ޖުމްލަ 85 ޤައުމެއްގެ ޢިލްމުވެރީންނާއި ވަޒީރުންނާއި މުފްތީން ބައިވެރިވެވަޑައިގަންނަވާ ފަތުވާއާ ބެހޭ ބައިނަލްއަޤްވާމީ ހަ ވަނަ ބައްދަލުވުން މިޞްރުގެ ވެރިރަށް ޤާހިރާގައި މިއަދު ހަވީރު ފެށޭނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު ނަމަކީ "ސުމޭކު ޒަމާނުގައި ފަތުވާދޭ މުއައްސަސާތައް… ތަރައްޤީކުރުމަށް ހުރަސްއަޅައި ގޮންޖެހުންތަކާއި އެއްބާރުލުމުގެ އާލިއްޔަތުތައް"އެވެ.
މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ މި މަހާސިންތާގައި ބައިވެރިވެ ވަޑައިގަންނަވާ ވަފްދުތަކުގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވާނެއެވެ. މި މަހާސިންތާގެ އިފްތިތާޙީ ޖަލްސާ ހަވީރަށް ބަދަލު ކުރެވުނީ ރައީސްގެ މި ބައްދަލުވުން ހަމަޖެހުމުންނެވެ.
ފަތުވާއާ ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި މިޞްރުގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގަންނަވާނީ މުވާޞަލާތާއި މައުލޫމާތުގެ ފަންނިއްޔާތާ ބެހޭ ވަޒީރު ޑރ. ޢަމްރު ޠަލަޢަތެވެ.
ދެ ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ބައްދަލުވުމުގައި މައިގަނޑު ހަތަރު ނާރެހެއް ހިމެނެއެވެ. މި ހަތަރު ނާރެސް އެނބުރޭނީ "ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ޓަކައި ފަތުވާއާ ބެހޭ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުމުގެ އާލިއްޔަތެއް ޤާއިމުކުރުމާއި، ފަންނިއްޔާތުގެ ތަރައްޤީގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމާއި، ސުމޭކު ބަދަލުވުމުގެ ތެރެއިންލައިފާ ސުމޭކީ ދުނިޔެއަށް ވަނުމާ ބެހޭގޮތުންނެވެ."
އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި މިޞްރުގެ ޖަސްޓިސް މިނިސްޓަރު ޢުމަރު މަރްވާނާއި މިޞްރުގެ އައުޤާފު މިނިސްޓަރ ޑރ. މުޙައްމަދު މުޚްތާރު ޖުމްޢާއާއި އަޒްހަރުގެ ވަކީލު ޑރ. މުޙައްމަދުއް ޟުވައިނީއާއި އުރްދުންގެ މުފްތީ އައްޝައިޚު ޢަބްދުލްކަރީމުލް ޚަޞާވުނާއާއި ޖަޒާއިރުގެ ދީނީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. ޔޫސުފު ބަލްމަހްދީއާއި ރާބިޠަތުލް ޢާލަމިލްއިސްލާމީގެ އަމީން ޢާއްމުގެ އެހީތެރިޔާ ޑރ. ޢަބްދުއްރަޙްމާނުއް ޒައިދާއި ޢިރާޤުގެ ސުންނީ ވަޤްފާބެހޭ އިދާރާގެ ރައީސް ޑރ. ސައުދު ޙަމީދު ކުމައިޝާއި ބޮސްނިޔާ ހެޒްގަވީނާގެ ކުރީގެ މުފްތީ އައްޝައިޚު މުޞްޠަފާ ސީރިޗާއި ސޫދާނުގެ ދީނީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. ނަޞްރުއްދީން މުފްރިޙު ހިމެނިވަޑައިގަންނަވައެވެ.



advertisment