Support Us

ޗައިނާއާއި އޮސްޓްރޭލިއާގައި ފުރަބަންދު އިތުރުކުރަނީ! ފަރަންސޭސީން ފުރަބަންދާ ދެކޮޅަށް ހިނގައިލުންތައް ބާއްވަނީ!

ޗައިނާއާއި އޮސްޓްރޭލިއާގައި ޑެލްޓާ ތަފާތަރުގެ ވޭދަނަތައް އިތުރުވުމާގުޅިގެން ކޮވިޑް19ގެ ބަލި މީހުންގެ ޢަދަދު ކުއްލިއަކަށް އިތުރުވެއްޖެއެވެ. އަނެއްކޮޅުން ކޮވިޑުން ސަލާމަތްވުމަށް ޓަކައި އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އެތައް ހާސްބަޔަކު ފަރަންސޭސިވިލާތުގައި ހިނގައިލުންތައް ވެސް ބާއްވައިފިއެވެ.

އިންޑިއާއިން ފުރަތަމަ ފެނިފައިވާ ޑެލްޓާ ތަފާތަރުގެ ސަބަބުން ހަރުކަށި ފިޔަވަޅުތައް އެޅުން ބައެއް ސަރުކާރުތަކަށް މަޖުބޫރުވީއިރު، އަނެއްބައި ގައުމުތަކުން އުޅެނީ އިޤުތިޞާދު ރަނގަޅުކުރުމުގެ ތަދުބީރުތައް ކުރުމުގައި ހޭބޯނާރައެވެ.

ޑެލްޓާ ތަފާތަރު މިހާރު 132 ޤައުމަކަށާއި ސަރަހައްދަކަށް ވަނީ ފެތުރިފައެވެ. މި ޢަލަމީ ވަބާގައި މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އަދިވެސް ބަލި ފެތުރުމަށް ހުއްޓުމެއް އައިސްފައިވާކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ.

"ޑެލްޓާއަކީ އިންޒާރެކެވެ: އެއީ މި ވައިރަސް އެކި ޙާލަތަށް ބަދަލުވާކަމާއި އިތުރު ނުރައްކާތަކާ ކުރިމަތިވުމުގެ ކުރީން އިތުރު ފިޔަވަޅުތައް އަޅާން ޖެހޭކަމުގެ އިނޒާރެކެވެ." ޑަބްލިޔޫއެޗްއޯއިން ބުނެފައިވެއެވެ.

ޗައިނާގައި މިހާރު ޑެލްޓާ ތަފާތަރު 14 ޕްރޮވިންސަކަށް ފެތުރިފައިވާއިރު، 2019ގެ ފަހު ކޮޅު ފުރަތަމަ ފަހަރަށް މި ބަލި ވޫހާން ސިޓީއިން ފެނުމާ ގުޅިގެން ބަލި ކޮންޓްރޯލްކުރުމުގައި ކާމިޔާބު ހޯދި ފަދައިން، މި އާ ތަފާތަރު މައިތިރިކުރުމުގައި ޗައިނާއަށް ވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ޗައިނާއިން މިހާރުވަނީ މިލިއަނަކަށްވުރެ ގިނަ މީހުން ފުރަބަންދުކޮށް، ފުޅާ ދާއިރާއެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ ވަރުގަދަ ކެންޕޭނެއް ފަށައިފައެވެ.

"މި ތަފާތަރު މައިތިރިކުރުމާއި ބަލީން ރައްކާތެރިވުމަށް ޓަކައި ކުރާންޖެހޭ މަސައްކަތަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން މިހާރު ޚާއްސަ އިސްކަމެއް ދީގެން މިއުޅެނީ ޑެލްޓާ ތަފާތަރު ކޮންޓްރޯލްކުރެވޭތޯއެވެ." ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ)ގެ ތަރުޖަމާނު މީ ފެންގ ވިދާޅުވިއެވެ.

އާބާދީގައި އެންމެ 14 އިންސައްތައަށް ވެކްސިން ދެވިފައިވާ އޮސްޓްރޭލިއާގައި ތިން ވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ބްރިސްބޭންއާއި ކްއީންސްލޭންޑްގެ އެހެން ބައެއް ސަރަހައްދު އިއްޔެއިން ފެށިގެން މިހާރުވަނީ ކުއްލި ފުރަބަންދެއްގައެވެ.

އެފްރިކާގައި ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި ވޭދުވެ ދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް ކޮވިޑުބަލީގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއީ ޢާލަމީ ވަބާ ފެށުނު ފަހުން މަރުގެ ޢަދަދު މިހާ މައްޗަށް ދިޔަ ފަހަރު ވެސްމެއެވެ. އެހެން ނަމަވެސް ރުވަންޑާގައި ކޮވިޑްގެ ޙާލަތު ގޯސްވަމުން ދާއިރު، ވެރިރަށް ކިގާލީއާއި އެހެން އަށް ސަރަހައްދަކުން ފުރަބަންދު އުވައިލާން ވަނީ އަމުރުކޮށްފައެވެ. އަދި މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގައި ޢަމަލުކުރާނެ އާ އުސޫލުތަކެއް އިޢުލާންކުރާން ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނައިޖާރ އަށް ތިން ލައްކައަށްވުރެ ގިނަ ޑޯޒު "ޖޯންސަން އެންޑް ޖޯންސަން" ވެކްސިން މިހާރުވަނީ އެމެރިކާއިން ހަދިޔާކޮށްފައެވެ.

އެމެރިކާގައި ވެސް ކޮވިޑްގެ ޑެލްޓާ ތަފާތަރުގެ ސަބަބުން ވަނީ ކަންބޮޑުވުން އިތުރުވެފައެވެ. ހުކުރު ދުވަހު ލީކުވި އެމެރިކާގެ ރަސްމީ ލިޔުމަކުން އެނގޭ ގޮތުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ވެކްސިން ނުޖަހާ މީހުންނެކޭ އެއް ފަދައިން، ކޮވިޑުގެ އާ ތަފާތަރު ވާޞިލުވެއެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް އެމެރިކާއަށް ވެސް މިވަނީ ހުރަސްތަކާ ކުރިމަތިވެފައިކަން އެނގެއެވެ.

މިއީ ދުނިޔޭގެ ކުރިއަރައިފައިވާ ޤާއުމުތަކުގެ ޙާލު ކަމަށް ވާއިރު އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މި ބަލީން ރައްކާތެރިވުމުގެ ގޮތުން އަމިއްލަ އިސްނެގުމުގެ މަތީން ރައްކާތެރި ފިޔަވަޅުތަކަށް ސަމާލުކަން ދީގެން ދިރިއުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *