Support Us

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނޫސްވެރީންނާ މުޚާޠަބު ކުރައްވަނީ

އިސްރާއީލުގެ ތެޔޮ ބޯޓަށް ޙަމަލާދިން ކަމަށް އީރާނުން އެއްބަހެއްނުވޭ

ޢުމާން އައްސޭރިފަށުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަށް ޙަމަލާދިނީ އީރާނުން ކަމަށް އިސްރާއީލުން ބުނުމުން އީރާނުގެ ޚާރިޖިއްޔާއިން އެ ކަން ނަފީކޮށްފިއެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރަށް ލިބިފައިވާ ޖާސޫސީ މަޢުލޫމާތުތައް ކަށަވަރުކޮށްދޭ ގޮތުގައި މި ދިޔަ ބުރާސްފަތި ދުވަހުގެ ޙަމަލާއަކީ އީރާނުން ދިން ޙަމަލާއެކެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ސަޢީދު ޚަޠީބު ޒާދާ އާދީއްތަ ދުވަހު ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިގޮތުގައި އިސްރާއީލުގެ  މަރސަރ ސްޓްރީޓް ނަމަކަށް ކިޔާ ބޯޓަށް އީރާނުން ޙަމަލާދިން ކަމަށް ކުރާ ތުހްމަތަކީ އެއްވެސް އަސާސެއްނެތް ވާހަކައެކެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ތައްލު އަބީބުން މިފަދަ ތުހްމަތެއް އީރާނުގެ ބޮލުގައި އެޅުވި ފުރަތަމަ ފަހަރެއްނޫނެވެ. އޭނާ ވިދާޅުވިގޮތުގައި "އިސްރާއީލު ސަރަޙައްދަކަށް ވަދެއްޖެނަމަ އެ ސަރަޙައްދެއްގެ ސަލާމަތަށާއި ހަމަޖެހުމަށް ގަނޑުބަޑުކަން ގެންނާނެއެވެ. އެ ސަރަޙައްދެއްގައި ހަރުކަށި ޢަމަލުތަކާއި ނިރުބަވެރި ޢަމަލުތައް ހިންގާނެއެވެ." އޭނާ ވިދާޅުވިއެވެ. "މި ފަދަ ތުހްމަތުތަކުގެ ބޭނުމަކީ ޙަޤީޤަތާ ދުރަށް ލޯތައް އަނބުރާލުމެވެ."

އޭނާ ވިދާޅުވިއެވެ. "މި ފަދަ ތުހްމަތުތައް އީރާނުގެ ބޮލުގައި އަޅުވަން އުޅުމަކީ އައު ކަމެއްނޫނެވެ. މި ޙަމަލާގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ މި ސަރަޙައްދުގައި އިސްރާއީލުގެ ފައިތިލަ ސާބިތުކުރުވި ފަރާތްތަކަށެވެ."

މި ޙަމަލާގެ ސަބަބުން މި ބޯޓުގެ ދެ ފަޅުވެރިއަކު މަރުވިއެވެ. އެއީ އިނގިރޭސިވިލާތުގެ މީހަކާއި ރޯމޭނިޔާގެ މީހެކެވެ. މި ބޯޓަކީ އިސްރާއީލުގެ ޒޯޑިއެކް މެރިޓައިމް އިން ހިންގާ ބޯޓެކެވެ. މި ބޯޓުގައި ނަގާފައިވަނީ ލައިބީރިއާގެ ދިދައެވެ. މި ބޯޓުގެ ވެރި ކުންފުނި ބުނާގޮތުގައި މިއީ ކަނޑުފޭރުމުގެ ޢަމަލެކެވެ. ޢުމާނުގެ ކަނޑުގެ ސަލާމަތާ ބެހޭ މަރްކަޒުން ބުނިގޮތުގައި މި ޙާދިސާ ހިގާފައިވަނީ އެ ޤައުމުގެ ސަރަޙައްދުން ބޭރުގައެވެ.

އިސްރާއީލުގެ ޚާރިޖީވަޒީރު ޔާއީރު ލެޕިޑް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މި ބޯޓަށް ޙަމަލާ ދިނުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އީރާނަށެވެ. އޭނާ ވިފދާޅުވިގޮތުގައި އިސްރާއީލުން އުއްމީދު ކުރަނީ ބައިނަލްއަޤްވާމީ ނިޒާމުން އީރާނު ކުށްވެރިކޮށް އެ ޤައުމުން މި ހިންގި ޖަރީމާގެ ނުބައިކަން ދުނިޔެއަށް ހާމަކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން އީރާނަށް މި ކަމުގެ ނުބައިކަން ދައްކުވާދޭނެއެވެ.

އަނެއްކޮޅުން އެމެރިކާ ބުނާގޮތުގައި މި ބޯޓަށް ދެވުނު ޙަމަލާ ތަޙްޤީޤު ކުރުމުގެ މަސައްކަތުގައި އެމެރިކާއިން ބައިވެރިވާނެއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ޚާރިޖީ ވަޒީރު ބްލިންކެން އިސްރާއީލުގެ ޚާރިޖީ ވަޒީރާ ގުޅުއްވާ މި މަސްއަލަ ބެލުމަށް ޓަކައި އިނގިރޭސިވިލާތާއި ރޯމޭނިޔާއާއި އެހެނިހެން ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ފަސްވަނަ ފްލީޓު ބުނާގޮތުގައި ތަޖްރިބާކާރުންގެ ފުރަތަމަ ހޯދުންތައް ދައްކާގޮތުގައި މި ބޯޓަށް ޙަމަލާދީފައިވަނީ ޑްރޯނަކުންނެވެ. އިސްރާއީލުގެ މި ބޯޓު ދަތުރުކުރަމުން ދިޔައީ އިމާރާތުން ތެޔޮ އަރުވައިގެން ޓެންޒާނިޔާއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *