އަފްޣާނިސްތާނުގައި ހުންނަ އެމެރިކާ ސަފާރާގެ މުވައްޒަފުންނާއި އެމެރިކާއަށް އެހީވެދިން އަފްޣާން ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަމާންކަމާއެކު އަފްޣާނިސްތާނުން ބޭލުމަށް ޓަކައި އެމެރިކާގެ 5،000 ސިފައިން ފޮނުވުމަށް ރައީސް ބައިޑްން އެއްބަސްވެ ވަޑައިގެންފިއެވެ.
އަނެއްކޮޅުން ބަލާއިރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ނިންމެވި ނިންމެވުން ދިފާޢު ކުރައްވާ ރައީސް ބައިޑްން ރޭ ވަރަށް ދިގު ބަޔާނެއް ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަފްޣަނިސްތާނު ޙިމާޔަތްކޮށްދިނުމަށް ޓަކައި އެމެރިކާ ސިފައިން ދާއިމަށް އަބަދަށް ނުބޭތިއްބޭނެއެވެ. އަފްޣާން ސިފައިންގެ ކިބައިގައި މި ޤާބިލުކަން ހުންނަން ޖެހޭނެއެވެ. ބައިޑްން ވިދާޅުވިއެވެ. "އަހުރެމެންގެ ސިޔާސީ، ޢަސްކަރީ އަދި ޖާސޫސީ ޓީމްތަކުން ދިން މަޢުލޫމާތުގެ މައްޗަށް ބަލައި އެމެރިކާގެ ފަސް ހާސް ސިފައިން އަފްޣާނިސްތާނަށް ފޮނުވުމަށް އަހުރެން އެއްބަސްވެއްޖައީމުއެވެ. އެއީ އެމެރިކާ މީހުންނާއި އަހުރެމެންގެ އެކުވެރީންގެ ޓީމްތަކުގައި ހިމެނޭ މީހުން އަމާންކަމާއެކު އަފްޣާނިސްތާނުން ބޭލުމަށް ޓަކައެވެ. ވީޒާ ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން އަފްޣާނިސްތާނުގެ ބައެއް މީހުން ވެސް އެ ޤައުމުން ބޭރަށް ގެންދެވޭނެއެވެ."
ރައްދު ދެއްވާނެކަމުގެ އިންޒާރު
އޭނާގެ ނަން ހާމަނުކުރުމަށް ޝަރްޠު ކުރައްވާ ރޮއިޓަރޒާ ވާހަކަދެއްކެވި އެމެރިކާގެ ދިފާޢީ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އިތުރަށް ފޮނުވަން ހަމަޖެހުނު އެއްހާސް ސިފައިންނަކީ 82ވަނަ ބެޓޭލިއަންގައި ހިމެނޭ ވައި ކުޑައިގެ ސިފައިންނެވެ.
ބައިޑްން ހާމަކުރެއްވި ގޮތުގައި ޤަޠަރު މެދުވެރިކުރައްވާ އޭނާ ޠާލިބާނުންނަށް ވާނީ އިންޒާރެއް ދެއްވައިފައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ އެމެރިކާއިން ވަރަށް އަވަހަށް ވަރަށް ވަރުގަދައަށް ރައްދު ޙަމަލާދޭނެއެވެ. އެހެނަސް އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާ ސިފައިން ދާއިމަށް އަބަދަށް އަފްޣާނިސްތާނުގައި ނުބޭތިއްބޭނެއެވެ. މިއީ ޚިޔާރެއް ނޫން ކަމަށް ބައިޑްން ވިދާޅުވިއެވެ.
ބައިޑްން ވިދާޅުވިއެވެ. "އަފްޣާން ސިފައިންނަށް އެމީހުންގެ ޤައުމު ރައްކައުތެރި ނުކުރެވޭނަމަ އެމެރިކާ ސިފައިން އެއް އަހަރު ތިބުމެކޭ ފަސް އަހަރު ތިބުމެކޭ ތަފާތެއް ނޯންނާއެވެ. މަދަނީ އަރާރުމެއް ހިނގަމުންދާ އެއްވެސް ޤައުމެއްގައި އެމެރިކާ ސިފައިން އެއްވެސް ނިމުމެއްނެތް މުއްދަތަކަށް ނުބޭތިއްބޭނެއެވެ."
އަނެއްކޮޅުން ބަލާއިރު ޠާލިބާނުން މިހާރު ވަނީ އަފްޣާނިސްތާނުގެ ބޮޑު ސަރަޙައްދެއް ހިފައިފައެވެ. އުތުރު އަފްޣާނިސްތާނުގެ ބޮޑެތި ބައެއް ރަށްރަށް ރޭ ވަނީ ހިފައިފައެވެ. ޠާލިބާނުން ކާބުލްއާ ދިމާއަށް ކުރިއަރަމުން އަންނާތީ ހުޅަނގުގެ ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ރައްޔިތުން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ފަށައިފައެވެ.
އެމެރިކާ- އަފްޣާން ވާހަކަދެއްކުންތައް
އެމެރިކާގެ ޚާރިޖިއްޔާއިން ރޭ ހާމަކުރިގޮތުގައި ޚާރިޖީ ވަޒީރު ބްލިންކެން އިއްޔެ އަފްޣާން ރައީސް އަޝްރަފު ޣަނީއާ ފޯނުން ބައްދަލު ކުރައްވައި މިހާރުގެ ޙާލަތާމެދު މަޝްވަރާ ކުރެއްވިއެވެ. އެ ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި ހަރުކަށި ޢަމަލުތައް ހުއްޓުވުމަށް ޓަކައި ސިޔާސީ އަދި ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނެއެވެ. އަފްޣާނިސްތާނުން ޚަބަރުދޭ ގޮތުގައި ޠާލިބާނުން ރޭ މަޒާރޭ ޝަރީފު ހިފައިފިއެވެ. ބަލްޚު ސަރަޙައްދުގެ ވެރިރަށް ހިފާފައި ވަނީ މާ ބޮޑު ހަނގުރާމައަކާ ނުލައެވެ. އެ ސަހަރުގައި ތިބި ސަރުކާރު ސިފައިން ވަނީ ހަތިޔާރުތައް ދޫކޮށްލައިފާ ފިލައިފައެވެ.
ތައްޔާރުވުމަށް ގޮވައިލުން
ޠާލިބާނުން ކުރިއަރަމުން ދާތީ ރައީސް އަޝްރަފު ޣަނީ އިއްޔެ ވަނީ އެ ޤައުމުގެ މަސްއޫލުވެރީންނާއެކު ކާބުލް ޙިމާޔަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އޭނާ އިއްޔެ ދެއްވި ކުރު ބަޔާނުގައި ޤައުމު ޙިމާޔަތްކުރުމަށް ޓަކައި އެންމެ ރައްޔިތުން ތެދުވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ރައީސްގެ ހައިސިއްޔަތުން އަހުރެން އެންމެ އިސްކަމެއް މި ދެނީ ޤައުމު ހަލަބޮލިވިޔަ ނުދިނުމަށާއި، ރައްޔިތުން ވިއްސިވިހާލި ކޮށްލިޔަ ނުދިނުމަށެވެ."
ޠާލިބާނުން ރައީސް ޣަނީއަށް އިސްތިޢުފާ ދެއްވުމަށް ދެމުންގެންދާ އިންޒާރުތަކަށް އަޝްރަފު ޣަނީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.



advertisment