Support Us

އަލްމަސްޖިދުލް އިބްރާހީމީއަށް އަތްގަދަކުރުމަށް އިސްރާއީލުން ރާވަން ފަށައިފި

ޚަލީލު ސަހަރުގައި (ނުވަތަ ހިބްރޯންގައި) އަލްމަސްޖިދުލް އިބްރާހީމީ ކައިރީގައި ކަރަންޓުން ދުވާ ސިޑިއެއް ބެހެއްޓުމުގެ މަސައްކަތް އިސްރާއީލުން މިދިޔަ އަންގާރަ ދުވަހު ފަތިހު ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އިސްރާއީލުން މި މިސްކިތުގެ ދެކުނު ފަރާތް ކޮނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެތާނގައި ކަރަންޓުން ދުވާ ސިޑިއެއް ބެހެއްޓުމުގެ އިތުރަށް މިސްކިތަށް އަންނަ މީހުންގެ އުޅަނދުތައް ޕާކުކުރުމަށް ޓަކައި ޕާކިންގް ސަރަޙައްދެއް ޤާއިމު ކުރެވޭނެއެވެ. އަދި މިސްކިތަށް އަރަން ބޭނުންވާ މީހުންނަށް ހިނގާފައި ގޮސް މި ތާރީޚީ މިސްކިތަށް އެރުމަށް ބޭނުންވާ މަގެއް ހެދޭނެއެވެ. އިސްރާއީލުން މި ސަރަޙައްދު ކޮންނަމުން ދަނީ ފަލަސްޠީނީން މި މަސައްކަތަށް ހުރަސްއަޅައިފާނެތީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި މުޅި އެ ސަރަޙައްދު ބަންދުކޮށްގެންނެވެ.

އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ހޯމަދުވަހު ކުރި ޓްވީޓެއް ބުނާގޮތުގައި "މި މަސައްކަތް ފެށުނީ ދިފާޢީ ވަޒީރުގެ ޤަރާރެއްގެ ދަށުން އަލްޙަރަމުލް އިބްރާހީމީއަށް މީހުންނަށް ދިޔުމަށް ފަސޭހަކޮށްދިނުމަށް ޓަކައެވެ."

އެ ވުޒާރާއގެ މި ޓްވީޓް ބުނިގޮތުގައި މި މަސައްކަތް ކުރަނީ އެ ވުޒާރާގެ އިންޖިނިއަރިންގް އެންޑް ކޮންސްޓްރަކްޝަން ޑިޕާޓްމެންޓުންނެވެ. މި މަސައްކަތަށް ހައެއްކަ މަސް ހޭދަވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ މޭމަހުގެ 3 ގައި އޭރުގެ ދިފާޢީ ވަޒީރު (މިހާރުގެ ބޮޑުވަޒީރު) ނަފްތާލީ ބެނެޓް ވަނީ މި މިސްކިތާ އިންވެގެންވާ ބޮޑު ސަރަޙައްދެއް މި މަސައްކަތަށް ޓަކައި ނެގުމަށް ނިންމަވައިފައެވެ. ހިފައިފައިވާ ބިމުގައި މިފަދަ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ އެންމެ މަތީ މަޖިލީހުން ވަނީ މިކަމަށް އާނބަސް ބުނެފައެވެ.

ފަލަސްޠީނީން ބުނާގޮތުގައި މި މިސްކިތުގައި ދުވާސިޑިއެއް ބެހެއްޓުމަކީ ބައިނަލް އަޤްވާމީ ޤަރާރުތަކާ ޚިލާފު ކަމެކެވެ. މިކަމުގެ ސަބަބުން މި މިސްކިތުގެ ތާރީޚީ މަލައަށާއި ތާރީޚީ ޞަޚްޞިއްޔަތަށް ބަދަލުތަކެއް އަންނާނެއެވެ. ޖުލައި 2017ގައި ޢާލަމީ ތުރާސާ ބެހޭ ޔުނެސްކޯގެ ކޮމެޓީން ވަނީ އިބްރާހީމީ މިސްކިތާއި ޚަލީލު ސަހަރުގެ ޤަދީމީ ރަށް ޢާލަމީ ތުރާސުގެ ލިސްޓްގައި ހިމަނައިފައެވެ. އެހެންކަމުން އެ ސަރަޙައްދަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

ބުނެވޭގޮތގައި އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާގެފާނު ފަސްދާނު ވެޑުވިފައި ވަނީ މި މިސްކިތުގައެވެ. އިސްރާއީލުން 1994ގައި ވަނީ މި މިސްކިތް ދެ ބަޔަށް ބަހައިފައެވެ. އެއްބައި މުސްލިމުންނަށެވެ. އަނެއްބައި ޔަހޫދީންނަށެވެ. މި ގޮތަށް މި މިސްކިތް ބެހުނީ 1994 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 25ވަނަ ދުވަހު ފަތިސްނަމާދުގެ ވަގުތުގައި ހަރުކަށި ޔަހޫދީންތަކެއް މި މިސްކިތަށް ވަދެ ނަމާދު ކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ހިންގި ޤަތުލުޢާއްމަކާ ވިދިގެންނެވެ. މި ނިރުބަވެރި ޙަމަލާގައި ފަލަސްޠީނުގެ ކުށެއްނެތް 29 މީހަކު ވަނީ މަރާލައިފައެވެ.

މިސްކިތުގެ މަލަތައް ބަދަލު ކުރުން މި މިސްކިތުގެ ޑިރެކްޓަރު ޙިފްޡީ އަބޫ ސުނައިނާ ތުހްމަތު ކުރައްވާގޮތުގައި އިސްރާއީލުން މަސައްކަތް ކުރަނީ އިބްރާހީމީ މިސްކިތުގެ މަލަތައް ބަދަލުކޮށް ޔަހޫދީ ކުރެވޭތޯއެވެ. އިސްރާއީލުން މި ފެށި މަސައްކަތުގެ އަމާޒަކީ މި މިސްކިތް ޔަހޫދީ ފައްޅިއަކަށް ބަދަލުކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަބޫ ސުނައިނާ ވިދާޅުވިގޮތުގައި މި މިސްކިތާއި މިސްކިތުގެ ވަށައިގެންވާ ބިމަކީ އިސްލާމީ ވަޤްފެކެވެ. އެހެންކަމުން އެ ބިމުގެ މައްޗަށް ޔަހޫދީންގެ އެއްވެސް ޙައްޤެއް ނެތެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ކޮނުމުގެ މަސައްކަތް ކުރަމުންދަނީ މިސްކިތުގެ ގޯތިތެރޭގައެވެ. ޕާކުކުރުމަށް ޓަކައި އެ ތަނުން ވަރަށް ބޮޑު ސަރަޙައްދެއް ނެގޭނެއެވެ. އެއަށްފަހު އެތާނގައި މީހުން ހިނގާބިނގާވުމަށް ޓަކައި 150 މީޓަރުގެ ދިގު ދުވާރެއް ހެދޭނެއެވެ. މިކަމުގެ އެންމެ އަސާސީ ބޭނުމަކީ މުސްލިމުންނަށް ޖެއްސުން ކުރުން ކަމަށް އޭނާ ވދާޅުވިއެވެ. މި ކަމާ ދެކޮޅަށް ފަލަސްޠީނީން އިޙްތިޖާޖުތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލު ސަހަރުގެ މޭޔަރު ތައިސީރު އަބޫ ސުނައިނާ އިބްރާހީމީ މިސްކިތުގައި އިށީނދެ ތިބެގެން އިސްރާއީލުގެ މި ރޭވުމަށް ހުރަސްއެޅުމަށް ފަލަސްޠީނު މީހުންނަށް ގޮވައިލެއްވިއެވެ. އޭނާ ހާމަކުރެއްވިގޮތުގައި ޚަލީލު ސަހަރު އެކަހެރި ކުރުމަށް ޓަކައި އިސްރާއީލުން ވަނީ އެ ސަހަރުގެ ވަށައިގެން ޢަސްކަރީ 90 ހުރަހާއި އިލެކްޓްރީނިކް ފަސް ދޮރޯށި ބަހައްޓައިފައެވެ. އެއީ އެ މިސްކިތަށް ދާ މީހުންނާއި އެރަށަށް ވަދެނުކުމެވާ މީހުން ބަލައި ފާސްކުރުމަށް ޓަކައެވެ.

ފަލަސްޠީނުގެ އައްޤާފު މިނިސްޓްރީގެ ވަކީލު ޙުސާމު އަބުއްރައްބު އިސްރާއީލުގެ މި މަޝްރޫޢު ކުށްވެރިކުރައްވަމުން ވިދާޅުވިއެވެ. "މިއީ ފަލަސްޠީނުގެ ދައުލަތަށް މި މިސްކިތުގެ މައްޗަށް ލިބިފައިވާ ސިޔާދަތަށް އަރައިގަތުމެކެވެ." އޭނާ ވިދާޅުވިގޮތުގައި މި ހުރިހާ ތަންތަނަކީ އައުޤާފުގެ ބިންތަކެކެވެ. އަބުއްރައްބު ވިދާޅުވިގޮތުގައި ގަދަކަމުން ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީން އިބްރާހީމީ މިސްކިތުގެ ޙުރްމަތް ނުކަނޑައި ދުވަހެއް ނާދެއެވެ. މިއީ އެމީހުން އެމީހުންގެ ހަރުކަށި ދީނީ ފިކްރާއި ސިޔަސަތުގެ ދަށުން މި މިސްކތް ޔަހޫދީ ކުރުމަށް ކުރާ މަސައްކަތެކެވެ.

އަބުއްރައްބު އިސްރާއީލުގެ މި ނުބައި ރޭވުމަށް ހުރަސްއެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނިރުބަވެރި ޙަމަލާގައި ފަލަސްޠީނުގެ ކުށެއްނެތް 29 މީހަކު ވަނީ މަރާލައިފައެވެ. ރަނގަޅެެެ އްނޫން ރަނގަޅު ގޮތް ޝަހީދު ކޮށްލާފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *