Support Us

ހަނގުރާމައަށް ތައްޔާރުވުމަށް އިތިޔޯޕިއާގެ ޢާންމު ރައްޔިތުންނަށް ގޮވާލައިފި

އިތިޔޯޕިއާ ސަރުކާރުން ޓިގްރޭ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ހަނގުރާމަ ހުއްޓުން އުވާލައި އެ ސަރަޙައްދު މިނިވަންކުރުމަށް މަސައްކަތް ކުރާ ޙަރަކާތުގެ މިލީޝިޔާ ބާރުތަކާ ކުރިމަތިލުމަށް ޓަކައި ޙަރަކާތްތެރިވުމަށް އިތިޔޯޕިއާގެ ބޮޑު ވަޒީރު އާބީ އަޙްމަދު އަމުރު ކުރައްވައިފިއެވެ. ބޮޑުވަޒީރު އާބީގެ އޮފީހުން އިއްޔެ ހަވީރު ނެރުނު ބަޔާނުގައި، އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ޓަކައި ޢާއްމުން ސިފައިންގެ ޚިދްމަތަށް ނުކުތުމަށް ވަނީ ގޮވާލައިފައެވެ.

އާބީގެ އޮފީހުން ނެރުނު މި ބަޔާން ބުނާގޮތުގައި ސަރުކާރުން ޓިގްރޭ ސަރަޙައްދުގައި ހަނގުރާމަ ހުއްޓުން އިޢުލާން ކުރީ ޢާއްމު ރައްޔިތުންނަށް ޓަކައެވެ. އެހެނަސް ނިރުބަވެރީންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަޖްބޫރުވާ ހިސާބަށް ޓިގްރޭ ސަރަޙައްދުގައި ކަންކަން ނުބައި ވެފައިވާ ކަމަށް މި ބަޔާން ބުންޏެވެ. އެޑިސްއަބާބާ މި ބުނާ ނިރުބަވެރީންނަކީ ޓިގްރޭ ސަރަޙައްދު މިނިވަން ކުރުމަށް މަސައްކަތް ކުރާ "ޓިގްރޭ ލިބަރޭޝަން ފްރޮންޓް" އެވެ. އެޑިސްއަބާބާ ބުނާގޮތުގައި މި ޙަރަކާތުން ޓިގްރޭ ސަރަޙައްދުގައި ހިންގަމުންދާ ފޭރުމާއި ޤަތުލު ޢާއްމުތައް ހުއްޓުވުމަށް ޓަކައި ސަރުކާރަށް ފިޔަވަޅު އަޅަން މަޖްބޫރުކޮށްފިއެވެ.

ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ޓިގްރޭ ލިބަރޭޝަން ފްރޮންޓުން ވަނީ ސަރުކާރު ސިފައިންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. މި ފްރޮންޓުން ބަޔާންކުރާ ގޮތުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރީން އަމްހަރާ ޕްރޮވިންސްގައި އެ ޕްރޮވިންސްގެ ވިލްދިޔާ  ސަހަރު މިހާރު ވަނީ މި ފްރޮންޓްގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޓިގްރޭ ހަނގުރާމަވެރީން މި ދިޔަ ހުކުރު ދުވަހު ވަނީ މި ސަހަރުގެ އުތުރުގައި އޮންނަ ދޭސީ ސަހަރު ޙިޞާރުކޮށްފައެވެ. މި ފްރޮންޓްގެ ހަނގުރާމަ ވެރީން ދަނީ ސަރުކާރު ސިފައިން އަމާންދީފައި މި ސަހަރުން ފޭބުމަށް އަމުރުކުރަމުންނެވެ.

މި ސަހަރުގެ އިތުރަށް ޓިގްރޭ ހަނގުރާމަވެރީން ވަނީ ލާލީބޭލާ ނަމަކަށް ކިޔާ ތާރީޚީ ރަށް ހިފައިފައެވެ. މި ރަށުގައި ހުންނަ ގައު ފައްޅިއަކީ ދުނިޔޭގެ ތަރިކައިގެތެރޭގައި ރައްކައުތެރިކޮށްފައިވާ ފައްޅިއެކެވެ.

އިތިޔޯޕިއާގެ އުތުރުގައި ހަނގުރާމަ އަލުން ފެށުނީ ބޮޑު ވަޒީރު އަޙްމަދު އާބީ ޓިގްރޭ ސަރަޙައްދުގައި ވެރިކަން ކުރާ ޕާޓީގެ ދަށުގައި އޮންނަ ޓިގްރޭ ލިބަރޭޝަން ފްރޮންޓް ނައްތައިލުމަށް ސިފައިން ފޮނުއްވުމުންނެވެ. އާބީއަށް 2018ގައި ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުގެ ތިން ދަހަރު ކުރިން މި ސަރަޙައްދުގައި ވެރިކަން ކުރަމުން ދިޔައީ މި ޕާޓީންނެވެ.

ތާރީޚީ ގައު ފައްޅި

ޓިގްރޭ ސިފައިން ކުރަމުންދާ ހަނގުރާމަތަކުގައި އެމީހުން މިހާރު ވަނީ ޢައްފާރު ޕްރޮވިންސަށް ވަދެފައެވެ. ވެރިރަށް އެޑިސްއަބާބާއާއި ޖިބޫޓީގެ ކަނޑުގެ ބަނދަރު ގުޅުވައިދޭ ހަލި މަގު ދަތުރު ކުރަނީ މި ޕްރޮވިންސްތެރެއިން ލައިފައެވެ. މި މަގު ބަންދު ކުރެވިއްޖެނަމަ އިތިޔޯޕިއާއަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އިތިޔޯޕިއާއަކީ ކަނޑުގެ ބަނދަރެއް ނެތް ރަށްބަންދު ޤައުމެކެވެ. އަވަށްޓެރި ޖިބޫޓީ ނޫން އަވަށްޓެރި ޤައުމުތަކަކީ ހަލަބޮލިކަން ހަމަޖެހުންނެތް ޤައުމުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *