އިސްރާއީލުގެ އުތުރު ސަރަޙައްދާއި ހިފައިފައިވާ ގޯލާންގެ އުސް ބިންތަކުގެ ސަރަޙައްދުގައި އިންޒާރުގެ ކަށިގަނޑު މިއަދު ފުމެލައިފިއެވެ. އިސްރާއީލުގެ ސަލާމަތީ މަޞްދަރުތައް ބުނާގޮތުގައި އެ ސަރަޙައްދުގެ ތަފާތު ހިސާބުހިސާބަށް ދިން ރޮކެޓް ޙަމަލާތަކެއްގައި 10 ރޮކެޓް އެ ސަރަޙައްދަށް ވެއްޓުނެވެ. ލުބްނާނާ އިންވެފައި އޮންނަ އިސްރާއީލުގެ އުތުރު ސަރަޙައްދު ހޫނުވަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އިސްރާއީލަށް ދިން މި ޙަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ބެހޭގޮތުން އިސްރާއީލުން އަދި ތަފްޞީލެއް ނުދެއެވެ. އެހެނަސް ޚަބަރު ފަތުރާ އިސްރާއީލުގެ ވަސީލަތްތައް ބުނާގޮތުގައި އިސްރާއީލުގެ ދިފާޢީ ނިޒާމުން (ދަގަނޑު ޤުއްބުން) ބައެއް ރޮކެޓްތަކަށް ހުރަސްއެޅިއެވެ. މި ޙަމަލާގެ ސަބަބުން ޝަބްޢާ ދަނޑުބިން ސަރަޙައްދުގައި ހުޅު ރޯވިކަމަށް ވެސް އިސްރާއީލުގެ މީޑިޔާތަކުން ބުންޏެވެ. މި މަޞްދަރުތައް ހާމަކުރިގޮތުގައި އިސްރާއީލާ ދިމާއަށް ވިއްސަކަށް ރޮކެޓް ފޮނުވާލެވުނެވެ. ދަގަނޑު ޤުއްބުން ހުރަސްއަޅައި އޭގެތެރެއިން 10 ރޮކެޓް ވައްޓައިލިއެވެ.
އަނެއްކޮޅުން ޙިޒްބުﷲ ބުނާގޮތުގައި ދެކުނު ލުބްނާނުން އިސްރާއީލަށް މިއަދު ރޮކެޓް ޙަމަލާތަކެއް ދިނެވެ. އެއީ 122 މިލިމީޓަރުގެ ރޮކެޓްތަކެއް ކަމަށް ޙިޒްބުﷲ އިން ބުންޏެވެ. އެ ޖަމާޢަތް ބުނިގޮތުގައި މިއީ އިސްރާއީލުން ބުރާސްފަތި ދުވަހު ދިން ވައިގެ ޙަމަލާއަށް ދިން ރައްދެކެވެ.
އިސްރާއީލުން ހާމަކުރި ގޮތުގައި އިންޒާރުގެ ކަށިގަނޑު ތިން ސަރަޙައްދެއްގައި އެޅުނެވެ. އިސްރާއީލާ ދިމާއަށް އައި ރޮކެޓްތަކުގެ ތެރެއިން ދެ ރޮކެޓް ވެއްޓުނީ އުތުރު އިސްރާއީލަށެވެ. ތިންވަނަ އެތި ވެއްޓުނީ ދެކުނު ލުބްނާނުތެރެއަށެވެ.
އިސްރާއީލުގެ ވައިގެ ޙަމަލާ
އިސްރާއީލު ސިފައިން ހާމަކުރިގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ ދެކުނު ލުބްނާނަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އެއީ އެ ސަރަޙައްދުތެރެއިން އިސްރާއީލު ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކަށް ޙަމަލާތަކެއް ދީފައިވާތީއެވެ.
އިސްރާއީލުގެ މީޑިއާ ބުނާގޮތުގައި އިސްރާއީލު ސިފައިން ލުބްނާނުގެ ބިމަށް ބޮޑު ބަޑިން ރައްދު ޙަމަލާ ދިނެވެ. އަލްޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން އިސްރާއީލީންނަށް ބިންގަރާސްތެރެއަށް ވަދެ ޙިމާޔަތް ހޯދުމަށް އެންގިއެވެ.
ލުބްނާނު ބުނާގޮތުގައި އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ދެކުނު ލުބްނާނުގެ ރާޝިޔާ ނަމަކަށް ކިޔާ ރަށުގެ އެކި ހިސާބުހިސާބުގައި ހުޅު ރޯވިއެވެ. ލުބްނާނުގައި ތިބި އދ ސިފައިންނާއެކު މި ކަމާ ބެހޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް އިސްރާއީލު ސިފައިން ބުންޏެވެ.
އިސްރާއީލުން 2006 ވަނަ އަހަރު ދެކުނު ލުބްނާނަށް އަރައި ޙިޒްބުﷲ ޖަމާޢަތާއެކު ހަނގުރާމައެއް ވަނީ ކޮށްފައެވެ. ޙިޒްބުﷲ އަކީ ދެކުނު ލުބްނާނުގައި ވަރަށް ތާއީދު ބޮޑު ސިޔާސީ އަދި ދީނީ ޕާޓީއެކެވެ.
ޙިޒްބުﷲއިން އިޢުތިރާފުވެއްޖެ
އިސްރާއީލުން ރޭ ދެކުނު ލުބްނާނުގެ ޝަވާކީރު ސަރައްދަށާއި ޖުރްމުޤު ސަރަޙައްދަށް ދިން ވައިގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުﷲ އިން އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއް ދީފައިވާނެ ކަމަށް ޙިޒްބުﷲއިން ބުނެފިއެވެ. މި ކަން އެ ޖަމާޢަތުން އިޢުލާނު ކުރީ މިއަދު 13:15 ގައި ނެރުނު ބަޔާނެއްގައެވެ.



advertisment