Support Us

އިންޑިއާ ކަނޑު ޙިމާޔަތްކުރުމަށް ސުޢޫދީއާ ގުޅިގެން މަސައްކަތްކުރަނީ

ސުޢޫދީ ޢަރަބިއްޔާއާއި އިންޑިއާ ގުޅިގެން އިންޑިއާ ކަނޑުގައި ޢަސްކަރީ ތަމްރީނުތަކެއް ފަށައިފި ކަމަށް ސައޫދީ ނޫސް އޭޖެންސީން ބުނެފިއެވެ. މިއީ އެ ދެ ޤައުމުގެ ދެމެދުގައި މި މައިދާނުގައި ބޭއްވުނު ތަމްރީނީ ފުރަތަމަ ބައިވެރިވުން ކަމަށް މި ނޫސް އޭޖެންސީ ބުންޏެވެ. މި އެއްބާރުލުމުގެ އަމާޒަކީ ކަނޑުގެ ދާއިރާގައި ތަޖްރިބާތައް ޙިއްޞާކުރުމާއި ގުޅިގެން ބޭއްވޭ ޢަސްކަރީ މަސައްކަތްތަކުގެ މަފްހޫމާއި އިޖްރާއާތުތައް އެކަތިގަނޑަކަށް ހެދުމެވެ.

މި ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ކަނޑުގެ ފްލީޓްގެ ކޮމާންޑަރު އަޖޭ ކޯޝަރު ވިދާޅުވިގޮތުގައި ގުޅިފައިވާ އެއްބާރުލުމުގެ އަމާޒަކީ އިންޑިއާ ކަނޑުގެ އަމްނާއި އަމާންކަން ރައްކައުތެރިކުރުމެވެ. އޭނާ "އައްޝަރްޤުލް އައުސަޠު" ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ފަހަކަށް އައިސް އިންޑިއާ ކަނޑުގައި ފޭރުމާއި ޣައިރު ޤާނޫނީ އެތައް ޢަމަލުތަކެއް ވަނީ ހިނގައިފައެވެ. އޭނާ ވިދާޅުވިގޮތުގައި "މި މައިދާނުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަ ހުށްޓެވެ. އަޅުގަނޑުމެން ސުޢޫދިޔާއާއެކު މި މަސައްކަތް ކުރަނީ މި ކަނޑު ޙިމާޔަތް ކުރުމަށާއި މި ކަނޑުގައި އަމާންކަން ދެމެހެއްޓުމަށެވެ. މި ކަނޑުގެ އަމްނާއި ސަލާމަތާ ކުރިމަތިވެފައިވާ ތަފާތު ހިރާސްތަކާ ކުރިމަތިލުމަށް ޓަކައެވެ."

އިންޑިއާގެ ކޮމާންޑަރު ވިދާޅުވި ގޮތުގައި އިންޑިއާއިން ވަނީ ވަރަށް ގިނަ ޤައުމުތަކަކާއެކު ކަނޑާބެހޭ މުޢާހަދާތައް ޤާއިމުކޮށްފައެވެ. އިންޑިއާއިން މަސައްކަތް ކުރަނީ މި ޤައުމުތަކުން އެއްކުރާ މަޢުލޫމާތުތައް ޙިއްޞާކޮށްގެން މި ކަނޑު އަމާން ތަނަކަށް ހެދުމަށެވެ.

އިންޑިއާ–ސުޢޫދީ މި ތަމްރީނިތައް ފެށުނީ މި ދިޔަ ހޯމަ ދުވަހުއެވެ. މި ތަމްރީނުގެ ނަމަކީ "އިންޑިއާ ކަނޑު 2021″ އެވެ. މި ތަމްރީނުތަކުގައި އެއްގަމާއި ކަނޑުގެ ތަފާތު ތަމްރީނުތައް ހިމެނޭނެއެވެ. މި ތަމްރީނުތަކުގައި ބައިވެރިވާ އިންޑިއާގެ ޑިސްޓްރޯޔަރ މަނަވަރު "ކޯޗީ" ސުޢޫދީ އަރަބިއްޔާގެ ޖުބައިލު ބަނދަރަށް ދިޔުމުން ސުޢޫދީ ކަނޑުގެ ބާރުތަކުންނާއި ސުޢޫދީ ކޯސްޓް ގާރޑުންނާއި އިންޑިޔާ ސަފާރާއިން މި މަނަވަރަށް ވަރަށް ހޫނު މަރްޙަބާއެއް ކިއެވެ.

ކޯޗީ މަނަވަރަކީ ކަލްކަތާ މަރުކާގެ މިސައިލް ޑިސްޓްރޯޔަރެކެވެ. މިއީ 2015 ގައި އިންޑިއާގެ "މޯރގަން ޑޮކް ލިމިޓެޑް" ކުންފުނިން އުފެއްދި އުޅަނދެކެވެ. މި މަނަވަރަށް ކޯޗީ ކިޔާފައި ވަނީ މަޝްހޫރު ކޮޗިން (ދިވެހިން ކިޔާ ކޮއްޗޭ) ބަނދަރަށް ނިސްބަތްކޮށެވެ. މި އަހަރުތެރޭގައި މި މަނަވަރު ތަމްރީނުގެ ފަސް ބުރެއްގައި ބައިވެރިވެފައި ވެއެވެ. ތަމްރީނީ ބުރުތައް ފަށާފައިވަނީ ފަރަންސޭސިވިލާތުގެ ކަނޑުގެ ސިފައިންނާއެކު ގަލްފް ކަނޑުއޮޅީގައި ބޭއްވި "ހުދު މިއަރު -1″ ޕްރޮގްރާމުންނެވެ. މި ދިޔަ މާރިޗް މަހު ސޫދާނުގެ ކަނޑުގެ ސިފައިންނާއެކު ރަތްކަނޑުގައި ބޭއްވި "ފުލްކު -4″ ތަމްރީނުތަކުގައި ވެސް މި މަނަވަރު ބައިވެރިވިއެވެ. އޭގެ ފަހުން އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިންގެ ތަމްރީނުތަކެއްގައި ބައިވެރިވިއެވެ. އެންމެފަހުން ބައިވެރިވި ތަމްރީނުތަކަކީ އެމެރިކާ ސިފައިންނާއި އިނގިރޭސި ސިފައިންނާއެކު ބޭއްވި "ހުދު މިއަރު -21″ ތަމްރީނެވެ. މި ތަމްރީނުތަކުގެ އަމާޒަކަށް ހަދާފައިވަނީ ސަރަޙައްދީ ކަނޑުތަކާއި އައްސޭރިތަކާއި ބަނދަރުތައް ޙިމާޔަތް ކުރުމާއި ގަލްފް ކަނޑުގައި ޢަސްކަރީ އެއްބާރުލުން ވަރުގަދަކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *