖަހާ" ތަނެވެ.
ބްލިންކެން ފަދަ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އަފްޣާނިސްތާނުން ފޭބުމަށް ކުރީގެ ރައީސް ޓްރަމްޕް ވަނީ ނިންމަވައިފައެވެ. ބައިޑްންގެ ސަރުކާރުން މަސައްކަތް ކުރީ "އަމާންކަމާއެކު" މި ޤަރާރު ތަންފީޒު ކުރުމަށެވެ. ނަމަވެސް އެ ވިދާޅުވާގޮތަށް އެ ކަން ކުރެވުނުހެއްޔެވެ؟ އެކަންތައް ވެގެން ދިޔައީ ހީފުޅު ކުރެއްވިގޮތާ މުޅިން ޚިލާފަށެވެ. ކާބުލްއަށް ނޭރުމަށް ޠާލިބާނުންނަށް ދިން އިންޒާރުގެ އަޑު އެ ޖަމާޢަތުން ބަލައެއްނުގަތެވެ. ޠާލިބާނުން ވެރިރަށް ކާބުލް "ތިން މަސް ދުވަހުގެ" ތެރޭގައި ހިފާނެ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނި މުހްލަތަށް ހައެއްކަ ދުވަސް ވެސް ނުވިއެވެ.
އެމެރިކާއިން 20 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ހޭދަކުރި ދެ ޓްރިލިއަން ޑޮލަރުގެ ފައިސާއާއި ޤުރްބާންކުރި 20 ހާސް ސިފައިންގެ ސަބަބުން ޙާޞިލުކުރެވުނު އެއްވެސް ކަމެއް ނެތެވެ. ސަބަބުތަކަކީ ވިއެޓްނާމުގައި ވެސް ކުރިމަތިވި ސަބަބުތަކެވެ. ޢިރާޤުގައި ވެސް ކުރިމަތިވި ސަބަބުތަކެވެ.

ޖެނެރަލުންގެ ބޮޑާކަމާއި ފޮނިކަން
ތަޖްރިބާކާރުން ޤަބޫލުކުރާ ގޮތުގައި އެމެރިކާގެ ކާރިސީ ނާކާމިޔާބުތަކުގެ ޒިންމާ އުފުއްލަން ޖެހޭނީ އެ ޤައުމުގެ ސިފައިންގެ ޖެނެރަލުންނަށާއި ޕެންޓަގަންގެ މަސްއޫލުވެރީންނަށާއި ޖާސޫސީ އިދާރާގެ މަސްއޫލުވެރީންނަށެވެ. އަފްޣާނިސްތާނު އާރާސްތުކުރުމަށް ޓަކައި ކަނޑައަޅާފައި ހުންނެވި އިންސްޕެކްޓަރ ޖެނެރަލް ޖޯން ސޮބްކޯ އަފްޣާނިސްތާނުގެ "ޙާލަތާ" ބެހޭގޮތުން ފޮނުއްވި މެސެޖެއްގައި މި ވާހަކަތައް ލިޔުއްވާފައިވެއެވެ.
ސޮބްކޯ ވިދާޅުވެފައިވާ ގޮތުގައި އަފްޣާނިސްތާނަށް ވަޑައިގެންނެވި ތަފާތު ޖެނެރަލުންތައް ވިސްނަވާފައި ވަނީ ކުރު ރާސްތާ އަމާޒުތަކަކަށެވެ. ދުރު ރާސްތާ އަމާޒެއް ނެތެވެ. އެބޭފުޅުން ހޭދަކުރެއްވި ދެތިން އަހަރު ނިންމަވާލައްވާފައި ޤައުމަށް އެނބުރިވަޑައިގަންނަވާއިރު މެޑެލި ޖެއްސެވޭނެ ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި ލޮޖިސްޓިކް ގޮންޖެހުންތަކާމެދު ވިސްނަވާފައެއް ނުވެއެވެ. އެ ޤައުމު އާރާސްތު ކުރުމަށާއި ޢާއްމު ޚިދްމަތްތައް ދިނުމަށް ބޭނުންވާ ބިނާރުތައް ޤާއިމު ކުރުމަށް ވަގުތު ހޭދަ ކުރައްވާފައެއް ނުވެއެވެ. އޭނާ މިސާލެއްގެ ގޮތުން ކަރަންޓްގެ ޚިދްމަތް ނެންގެވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އަފްޣާނިސްތާނުގައި ކަރަންޓްގެ ޚިދްމަތް ލިބެމުންދަނީ އެންމެ 30 އިންސައްތަ މީހުންނަށެވެ.
އިންސްޕެކްޓަރ ޖެނެރަލް ހާމަކުރެއްވި ގޮތުގައި އެ ޤައުމުގެ މަސްއަލަތައް ވަނީ "ވަންހަނާ" ކޮށްފައެވެ. ސޮބްކޯ ވިދާޅުވިއެވެ. "އަހުރެން ދާ ކޮންމެ ފަހަރަކު މަށަށް ފެނިފައިވާ މަންޒަރަކީ ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަންތައްތަކެއް އިޢުލާންކޮށްފައިވާ ތަނެވެ."
ސޮބްކޯއާ ޙަވާލާދީ ފްރާންސް 24، ބުނާގޮތުގައި "ޖެނެރަލުންނަށް އަމާޒަށް ވާޞިލުވެ ވަޑައިނުގެންވިއްޖެނަމަ އެކަން ވަންހަނާ ކުރައްވާނެތެވެ."
އޭނާ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަފްޣާން ސިފައިންގެ ފެންވަރު ދެރަކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވައެވެ. ދިފާޢީ ސިއްރު ލިޔުންތައް ބަލައިލުމުގެ ފުރްޞަތު ލިބިފައިވާ ކޮންމެ މީހަކަށް މި ޙަޤީޤަތްތައް އެނގޭނެއެވެ." އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ އާދައިގެ ރައްޔިތުންނަށް، ޓެކްސް ދައްކާ މީހުންނަށް އާދައިގެ ޑިޕްމެޓުންނަށް މި ކަންކަމެއް ނޭނގޭނެއެވެ."
އަފްޣާނިސްތާނުގެ ޢަސްކަރީ ބާރަށް ބަލައިލުމަކީ ލާޒިމު ކަމެކެވެ. މި ލަޝްކަރު ބިނާކުރުމަށާއި ތަމްރީނު ދިނުމަށާއި ހަތިޔާރު ހޯދައިދިނުމަށް އެތައްއެތައް ބިލިއަން ޑޮލަރެއް ވަނީ ޚަރަދުކޮށްފައެވެ. އެމެރިކާއިން ވަނީ އަފްޣާނުގެ 300 ހާސް ސިފައިންނަށް ތަމްރީނު ދީފައެވެ. އެމީހުންނާ ޚިލާފަށް ޠާލިބާނުންގެ ހަނގުރާމަވެރީންގެ ޢަދަދަކީ އެންމެ 80 ހާހެވެ. އެމީހުންގެ އަތުގައި ޒަމާނީ ހަތިޔާރެއްވެސް ނެތެވެ. އެމީހުން އެހާ އަވަހަށް މި ހޯދި ކާމިޔާބީއާއި ނަޞްރާމެދު ވިސްނަން ޖެހެއެވެ.
ދެ ލަޝްކަރުގެ ތަފާތާ ބެހޭގޮތުން ހުޅަނގުގެ މީޑިއާތަކުގައި ވަރަށް ބޮޑަށް އަޅައި ބަލައިފާ ވެއެވެ. އިނގިރޭސިވިލާތުގެ ގާރޑިއަން ބުނާގޮތުގައި އަފްޣާން ސިފައިންނަށް ޠާލިބާނުންނާ ކުރިމަތިލާކަށް ނުކެރުނެވެ. އެ ނޫހުގައި ދެ ލަޝްކަރުގެ ތަފާތު ވަރަށް ބޮޑަށް ފާހަގަކޮށްފައި ވެއެވެ. އަފްޣާން ސިފައިން އަމާންދީފައި ވަނީ ހަނގުރާމަ ކުރުމެއް ނެތިއެވެ. ހުރަސްއެޅުމެއް ނެތިއެވެ.
އެ ނޫސް ބުންޏެވެ. "މިއީ ދެ ލަޝްކަރުގެ ވާހަކައެވެ. ނިކަމެތި އާރެއް ބާރެއް ނެތް ޠާލިބާނުންގެ ލަޝްކަރެވެ. އެމީހުންގެ އައިޑިޔޮލޮޖީ ވަރުގަދައެވެ. ހިތްވަރު ގަދައެވެ. އަނެއް ލަޝްކަރަކީ ވަރުގަދައަށް ހަތިޔާރު އަޅައިން އޮތް އަފްޣާން ލަޝްކަރެވެ. އެހެނަސް އެމީހުން ބަރޯސާވެގެން ތިބީ ނޭޓޯއަށެވެ. އެމީހުންގެ ކޮމާންޑަރުންގެ ތެރޭގައި އޮތީ ފަސާދައެވެ. ޒަޢާމަތަކީ ބަލިކަށި އިސްވާރުންތަކެކެވެ."

ކޮންމެ ގޮތަކަށް ބެއްޔަސް އެއީ ރަށަށް އަރާތިބި ބައެއް
އެމެރިކާގެ ދިފާޢީ ވުޒާރާގެ ކުރީގެ މަސްއޫލުވެރިއެއް ކަމުގައިވާ ކާރޓަރ މެލްކާސިއަން އަފްޣާނިސްތާނުގެ ހަނގުރާމައާ ބެހޭގޮތުން ފޮތެއް ލިޔުއްވިއެވެ. އެ ފޮތުގެ ނަމަކީ "އަހުރެމެން ހަނގުރާމައިގައި ނާކާމިޔާބުވެއްޖެ.. ޔަޤީން" އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޠާލިބާނުންނަށް ކާމިޔާބު ލިބުނީ އެމީހުން ހަނގުރާމަ ކުރަނީ އެމީހުންގެ ޤައުމަށް އަރާ ތިބި ބަޔަކާ ދެކޮޅަށް ކަމަށް ޤަބޫލު ކުރާތީއެވެ. މިއާ ޚިލާފަށް އަފްޣާން ސިފައިން ހަނގުރާމަ ކުރަނީ ބޭރު ބަޔަކަށް ބޯލަނބައި ތިބެގެން އެމީހުން ބުނާ ގޮތަކަށެވެ.
އޭނާ ވިދާޅުވިއެވެ. "އެމެރިކާ މީހުން އަފްޣާނިސްތާނުގައި ތިބުމަކީ އަފްޣާނިސްތާނުގެ ޤައުމީ ސިފައާ އަރާރުންވާ ކަމެކެވެ. އަފްޣާނިސްތާނަކީ އެ ޤައުމުގެ ކަރާމަތާއި ދީން ދިފާޢު ކުރުމަށް ޓަކައި ޝަރަފުވެރި ދިގު ހަނގުރާމަތަކެއް ކޮށްފައިވާ ޤައުމެކެވެ. މިއީ ޠާލިބާނުން އެކަމަށް ފަޚްރުވެރިވާ ކަމެކެވެ."
އޭނާ ވިދާޅުވިއެވެ. "އަހުރެމެން ހީކުރީ ޠާލިބާނުން ބަލިކޮށް މިނިވަން އަފްޣާން ސަރުކާރެއް ޤާއިމު ކުރެވިދާނެކަމަށެވެ. އެހެނަސް އެކަމެއް ނުކުރެވުނެވެ."
އޭނާގެ ލިޔުއްވުން ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ފާސިދު ސަރުކާރެއް ދެމެހެއްޓުމަށް ޓަކައި ފުލުހުންނާއި ސިފައިން އެމީހުންގެ ނަފްސުތައް ހިރާސަށް ހާސާކުރާކަށް ބޭނުމެއް ނުވެއެވެ."
(ނުނިމޭ)



advertisment
One Response
2ބަނަބައިގެ ިއިންތިޒާތުގައި.
جزاك الله ًً!