ޠާލިބާނުންގެ ހަނގުރާމަވެރީން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ހުރިހާ ފަރާތަކުން އަރަންފަށައިފިއެވެ. އަފްޣާނިސްތާނުގެ ދާޚިލިއްޔާއާ ޙަވާލާދީ ރޮއިޓަރޒް ބުނާގޮތުގައި ޠާލިބާނުން އެމީހުންގެ ހަނގުރާމަ ވެރީންނަށް ކާބުލްގެ ރަށްބޭރުގައި އަދި ތިބުމަށާއި ވެރިރަށަށް އަދި ނޭރުމަށް އަމުރުކޮށްފައިވެއެވެ.
ޠާލިބާނުން ބުނާގޮތުގައި ވެރިރަށް އެމީހުންނާ ޙަވާލުކުރުމާ ބެހޭގޮތުން ވާހަކަދެއްކުންތައް ކުރިއަށް އެބަދެއެވެ. ޠާލިބާނުންގެ ބަޔާނުގައި އައިސްފައިވެއެވެ. "އަހުރެމެން ގަދަކަމުން ނުވަތަ ހަނގުރާމަކުރަމުން ކާބުލް އަށް އަރާކަށް ނޭދެމެވެ. އަހުރެމެން އިސްކަންދެނީ ޞުލްޙަވެރިކަމާއެކު ވެރިރަށް ހިފުމަށެވެ."
ޠާލިބާނުން ޖަރްމަނު ނޫސްއޭޖެންސީއަށް ދިން ބަޔާނެއްގައި އައިސްފައި ވެއެވެ. "އަހުރެމެން ހުރިހާ ރައްޔިތުންނަށް ހިތްހަމަޖެހުން ދޭން ބޭނުން ވެއެވެ. އަހުރެމެން ކާބުލްގައި ހަނގުރާމަ ކުރާކަށް ބޭނުމެއް ނުވެއެވެ."
ޠާލިބާނުންގެ ޓްވިޓަރުގައި އައިސްފައި ވެއެވެ. "ކާބުލްގައި ހުރި ޢާއްމު ރައްޔިތުންގެ މިލްކިއްޔާތުތަކާއި އެ މީހުންގެ މުދާތައް ޙިމާޔަތް ކުރުމަށް އެ ޙަރަކާތުން ވަރަށް އިސްކަންދޭނެއެވެ. ބޭންކުތަކަށާއި ވިޔަފާރިވެރީންނަށް ހިތްހަމަޖެހުން ދޭން ބޭނުންވެއެވެ. އެމީހުންގެ މުދަލަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަހުރެމެން ލަގަނުގައި ހިފާއިރު ޢާއްމުންގެ އެއްވެސް މީހަކު މަރުވެގެންދާކަށް ނޭދެމެވެ."
ސިފައިން ހަތިޔާރު ބަހައްޓާ އަމާން ދިނުމަށް ޠާލިބާނުން ދަނީ ގޮވައިލަމުންނެވެ.



advertisment