Support Us

ނިޔުކްލިއަރ ހަތިޔާރަކީ ޝަރްޢީގޮތުން ޙަރާން އެއްޗެއް: އީރާނުގެ އައު ރައީސް

އީރާނުގެ އައު ރައީސް އިބްރާހީމު ރައީސީ ރައީސްކަމުގެ ޤާނޫނީ ހުވާ އިއްޔެ ހަވީރު ކުރައްވައިފިއެވެ. ދުސްތޫރީ ހުވާ ކުރެއްވުމަށް ފަހު ދެއްވި ޚިޠާބުގައި ރައީސީ ވިދާޅުވިގޮތުގައި އޭނާ އިސްކަން ދެއްވާނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލެއްވުމަށާއި އީރާނުގެ ވުޖޫދު ސަރަޙައްދުގައި ވަރުގަދަ ކުރެއްވުމަށެވެ.

އޭނާ ކަށަވަރުކޮށް ދެއްވިގޮތުގައި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ޕްރޮގްރާމެކެވެ. އޭގެ މަޤްޞަދުތަކުގެތެރޭގައި ނިޔުކްލިއަރ ހަތިޔާރު އުފެއްދުން ނުހިމެނޭ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ނިޔުކްލިއަރ ހަތިޔާރަކީ "ޝަރްޢު ހުއްދަ ކުރާ" ހަތިޔާރެއްނޫނެވެ.

ރައީސީ ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި އީރާނުގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި އީރާނުގެ ބަރްލަމާނުގެ މެންބަރުންނާއި ސަރަޙައްދުގައި އީރާނުން މަދަދުވެރިވާ ޙަރަކާތްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވެ.

ރައީސީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޤައުމުގެ ދުޝްމަނުން ދަނީ އީރާނާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ކުރަމުންނެވެ. މީގެއިތުރަށް އެމީހުން ދަނީ އިޤްތިޞާދީ ގޮތުން އީރާނާ ބޮއިކަޓު ކުރަމުންނެވެ."

ރައީސީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ސުލްޙަވެރި ޕްރޮގްރާމެކެވެ. އަޅގަނޑުމެންގެ ޢަޤީދާގައި ނިޔުކްލިއަރ ހަތިޔާރަކީ ޝަރްޢު ޙަރާންކޮށްފައިވާ އެއްޗެކެވެ. އަޅުގަނޑުމެންގެ އިސްތިރާތީޖީގައި އެ ހަތިޔާރަށް ފައިތިލަ ބަހައްޓައިލާނެ ޖާގައެއް ނުލިބޭނެއެވެ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސަރަޙައްދަށް ބިދޭސީން ވަދެގެން އެއްވެސް މަސްއަލައެއް ޙައްލެއް ނުކުރެވޭނެއެވެ. އޭގެ ޒާތުގައި އެއީ ހަމަ ބޮޑު މަސްއަލައެކެވެ."
އޭނާ ވިދާޅުވިއެވެ. "ސަރަޙައްދުގައި އީރާނުގެ ބާރަކީ އަމާންކަމާއި ހަމަޖެހުން ސަރަޙްއަދަށް ގެނެސްދޭނެ ބާރެކެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ބާރުތަކުގެ ކުރިމަތީގައި އޮތް ހުރަހަކަށް މި ބާރު ވެގެން ދާނެއެވެ. އެމެރިކާއާއި އެފްރިކާއާއި ޔޫރަޕާއި ސޫރިޔާއާއި ފަލަސްޠީނުގައި އަނިޔާ ލިބެމުންދާ މީހުންނާއެކު އީރާނު ދެމި އޮންނާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ނިކަމެތީންގެ އަޑު އުފުލާ ބާރަކަށް އީރާން ވާނެއެވެ."

ރައީސީ ވިދާޅުވިއެވެ. "އީރާނުގެ ރައްޔިތުންގެ ޢަޒްމު ގޮވައިލަނީ އިންޤިލާބީ ރާސްތާ ކުރިއަށް ގެންދިޔުމަށެވެ. އީރާނުގެ ރައްޔިތުންގެ މަތިވެރި ހިއްމަތުގެ ސަބަބުން އެމީހުން ވަނީ ހުރިހާ ކަސްތޮޅުތަކަކުން އީރާނު މިނިވަންކޮށްފައެވެ."

އޭނާގެ ސަރުކާރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ރައްޔިތުންނަށް އަދާކުރަން ޖެހޭ އަމާނަތް އަދާކުރުމަށް ޓަކައި ތެދުވަންވީ ވަގުތު އަތުވެއްޖެއެވެ. މިކަމަށް ޓަކައި އަޅުގަނޑު އެކުލަވައިލާ ސަރުކާރު ވާނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށެވެ. ބައިބައިވުމެއްނެތް ވަޠަނެއް ޤާއިމު ކުރުމަށް ޓަކައެވެ." އޭނާ ވިދާޅުވިއެވެ. "އީރާނުގެ ރައްޔިތުންނަށް އެމީހުންގެ އިސްލާމީ ޖުމްހޫރިއްޔާއާ އެކަށީގެންވާފަދަ ފާގަތި ކުރިމަގެއް ތަނަވަސްކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނޫއެވެ." ފަސާދައިގެ ކުޅިތައް ހިންދައިލުމަށް ޓަކައި އިޤްތިޞާދު ވަރުގަދަ ކުރުމަށާއި ޤައުމީ ފައިސާގެ އަގު ދެމެހެއްޓުމަށް ޓަކައި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސީ ވިދާޅުވިއެވެ. އޭނާ މި ސަރުކާރަށް ވާގިވެރިވުމަށް ޓަކައި އެންމެން އެކުގައި ތެދުވުމަށް ވެސް ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *