ލުބްނާނުގެ ބިމުގެ ތެރެއިން އިސްރާއީލުގެ ސަރަޙައްދުތެރެއަށް ރޮކެޓް ޙަމަލާތަކެއް ދިން މަސްއަލައާ ވިދިގެން ލުބްނާނާ ދެކޮޅަށް އިސްރާއީލުން ސަލާމަތީ މަޖިލީހަށާއި އދ އަށް ރޭ ޝަކްވާ ހުށައަޅައިފިއެވެ. އިސްރާއީލުން ރޭ ޙިޒްބުﷲ ޖަމާޢަތަށް ވެސް އިންޒާރެއް ދިނެވެ. ޙިޒްބުﷲއާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއްދީ އެ ޖަމާޢަތުގެ ބިނާރުތައް ފުޑުފުޑުކޮށްލާނެ ކަމަށް އިސްރާއީލުން ބުންޏެވެ. އިސްރާއީލުން ސިފަކުރި ގޮތުގައި ޙިޒްބުﷲގެ މި ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ސަލާމަތަށާއި އެ ޤައުމުގެ ރައްޔިތުންގެ ޙަޔާތަށް ނުރައްކާތައް ދަނީ ފޯރަމުންނެވެ.
އދ.ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޖިލްޢާދު އިރްދާން މި ޝަކްވާ ހުށައެޅުއްވީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށާއި ސަލާމަތީ މަޖިލީހުގެ ރައީސް ޓީ އެސް ޓިރޮމޯޓީ އަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ.
އިރްދާން މި ދެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ. "ޙިޒްބުﷲއާއި ނިރުބަވެރި އެހެން ޖަމާޢަތްތަކުން އިސްރާއީލަށް ޙަމަލާދެމުން މި ދަނީ ލުބްނާނު މިއަދު ދެކެމުންދާ ދަތި ޙާލަތާ ދުރަށް ލޯތައް ލުމަށް ޓަކައެވެ." އޭނާ ވިދާޅުވިއެވެ. "އިސްރާއީލަށް މި ހަފުތާގައި ދިން ޙަމަލާތައް އަޅުގަނޑުމެން ކުށްވެރި ކުރަމެވެ."
ލުބްނާނުން އިސްރާއީލަށް ޙިޒްބުﷲ އިން މި ދެމުންގެންދާ ޙަމަލާތަކަކީ ސަލާމަތީ މަޖިލީހުގެ 1701 ވަނަ ޤަރާރާ ޚިލާފު ޢަމަލުތަކެއް ކަމަށް އިސްރާއީލުގެ ސަފީރު ވިދާޅުވިއެވެ.
ސަރަޙައްދަށް ހަމަނުޖެހުން
އިސްރާއީލުގެ ސަފީރު ވިދާޅުވިގޮތުގައި މި ހަފުތާގައި ލުބްނާނުގެ ތެރެއިން މި ދިން ޙަމަލާއަކީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ދެމުން ގެންދިޔަ ސިލްސިލާ ޙަމަލާތަކުގެ ބޮޅެކެވެ. މިއީ "އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއްނޫނެވެ. މި ކަމުގެ ސަބަބުން ސަރަޙައްދު ހަލަބޮލިވެގެން ހިނގައިދާނެއެވެ."
އިސްރާއީލު ސަފީރު ވިދާޅުވިގޮތުގައި މިއީ އީރާނުން އެމީހުންގެ އޭޖެންޓުން ބާރުވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ސަލާމަތީ މަޖިލީހުގެ ޤަރާރަށް ޢަމަލު ކުރުމުގެ މުހިއްމުކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަލާމަތީ މަޖިލީހުގެ 1701 ވަނަ ޤަރާރު ފާސްކޮށްފައި ވަނީ 2006ވަނަ އަހަރުއެވެ. އެއީ އެ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އިސްރާއީލާއި ލުބްނާނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކާ ވިދިގެން ފާސްކުރެވުނު ޤަރާރެކެވެ. މި ޤަރާރު ތަންފީޒު ކުރެވެމުންދާ ގޮތް ބެލުމަށް ޓަކައި އދ. އިން ދެކުނު ލުބްނާނުގައި ސިފައިން ވަނީ ބައިތިއްބައިފައެވެ.
އިސްރާއީލުގެ ޑިޕްލޮމެޓް ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީގައި ސަލާމަތީ މަޖިލީހުގެ މި ޤަރާރާ ޚިލާފުވި ޚިލާފުވުން ހަރުކަށި ބަހުން ކުށްވެރިކުރުމަށް ގޮވާލައްވައިފާ ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޙިޒްބުﷲއާއި ނިރުބަވެރިވެރި އެހެން ޖަމާޢަތްތަކުގެ މި ނުބައި ޢަމަލުތައް ހުއްޓުވުމުގައި ލުބްނާނު ސަރުކާރު ވަނީ ނާކަމިޔަބުވެފައެވެ. މިކަމުގެ ސަބަބުން ލުބްނާނު ގަޑުބަޑުވެ ހަލާކުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ މި ތުހްމަތުތަކާ ބެހޭގޮތުން ލުބްނާނު ސަރުކާރުން ވެސް އަދި ޙިޒްބުﷲއިން އަދި އެއްވެސް ކޮމެންޓެއް ނުކުރެއެވެ.
އީރާނުގެ ޢުދްވާން
އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ދިފާޢީ ވަޒީރު ބަނީ ގެންޓްސް އެމެރިކާގެ ދިފާޢީ ވަޒީރު އޮސްޓަންއާ ގުޅުއްވާ "އީރާނުގެ ޢުދްވާން" ހުއްޓުވުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާކަމަށް ރޭ ވިދާޅުވިއެވެ. އިސްރާއީލުގެ ސަލާމަތީ ކަންކަމާ ބެހޭ ވުޒާރާއާ ޙަވާލާދީ އިސްރާއީލުގެ މަޢާރީފު ދުވަހު ނޫސް ބުނިގޮތުގައި "އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި އެމެރިކާއިން މަސައްކަތް ކޮށްދިނުމަށް" އޭނާ އެދިވަޑައިގެންނެވިއެވެ.
ވަޒީރު ގެންޓްސްއާ ޙަވާލާދީ މަޢާރީފު ބުނިގޮތުގައި ލުބްނާނު ތެރެއިން އިސްރާއީލަށް މި ދެވޭ ޙަމަލާތަކަކީ "އީރާނުގެ ޢުދްވާން" އެކެވެ. އޭނާ އޮސްޓަންއަށް ދެންނެވިއެވެ. "ތައްލު އަބީބު މި އޮތީ ހުރިހާ ސީނާރިއޯ ތަކަކަށް ތައްޔާރުވެގެންނެވެ. ޙިޒްބުﷲއާއި އެ ޖަމާޢަތުގެ އޭޖެންޓުންނާ ދެކޮޅަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން އިސްރާއީލުން އެ ޤައުމުގެ ރައްޔިތުން ދިފާޢު ކުރާނެ" ކަމަށް ގެންޓްސް ދެންނެވިއެވެ.



advertisment