Support Us

ވިންޑީ ޝަރމަނާއި ސަރގީ ރިޔާބިކޯފް ޖެނީވާގައި

ނިޔުކްލިއަރ މޭޒުދޮށަށް ދަޢުވަތު ދެވޭ ފަރާތްތައް ކަނޑައެޅުމުގައި އެމެރިކާއާއި ރަޝިޔާގެ ޚިޔާލު ތަފާތު

ނުރައްކާތެރިކަން ބޮޑު ހަތިޔާރުތައް ކޮންޓްރޯލް ކުރުމާ ބެހޭގޮތުން ޖެނީވާގައި އެމެރިކާއާއި ރަޝިޔާއާ ދެމެދުގައި ބޭއްވެމުންދާ ވާހަކަދެއްކުންތައް ފުޅައު ކުރުމުގެ މަސްއަލައިގައި ބޮޑު ދެ ބާރުގެ ޚިޔާލު ތަފާތުވެއްޖެއެވެ. މި ވާހަކަދެއްކުންތަކުގައި އިނގިރޭސީންނާއި ފަރަންސޭސީން ބައިވެރިކުރުމަށް މޮސްކޯއިން އެދޭއިރު ވޮޝިންގްޓަނުން ބުނާގޮތުގައި މި ވާހަކަދެއްކުންތަކުގައި ޗައިނާ ބއައިވެރިކުރަން ޖެހޭނެއެވެ. އެމެރިކާއާއި ރަޝިޔާ ބުނާގޮތުގައި ބުދަ ދުވަހު ޖެނީވާގައި ފެށުނު ވާހަކަ ދެއްކުންތައް ނާރެސްވެފައިވަނީ "މައިގަނޑުނަމާއި ޙާލަތާއި މަސައްކަތާ ބެހޭގޮތުން"ނެވެ. މި ބައްދަލުވުމަކީ ބޮޑު ދެ ބާރުގެ ދެމެދުގައިވާ ގުޅުންތައް މީގެ ކުރިން ދަށަށް ނުދާފަދަ މިންވަރަކަށް ދަށަށްގޮސް ގުޅުންތައް ނުތަނަވަސްވުމާ ވިދިގެން މި ގުޅުންތައް ރަނގަޅު ކުރުމަށް ޓަކައި ކުރެވޭ މަސައްކަތުގެ ގިއުގަނޑުގެތެރޭގައި ހިމެނޭ ކަމެކެވެ.

މި ވާހަކަ ދެއްކުންތަކުގައި އެމެރިކާ ވަފްދުގެ ވެރިއަކީ ޚާރިޖީ ވަޒީރުގެ ނައިބާ ވިންޑީ ޝަރމަނެވެ. ރަޝިޔާ ވަފްދުގެ ވެރިއަކީ ޚާރިޖީ ވަޒީރުގެ ނައިބު ރިޔާބިކޯފެވެ. އެމެރިކާ ވަފްދުގެ މެންބަރުންގެ ތެރޭގައި ވަރަށް ފަހުން އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބާކަމަށް އިސްކުރެވުނު ޕޯނީ ޖެންކިންސް ވެސް ހިމެނިވަޑައިގަންނަވައެވެ. ޖެންކިންސަކީ އެމެރިކާގެ ޚާރިޖިއްޔާގައި ހަތިޔާރާ ބެހޭ އިދާރާ ބަލަހައްޓަވާ މަސްއޫލުވެރިއާއެވެ.

ވޮޝިންގްޓަންގައި ހުންނަވާ ރޫސީ ސަފީރު އެނަޓޮލީ އެންޓަނޯފާ ޙަވާލާދީ ރޮއިޓާޒުން ބުނިގޮތުގައި "މި ވާހަކަދެއްކުންތައް ފުޅައުކޮށް އިތުރު ބާރުތައް ބައިވެރި ކުރެވެން ޖެހޭނެއެވެ. މޮސްކޯ ދެކޭގޮތުގައި މި ވާހަކަ ދެއްކުންތައް ފުޅައުކުރާއިރު ލަންޑަނާއި ޕެރިސް ބައިވެރި ކުރަން ޖެހޭނެއެވެ."

ރޫސީ ޚާރިޖިއްޔާއިން ފެތުރި މި ބަޔާން ބުނާގޮތުގައި ހަނގުރާމަތީ ނިޔުކްލިއަރ ބޯތަކުގެ ޢަދަދު 40 އިންސައްތައިން  260 ބޮލަށް މަދު ކުރުމަށް ލަންޑަނުން ހުށައަޅައިފައިވާ ހުށައެޅުމަކީ މި މައުޟޫޢުގައި ހިމެނޭ ވަރަށް މުހިއްމު ހުށައެޅުމެކެވެ.

ރޫސީ އިންޓަފެކްސް ނޫސްއޭޖެންސީއަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރގީ ރިޔަބިކޯފް ހާމަކުރެއްވި ގޮތުގައި ނިޔުކްލިއަރ ހަތިޔާރާ ބެހޭ ވާހަކަ ދެއްކުންތަކުގައި ޗައިނާ ބައިވެރި ކުރުމަށް ވޮޝިންގްޓަން އެދެއެވެ. ޖެނީވާގައި ބޭއްވުނު ސިއްރު ވާހަކަދެއްކުންތަކަކީ ރައީސް ބައިޑްނާއި ރައީސް ޕޫޓިނާ ދެމެދުގައި މި ހުސްވި މަހު ބޭއްވުނު ސަމިޓް ފުރިހަމަ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެ ދެ ރައީސުން ވިދާޅުވިގޮތުގައި އެ ދެބޭފުޅުންގެ ސަމިޓަކީ  ވަރަށް " ޞަރީޙަ ވަރަށް ސީދާ" ބައްދަލުކުރެއްވުމެކެވެ. ރަޝިޔާގެ ނައިބު ވަޒީރު ހާމަކުރެއްވި ގޮތުގައި ޖެނީވާ ވާހަކަދެއްކުންތައް ދެން ފެށޭނީ މި އަންނަ ސެޕްޓެންބަރު މަހުގައެވެ.

މި ބައްދަލުވުން ކުރިއަށް ދިޔަގޮތާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔަބިކޯފް ވިދާޅުވިގޮތުގައި ވާހަކަދެއްކުންތައް ކުރިއަށް ދިޔަގޮތާމެދު އޭނާ "ހިތްޕުޅު ހަމަޖެހެއެވެ."

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ޖެނީވާ ވާހަކަދެއްކުންތަކަކީ ވަރަށް "މައުޟޫޢީ" ވާހަކަދެއްކުންތަކެކެވެ. އޭނާ ވިދާޅުވިއެވެ. "ނުތަނަވަސްކަމުގެ ވަގުތުގައި ވެސް ނިޔުކްލިއަރ ހަނގުރާމައެއް ފެށުނަނުދިނުމަށް އަހުރެމެން މަސައްކަތް ކުރާނަމެވެ." އޭނާ ވިދާޅުވިގޮތުގައި އެމެރިކާއިން މި ބައްދަލުވުމާ ބެހޭ މަޢުލޫމާތުތައް ނޭޓޯގެ މެންބަރުންނާ ޙިއްސާ ކުރާނެއެވެ.

ރޫސީ ޚާރިޖިއްޔާއިން ބުނިގޮތުގައި ވާހަކަދެއްކުންތަކުގައި އިސްކަންދެވުނީ އިސްތިރާތީޖީ ހަމަޖެހުން ދެމެހެއްޓުމަށެވެ. އެހެނަސް ރަޝިޔާއިން ބުނިގޮތުގައި ހަތިޔާރު މަދުކުރުމާ ބެހޭގޮތުން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރާނެ ގޮތަކާ ބެހޭގޮތުން އެއްބަސްވުމަކަށް އަދި ނޭދެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *